ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 16:22
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު
ރާއްޖެއެމްވީ
ފީފާ ރޭންކިން
ފީފާ ރޭންކިން: ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް، ޖަރުމަނުން އަހަރު ނިންމާލީ އެއްވަނައިގައި އޮވެގެން
 
ރޭންކިންގެ ގަދަ 10 އަކަށް ބަދަލެއް އައިސްފައެއް ނުވޭ
 
ސަރަހައްދުގެ އެއްވަނައިގައި އޮތީ 105 ވަނައިގައި އޮތް އިންޑިއާ
 
މިފަހަރު ރާއްޖެއަށް ލިބުނީ 155 ވަނަ

ޑިސެމްބަރު މަހު ނެރުނު ފީފާ ރޭންކިންގައި ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް ލިބުނުއިރު އެއްވަނައިގައި އޮވެގެން 2017 ވަނަ އަހަރު ޖަރުމަނުން ނިންމާލައިފިއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާއިން ކޮންމެ މަހަކު އެއްފަހަރު ނެރޭ ރޭންކިންގައި ރާއްޖެއަށް މިފަހަރު ލިބިފައިވަނީ ދެ ދަރަޖައިގެ ކުރިއެރުމަކާއެކު 155 ވަނައެވެ. މި ސަރަހައްދުގެ އެއްވަނަ މިފަހަރު ވެސް އަވަށްޓެރި އިންޑިއާއިން ހޯދިއިރު ސާކްގެ ގައުމުތަކުގެ ތެރެއިން އެންމެ ދަށުން ރޭންކް ކުރެވިފައިވަނީ ޕާކިސްތާނެވެ. އެގޮތުން 105 ވަނައިގައި އިންޑިއާ ރޭންކް ކުރެވުނުއިރު ޕާކިސްތާން ރޭންކް ކުރެވިފައި ވަނީ 201 ވަނައިގައެވެ. އަފްޢާނިސްތާނަށް 148 ވަނަ ލިބޭއިރު 171 އަދި 187 ގައި ރޭންކް ކުރެވިފައި ވަނީ ނޭޕާލް އާއި ބޫޓާންއެވެ. 197 ވަނައިގައި ބަންގްލަދޭޝް އޮތްއިރު 200 ވަނައިގައި އޮތީ ސްރީލަންކާއެވެ.

ފީފާ ރޭންކިންގެ އެއްވަނަ ޖަރުމަނުން ދިފާއުކުރި އިރު އެ ޓީމަށް ލިބިފައި ވަނީ 1602 ޕޮއިންޓެވެ. އެހެންކަމުން އެ ޓީމު މިއަހަރު ނިންމާލާނީ ދުނިޔޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ރޭންކިންގެ ދެ ވަނައިން ފެށިގެން ދިހަ ވަނަ އާއި ހަމަޔަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ދެވަނައިގައި ބްރެޒިލް އޮތްއިރު ތިންވަނައިގައި އޮތީ ޕޯޗުގަލްއެވެ. ހަތަރުވަނައިގައި އާޖެންޓީނާ އޮތްއިރު ފަސްވަނައިގައި އޮތީ ބެލްޖިއަމްއެވެ. އެ ޓީމުގެ ފަހަތުން ހަވަނަ ސްޕެއިންއަށް ލިބޭއިރު ހަތްވަނައިގައި އޮތީ ޕޮލެންޑްއެވެ. އަށްވަނައިގައި ސްވިޓްޒަލޭންޑް އޮތްއިރު ނުވަ ވަނައިގައި އޮތީ ފްރާންސްއެވެ. އަދި ރޭންކިންގެ ދިހަ ވަނައިގައި އޮތީ ޗިލީއެވެ.

އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައިވަނީ 23 ވަނަ ލިބުނު ސެނެގޯލްއެވެ. އުތުރު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކުރެވިފައި ވަނީ 16 ވަނައިގަ އޮތް މެކްސިކޯއެވެ. ހަމައެހެންމެ ދެކުނު އެމެރިކާގެ އެންމެ މަތީ ރޭންކިން ދެވަނައިގައި އޮތް ބްރެޒިލްއަށް ލިބޭއިރު އޭޝިއާގެ އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 32 ވަނައިގައި ރޭންކް ކުރެވިފައިވާ އީރާންއެވެ. އޯޝޭނިއާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައިވަނީ 121 ވަނައިގައި ރޭންކް ކުރެވިފައި އޮތް ނިއުޒިލޭންޑެވެ.

މިފަހަރުގެ ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އޯޝޭނިއާގެ ގައުމެއް ކަމަށްވާ ވަނުއާޓޫއެވެ. އެ ޓީމުން 28 ދަރަޖައިގެ ކުރިއެރުމެއް ހޯދިއިރު 13 ދަރަޖައިގެ ވެއްޓުމަކާއެކު އެންމެ ބޮޑު ވެއްޓުމެއް މިފަހަރު ލިބިފައިވަނީ މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށްވާ ނިކަރަގުއާއަށެވެ.

ފީފާ ރޭންކިން ދެން ޝާއިއުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް