ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 08:30
ބްރެޒިލްގެ މިޑްފީލްޑަރ ކަކާ (ވ) އަދި ލުއިސް ފަބިއާނޯ 2010 ވަނަ އަހަރުގެ ފީފާ ވާރލްޑް ކަޕްގައި ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ
ބްރެޒިލްގެ މިޑްފީލްޑަރ ކަކާ (ވ) އަދި ލުއިސް ފަބިއާނޯ 2010 ވަނަ އަހަރުގެ ފީފާ ވާރލްޑް ކަޕްގައި ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ
އޭޕީ
ކަކާ
ބްރެޒިލްގެ މިޑްފީލްޑަރ ކަކާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި
 
އޭނާ އަށް އޭސީ މިލާނުގެ ސްޕޯޓިންގ ޑިރެކްޓަރެއްގެ މަގާމް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނޭ
 
ބްރެޒިލްގެ ސައު ޕައުލޯ އިން ކެރިއަރު ފެށި ކަކާ ވަނީ އޭސީ މިލާނާއި ރެއާލް މެޑްރިޑަށް ކުޅެފަ
 
އޭނާ އެންމެ ފަހުން ކުޅުނީ އެމްއެލްއެސްގެ އޯލަންޑޯ ސިޓީ އަށް

އިޓަލީގެ އޭސީ މިލާނާއި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުނު ބްރެޒިލްގެ މީޑްފީލްޑަރ ކަކާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ބްރެޒިލްގެ ސައު ޕައުލޯ އިން ފުޓްބޯޅަ ކެރިއަރު ފެށި ކަކާ، ކުޅުން ހުއްޓާލިކަން އިޢުލާން ކުރިއިރު އޭނާ އެންމެ ފަހުން ކުޅެފައިވަނީ އެމެރިކާގެ މޭޖަރ ލީގް ސޮކަރ (އެމްއެލްއެސް) ގެ އޯލަންޑޯ ސިޓީ އަށެވެ.

ތިރިސް ފަސް އަހަރުގެ މިޑްފީލްޑަރ އެ ކްލަބަށް ކުޅުނު އެންމެ ފަހު މެޗަކީ، މިދިޔަ އޮކްޓޯބަރު މަހު ނިމުނު އެމްއެލްއެސްގެ ފުޓްބޯޅަ ސީޒަނުގައި ފަހު މެޗެވެ. އޭގެ ފަހުން މިދިޔަ ނޮވެމްބަރު މަހު އޭނާ އަށް އިޓަލީގެ ކްލަބް އޭސީ މިލާނުން، ސްޕޯޓިންގ ޑިރެކްޓަރެއްގެ މަގާމް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ކަކާ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި ތިން އެވޯޑް ކަމަށްވާ ފީފާ ވާރލްޑް ކަޕާއި، ޔޫރަޕިއަން ކަޕް ނުވަތަ ޔޫރަޕިއަން ޗެމްޕިއަންސް ލީގާއި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑޯ އެވޯޑް ކާމިޔާބު ކޮށްފައިވާ އަށް ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ އެވެ. ކަކާގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި ތިން އެވޯޑް ހޯދާފައިވާ ކުޅުންތެރިންނަކީ ބޮބީ ޗާލްޓަން، ގާޑް މުލާ، ފްރެންސް ބެކެމްބާ، ޕައޮލޯ ރޮސީ، ޒައިނުއްދީން ޒިދާން، އަދި ބްރެޒިލްގެ ރިވާލްޑޯގެ އިތުރުން ރޮނާލްޑީނިއޯ އެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް 92 މެޗު ކުޅެ، 29 ލަނޑު ޖަހާދީފައިވާ ކަކާ ވަނީ، ބްރެޒިލް އާއެކު 2002 ވަނަ އަހަރުގެ ފީފާ ވާރލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން އޭނާ ވަނީ އިޓަލީގެ އޭސީ މިލާނާއެކު 2007 ވަނަ އަހަރުގެ ޔުއޭފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ހަމަ އެއަހަރު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދާ، ބެލޮންޑޯ އެވޯޑް ކާމިޔާބުކޮށްފައެވެ.

އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކޮށްފައިވަނީ އިޓަލީގެ އޭސީ މިލާންގައެވެ. 2003 ވަނަ އަހަރާއި 2009 ވަނަ އަހަރާއި ދެމެދު އިޓަލީގެ އޭސީ މިލާނަށް ކުޅެ، އޭނާ ވަނީ އެކްލަބާއެކު 2004 ވަނަ އަހަރުގެ އިޓާލިއަން ލީގު އަދި 2007 ވަނަ އަހަރުގެ ޔުއޭފާ ޗެމްޕިއަންސް ލީގުގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

އޭގެ ފަހުން 2009 ވަނަ އަހަރު، 56 މިލިއަން ޕައުންޑުގެ އަގަކަށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވިއެވެ. އެއީ އޭރުގެ ދުނިޔޭގެ ރެކޯޑެކެވެ. ރެއާލް މެޑްރިޑާއެކު ކަކާ ވަނީ 2011 ވަނަ އަހަރުގެ ސްޕެނިޝް ކަޕް އަދި 2012 ވަނަ އަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ.

ކަކުލަށް ލިބުނު އަނިޔާތަކާއި ގުޅިގެން ކެރިއަރު އަޑިއަޅާލުމަށްފަހު ކަކާ ދެވަނަ ފަހަރަށް އޭސީ މިލާނާއި ގުޅުނީ 2013 ވަނަ އަހަރު އެވެ. އަދި އެކްލަބުގައި އެއް ސީޒަން ހޭދަކުރުމަށްފަހު އެމްއެލްއެސްގެ އޯލަންޑޯ އަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް