ކ. މާލެ
|
29 ޑިސެންބަރ 2017 | ހުކުރު 14:39
ކެވިން ޑެބްރައިނާ: މި ސީޒަނުގައި އާދަޔާ ހިލާފް މޮޅު ކުޅުމެއް އަންނަނީ ދައްކަމުން
ކެވިން ޑެބްރައިނާ: މި ސީޒަނުގައި އާދަޔާ ހިލާފް މޮޅު ކުޅުމެއް އަންނަނީ ދައްކަމުން
ގެޓީ އިމޭޖަސް
މެންޗެސްޓާ ސިޓީ
ސިޓީގެ މެސީއަކީ ޑެބްރައިނާ ކަމަށް ޒަވީ ބުނެފި
 
މިހާރު ސިޓީގައި އެ މަގާމު އަދާކުރަމުން އަންނަނީ ޑެބްރައިނާ
 
ޒަވީ ބުނެފައި ވަނީ ގާޑިއޯލާގެ ޓީމުތަކުން ހޯދާ ކާމިޔާބުތަކުގެ ފަހަތުގައި ހާއްސަ ކުޅުންތެރިޔެއް ހުންނަ ކަމަށް

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑެބްރައިނާއަކީ އެ ޓީމުގެ ލިއޮނެލް މެސީ ކަމަށް ބާސެލޯނާގެ ކުރީގެ ތަރި ޒަވީ ހަނާންޑޭޒް ބުނެފިއެވެ.

މި ސީޒަނުގައި ސިޓީ އިން ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އެ ޓީމު ވަނީ ޕްރިމިއާ ލީގުގެ ތާވަލުގެ ކުރީގައި 15 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ހަމައެހެންމެ އެ ޓީމުން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ވެސް ޖާގަ ހޯދާފައެވެ. މި ކާމިޔާބުގައި ސިޓީގެ އެންމެ މުހިންމު ކުޅުންތެރިޔެއްގެ ގޮތުގައި މި ސީޒަނުގައި ފާހަގަކުރެވިފައި ވަނީ ޑެބްރައިނާއެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޒަވީ ބުނެފައި ވަނީ ގާޑިއޯލާގެ ޓީމުތަކުން ހޯދާ ކާމިޔާބުތަކުގެ ފަހަތުގައި ހާއްސަ ކުޅުންތެރިޔެއް ހުންނަ ކަމަށާއި އެއީ އެ ޓީމު ގޮވައިގެން ކުރިޔަށް ގެންދާ ކުޅުންތެރިޔާ ކަމަށެވެ. އެގޮތުން ބާސެލޯނާއަށް ގާޑިއޯލާ ކޯޗުކަން ކޮށްދިންއިރު އެ މަގާމު އަދާކުރީ މެސީ ކަމަށާއި މިހާރު ސިޓީގައި އެ މަގާމު އަދާކުރަމުން އަންނަނީ ޑެބްރައިނާ ކަމަށެވެ.

އޭނާގެ ފައިގައި ބޯޅަ އޮންނަ ކޮންމެ ދަނޑިވަޅެއްގައި ތާފާތު ކަމެއް އޭނާ ކުރާ ކަމަށާއި އެއްވެސް ޓީމަކަށް ކޮންމެ މެޗަކުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅު ނުވެވޭނެ ކަމަށް ޒަވީ ބުނެފައިވެއެވެ. ޔުއެފާ ޗެމްޕިއަންސް ލީގު ފަދަ މުހިންމު މުބާރާތްތަކުގައި މިފަދަ ހާއްސަ ކުޅުންތެރިޔަކު ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ޑެބްރައިނާ ހުރުމުން ސިޓީ އިން އޭގެ ތަފާތު ދައްކަމުންދާ ކަމަށް ޒަވީ ބުނެފައިވެއެވެ.

ޑެބްރައިނާގެ ފަހަތުން ސިޓީގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ސްޕެއިންގެ ޑޭވިޑް ސިލްވާއާ ބެހޭ ގޮތުން ޒަވީ ބުނެފައި ވަނީ އޭނާ މިހާރު ހުރި ފޯމަކީ އޭނާގެ ކެރިއަރުގައި ވެސް އެންމެ ރަނގަޅު ފޯމު ކަމަށާއި ގާޑިއޯލާ ކައިރިން ސިލްވާ ވަރަށް ގިނަ ކަންކަން ދަސްކޮށްފައި ވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ޕްރިމިއާ ލީގުގައި މިހާރު ކުޅެމުންދާ އެންމެ ތޫނުފިލި ކުޅުންތެރިޔަކީ ސިލްވާ ކަމަށް ވެސް ޒަވީ ބުނެފައިވެއެވެ.

އޭނާ ބުނީ ސިޓީއިން މިހާރު ފެންނަމުންދަނީ "ބާސެލޯނާ ޑީއެންއޭ" ކަމަށާއި އެއީ ގާޑިއޯލާ ގެންގުޅޭ މޮޅުވުމުގެ ފޯމިއުލާގެ ސަބަބުން ކަމަށެވެ. ސިޓީ އިން ކުޅެމުން އަންނަނީ ޕްރިމިއާ ލީގުގެ އެންމެ ރީތި ފުޓްބޯޅަ ކަމަށާއި މި ހުރިހާ ކަމެއްގެ ވެސް މޭސްތިރިއަކީ ގާޑިއޯލާ ކަމަށް ޒަވީ ބުނެފައިވެއެވެ. އެގޮތުން އޭނާއަކީ ބަލިވުމަށް އެއްވެސް ކަހަލަ ފުރުސަތެއްދޭ މީހެއް ނޫން ކަމަށާއި އަބަދުވެސް ގާޑިއޯލާގެ އަމާޒަކީ ކުޅޭ މެޗަކުން މޮޅުވުން ކަމަށް ޒަވީ ބުނެފައިވެއެވެ.

ބަޔާން މިއުނިކް އާއި ބާސެލޯނާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު ގާޑިއޯލާ ސިޓީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އެ ޓީމު ނިންމާލީ ހުސް އަތާއެވެ. އެހެން ނަމަވެސް މި ސީޒަނުގައި ޑެބްރައިނާގެ ތަފާތު މޮޅު ކުޅުމާ އެކު އެ ޓީމުން އަންނަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި މި ވަގުތު އޮތީ ވެސް ޓޭބަލްގެ ކުރީގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް