ކ. މާލެ
|
29 ޑިސެންބަރ 2017 | ހުކުރު 14:34
ރަފައޭލް ނަދާލް: އޭނާ އަންނަނީ އޮސްޓްރޭލިއަން އޯޕަންއަށް ތައްޔާރުވުމަށް މަސައްކަތްކުރަމުން
ރަފައޭލް ނަދާލް: އޭނާ އަންނަނީ އޮސްޓްރޭލިއަން އޯޕަންއަށް ތައްޔާރުވުމަށް މަސައްކަތްކުރަމުން
ބީބީސީ
ބްރިސްބޭން އިންޓަނޭޝަނަލް
ބްރިސްބޭން އިންޓަނޭޝަނަލް އިން ނަދާލް ވަކިވެއްޖެ
 
އޭޓިޕީ ވޯލްޑް ޓުއާ ފައިނަލްސްގައި އޭނާގެ ކަކުލަށް ލިބުނު އަނިޔާ އަދިވެސް އެއްކޮށް ރަނގަޅެއް ނުވޭ

އަންނަ އަހަރުގެ ޓެނިސް ސީޒަން ހުޅުވުމަށް އޮސްޓްރޭލިއާގެ ބްރިސްބޭންގައި ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބްރިސްބޭން އިންޓަނޭޝަނަލް އިން، ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ރަފައޭލް ނަދާލް ވަކިވެއްޖެއެވެ.

ސްޕެއިންއަށް އުފަން އުމުރުން 31 އަހަރުގެ ނަދާލް މި މުބާރާތުން ވަކިވެފައި ވަނީ މިދިޔަ ސީޒަނުގެ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގައި އޭނާގެ ކަކުލަށް ލިބުނު އަނިޔާ އަދިވެސް އެއްކޮށް ރަނގަޅުވެފައި ނުވާތީ ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ބުނެފައި ވަނީ މިދިޔަ ސީޒަނަކީ ވަރަށް ދިގު ސީޒަނެއް ކަމަށާއި އަންނަ ސީޒަނަށް ތައްޔާރުވުމަށް ލިބިފައި ވަނީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށެވެ. އެހެންކަމުން އަނިޔާއިން އެއްކޮށް ރަނގަޅުވުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށް އޭނާ ބުނެފައިވެއެވެ. ނަދާލް ވަނީ އަބޫދާބީގައި މި ހަފްތާ ބޭއްވި މުބަދާލާ ވޯލްޑް ޓެނިސް ޗެމްޕިއަންޝިޕުން ވެސް ވަކިވެފައެވެ.  

އެހެން ނަމަވެސް އަންނަ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރާނެ ކަމަށް ނަދާލް ވަނީ ބުނެފައެވެ. އެގޮތުން އޭނާ ބުނީ މެލްބަންއަށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ދާނެ ކަމަށާއި އެ އަށް ފަހު އޮސްޓްރޭލިއަން އޯޕަންއަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފައްޓާނެ ކަމަށެވެ.

މިދިޔަ ސީޒަނުގެ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުގައި ނަދާލް ބަލިކުރުމުށް ފަހު ތަށި އުފުލާލި ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ ވެސް ވަނީ މި ފެށޭ ސީޒަނުގައި ވެސް އެ މުބާރާތުގައި ވާދަކުރާނެކަން އިއުލާނުކޮށްފައެވެ. އޭނާ ބުނީ މުބާރާތުގެ ތައްޔާރީތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި ތަށި ހޯދުމުގެ އުއްމީދުގައި ހުރި ކަމަށެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން ކުރީގެ ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ ކަމަށްވާ އިނގިރޭސިވިލާތުގެ އެންޑީ މަރޭ ވެސް އޮސްޓްރޭލިއަން އޯޕަންގައި ފެނިގެންދާނެއެވެ. ބުރަކައްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން މަރޭއަށް މިދިޔަ ސީޒަނުގެ ގިނަ މުބާރާތްތަކެއް ގެއްލުނެއެވެ.

މި ފެށޭ ޓެނިސް ސީޒަން ވެގެންދާނީ ހުރިހާ ގޮތަކުން ވެސް ފޯރިގަދަ ސީޒަނަކަށެވެ. އަދި ނަދާލްއަށް އެއްވަނަ މަގާމު ދިފާއުކުރުން ވެގެންދާނީ އުނދަގޫ ކަމަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް