ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 08:34
ލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ލިވަޕޫލްއާއި ޔުނައިޓެޑު ވެސް މޮޅުވެއްޖެ
 
ރަށުން ބޭރުގައި 4-0 ގެ ނަތީޖާއަކުން ބޯންމައުތް ބަލިކޮށް ލިވަޕޫލްވަނީ ގަދަ ހަތަރަކުން ޖާގަ ހޯދާފަ
 
ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ކުޅުނު މެޗުތަކުން އެ ދެ ޓީމު ވެސް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުން ބަލިވުމާއެކު ވެސްޓް ބްރޮމްވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ޔުނައިޓެޑުންނެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ލީޑު ނަގައިދިނީ ރޮމެލޫ ލުކާކޫއެވެ. މި ލަނޑަށް ފަހުވެސް ޔުނައިޓެޑްއިން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 35 ވަނަ މިނެޓުގައި ޖެސޭ ލިންގާޑް ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދީފައެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ޔުނައިޓެޑްއިން ފުރަތަމަ ހާފު ނިންމާލިއިރު ވެސްޓް ބްރޮމްއިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 77 ވަނަ މިނެޓުގައި ޖޮނީ އިވާންސް ތަނަވަސްކޮށްދިން ފުރުސަތަކުން ގެރެތް ބެރީ ވަނީ ލަނޑެއް ޖަހައިދީ އެ ޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މި ލަނޑަށްފަހު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައިރު ދެ ޓީމުން ކުރެ ޓީމަކަށް އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.

 ރަށުން ބޭރުގައި 4-0 ގެ ނަތީޖާއަކުން ބޯންމައުތް ބަލިކޮށް ލިވަޕޫލްވަނީ ގަދަ ހަތަރަކުން ޖާގަ ހޯދާފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި އެންޑްރޫ ރޮބާޓްސަން ތަނަވަސްކޮށްދިން ފުރުސަތަކުން ލިވަޕޫލްއަށް ޖަހައިދިނީ ފިލިޕޭ ކުޓިނިއޯއެވެ. އޭގެ ހަ މިނެޓު ފަހުން ޑެޖާން ލޮވްރެން ވަނީ ލަނޑެ ޖަހައިދީ ލިވަޕޫލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް މުހައްމަދު ސަލާހްވަނީ އޭނާ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޖެހި 21 ވަނަ ލަނޑު ޖަހައި ލިވަޕޫލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ތިން ލަނޑުގެ ލީޑެއްގައި އޮވެ ލިވަޕޫލްއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ކުޓީނިއޯ ތަނަވަސްކޮށްދިން ފުރުސަތަކުން ރޮބާޓޯ ފިރްމީނޯ ވަނީ ލިވަޕޫލްއިން މެޗުގައި ޖެހި ހަތަރުވަނަ ލަނޑު އެ ޓީމަށް ޖަހައިދީފައެވެ.

ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި 52 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެވަނައިގައި 41 ޕޮއިންޓާއެކު އޮތީ ޔުނައިޓެޑްއެވެ. ތިންވަނައިގައި 38 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު 34 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ ލިވަޕޫލްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
33%
0%
0%
67%
0%
ކޮމެންޓް