ކ. މާލެ
|
19 ޑިސެންބަރ 2017 | އަންގާރަ 16:36
ކެވިން ޑެބްރައިނާ: އޭނާ ސިޓީއާ އެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2021 ވަނަ އަހަރު
ކެވިން ޑެބްރައިނާ: އޭނާ ސިޓީއާ އެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2021 ވަނަ އަހަރު
ގެޓީ އިމޭޖަސް
މެންޗެސްޓާ ސިޓީ
ޑެބްރައިނާގެ ކޮންޓްރެކްޓް ސިޓީ އިން އާކުރަނީ
 
އާ ކޮންޓްރެކްޓުގެ ދަށުން އޭނާއަށް ހަފްތާ އަކު 210،000 ޕައުންޑުގެ މުސާރައެއް ލިބިގެންދާނެ
 
ވޮލްފްސްބާގަށް ކުޅެމުން ދަނިކޮށް އޭނާ ސިޓީއަށް ބަދަލުވީ 55 މިލިއަން ޕައުންޑްގެ ފީއަކަށް
 
އޭނާ ސިޓީއާ ގުޅިފައި ވަނީ 2015 ވަނަ އަހަރު

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑެބްރައިނާގެ ކޮންޓްރެކްޓް އެ ޓީމުން އައުކުރުމަށް ނިންމައިފިއެވެ.

މި ސީޒަނުގައި ސިޓީ އިން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު އެ ޓީމުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔަކީ ޑެބްރައިނާއެވެ. އުމުރުން 26 އަހަރުގެ ޑެބްރައިނާ ވޮލްފްސްބާގް ދޫކޮށް 2015 ވަނަ އަހަރު ސިޓީއާ ގުޅިފައި ވަނީ 55 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އެފަހަރު އޭނާ ސޮއިކުރީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެންކަމުން އޭނާ މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރުއެވެ.

އެހެން ނަމަވެސް ސިޓީ އިން ވަނީ މި ކޮންޓްރެކްޓް ހަމަވުމުގެ ކުރިން އޭނާއަށް އާ ކޮންޓްރެކްޓެއް ދިނުމަށް ނިންމާފައެވެ. އެގޮތުން މި ސީޒަނުގައި ހަ ލަނޑު ޖަހައި އަށް އެސިސްޓް ހަދާފައިވާ ޑެބްރައިނާގެ ފަރާތުން ފެންނަމުންދާ ކުޅުމާ މެދު ސިޓީގެ ބޯޑުން ވަރަށް ހިތްހަމަޖެހޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޑެބްރައިނާއަށް ލިބެނީ ހަފްތާއަކު 115،000 (އެއް ލައްކަ ފަނަރަ ހާސް) ޕައުންޑެވެ. އަންނަ މަހުގެ ތެރޭގައި އޭނާ ސޮއެ ކުރުމަށް ހަމަޖެހިފައިވާ އައު ކޮންޓްރެކްޓުގެ ދަށުން އޭނާއަށް ހަފްތާއަކު 210،000 (ދެ ލައްކަ ދިހަ ހާސް) ޕައުންޑުގެ މުސާރައެއް ލިބިގެންދާނެއެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ސޮއި ކުރާނީ އަނެއްކާ ވެސް ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

މިކަމާ ގުޅޭ ގޮތުން ޑެބްރައިނާ ބުނީ ފުޓްބޯޅައިގައި ކަންކަން ހިނގަމުންދަނީ ވަރަށް އަވަސް ސްޕީޑެއްގައި ކަމަށާއި ކްލަބުގައި ހުރީ ހިތްހަމަޖެހިގެން ކަމަށެވެ. އެހެން ކްލަބަކަށް ދިޔުމުގެ ޝައުގެއް ނެތް ކަމަށާއި ސިޓީއަށް ބަދަލުވުމަށް ނިންމި ނިންމުމަކީ ހަޔާތުގައި ނިންމުނު އެންމެ ރަނގަޅު އެއް ނިންމުންގެ ގޮތުގައި ދެކޭ ކަމަށް ޑެބްރައިނާ ބުނެފައިވެއެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ޑެބްރައިނާއަށް އާ ކޮންޓްރެކްޓެއް ހުށަހެޅުމަށް ނިންމާފައިވާ ކަމުގެ އިޝާރާތެއް ދީފައެވެ. އެގޮތުން ގާޑިއޯލާ ބުނީ އޭނާގެ މުޅި ޓީމުގެ ކުޅުން ބިނާ ވެފައި ވަނީ ޑެބްރައިނާގެ ކުޅުމަށް ކަމަށާއި ޑެބްރައިނާގެ ކުޅުން ރަނގަޅުވެއްޖެ ނަމަ ޓީމުން ވެސް ހޯދާނީ ރަނގަޅު ނަތީޖާ ކަމަށެވެ. ގާޑިއޯލާ ބުނީ ޑެބްރައިނާއަކީ ނަމޫނާއެއްގެ ގޮތުގައި ޒުވާން ކުޅުންތެރިން ބަލައިގަންނަން ޖެހޭ ކުޅުންތެރިޔެއް ކަމަށެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސިޓީއަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފަނާންޑީނިއޯގެ ކޮންޓްރެކްޓް އާކުރުމަށް ވެސް އެ ޓީމުން ވަނީ ނިންމާފައެވެ. ސިޓީއާ އެކު ފަނާންޑީނިއޯ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ މި ސީޒަނުގެ ނިޔަލަށެވެ. ހަމައެހެންމެ އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ފޯވާޑް ގެބްރިއެލް ޖީސަސް އަދި ކީޕަރު އެޑާސަން މޮއާރޭސްގެ ކޮންޓްރެކްޓް ވެސް އާކުރުމަށް ވަނީ ނިންމާފައެވެ.

ސިޓީއަށް މިހާތަނަށް ކުޅުނު 79 މެޗުގައި އޭނާ 19 ލަނޑު ޖަހާފައިވާއިރު އޭނާވަނީ ސިޓީއާ އެކު 2016 ވަނަ އަހަރުގެ ފުޓްބޯޅަ ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. ބެލްޖިއަމްގެ ގައުމީ ޓީމުގައި ވެސް މުހިންމު ރޯލެއް އަދާކުރަމުން އަންނަ ޑެބްރައިނާ ވަނީ އެ ޓީމަށް ކުޅުނު 58 މެޗުގައި 13 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް