ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 08:39
މަޓުއިޑީ މި މެޗުގައި ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
މަޓުއިޑީ މި މެޗުގައި ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
އިޓާލިއަން ސެރީއޭ
އިޓާލިއަން ސެރީއޭ: ނަޕޯލީ ފަހަތުގައި ޔުވެންޓަސް ވިއްދައިފި
 
ސެރީއޭގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 42 ޕޮއިންޓާއެކު އޮތީ ނަޕޯލީ
 
އޭސީ މިލާންވަނީ 3-0 ގެ ނަތީޖާއަކުން ހެލާސް ވެރޯނާ އަތުން ބަލިވެފައި
 
ބޮލޯންޔާއާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް މޮޅުވެފައިވަނީ 3-0 ގެ ނަތީޖާއަކުން

އިޓާލިއަން ސެރީއޭގައި ކުޅުނު މެޗު ކާމިޔާބުކޮށް އެއްވަނައިގައި އޮތް ނަޕޯލީގެ ފަހަތުގައި ޔުވެންޓަސްއިން ވިއްދައިފިއެވެ.

ރަށުން ބޭރުގައި ބޮލޯންޔާއާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް މޮޅުވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުވެންޓަސްގެ ފަރާތުން ވަނީ މޮޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެންގޮސްފައެވެ. އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ގިނަ ހުސް ފުރުސަތުތަކެއް މި މެޗުގައި ތަނަވަސްކޮށްފައެވެ. ބޮލޯންޔާގެ ފަރާތުން މި މެޗުގައި ފެނިގެން ގޮސްފައިވަނީ ދަށް ކުޅުމެކެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ޔުވެންޓަސްއަށް ޖަހައިދިނީ އެ ޓީމަށް ކުޅެމުން އަންނަ ބޮސްނިއާގެ މިޑްފީލްޑަރު މިރާލެމް ޕިޔާނިޗްއެވެ. މި ލަނޑު އޭނާ ޖަހައިދިނީ ލިބުނު ހިލޭ ޖެހުމަކުންނެވެ. މި ލަނޑަށް ފަހުވެސް ޔުވެންޓަސްއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި ޕިޔާނިޗް ތަނަވަސްކޮށްދިން ފުރުސަތަކުން މަންޒުކިޗް ވަނީ ލަނޑެއް ޖަހާ ޔުވެންޓަސްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ޔުވެންޓަސްއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުންވަނީ ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ މި ސީޒަނުގައި އެ ޓީމާއި އަލަށް ގުޅުނު މިޑްފީލްޑަރު ބްލެއިޒް މަޓުއިޑީއެވެ. މިއީ ސެރީއޭގައި އޭނާ ޔުވެންޓަސްއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މި ހާފުގައި ގޮންޒާލޯ ހިގުއައިން އަދި ޕައުލޯ ޑިބާލާއަށް ވެސް ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ސެރީއޭގައި އޭސީ މިލާންވަނީ 3-0 ގެ ނަތީޖާއަކުން ހެލާސް ވެރޯނާ އަތުން ބަލިވެ ޕޮއިންޓް ތާވަލުގެ އަށްވަނައަށް ވެއްޓިފައެވެ. މި މެޗުގައި ހެލާސް ވެރޯނާގެ ލަނޑުތައް އެ ޓީމަށް ޖަހައިދިނީ އެންޓޯނިއޯ ކަރާސިއޯލޯ އާއި މޮއިސް ކީންގެ އިތުރުން ޑެނިއެލް ބެސާއެވެ. ރޯމާ ވެސް ވަނީ 1-0ގެ ނަތީޖާއަކުން ކަގްލިއާރީ ބަލިކޮށް ޕޮއިންޓް ތާވަލުގެ ހަތަރު ވަނައިގައި ހަމަޖެހިލާފައެވެ. މި މެޗުގައި ރޯމާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ފެޑެރީކޯ ފަޒިއޯއެވެ.

ސެރީއޭގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 42 ޕޮއިންޓާއެކު އޮތީ ނަޕޯލީއެވެ. އޭގެ ޕޮއިންޓެއް ފަހަތުން ދެވަނަގައި 41 ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު ތިންވަނައިގައި 40 ޕޮއިންޓާއެކު އޮތީ އިންޓަ މިލާންއެވެ. ހަމައެހެންމެ 38 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ އޭއެސް ރޯމާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް