ކ. މާލެ
|
17 ޑިސެންބަރ 2017 | އާދީއްތަ 17:35
އާސެނަލް އަށް ކުޅެމުން އަންނަ އެލެކްސަސް ސަންޗޭޒް
އާސެނަލް އަށް ކުޅެމުން އަންނަ އެލެކްސަސް ސަންޗޭޒް
ގޫގުލް
އެލެކްސަސް ސަންޗޭޒް
ޗައިނާ ލީގުގެ ހުށަހެޅުން ސަންޗޭޒް ރިޖެކްޓްކޮށްލައިފި
 
ސަންޗޭޒް ހޯދުމަށް ހެބެއި ޗައިނާ އިން ވަނީ ބިޑެއް ހުށަހަޅާފައި

އާސެނަލް އަށް ކުޅެމުން އަންނަ ޗިލީގެ ކެޕްޓަން އެލެކްސަސް ސަންޗޭޒް ހޯދުމަށް ޗައިނާ ލީގުގެ ކްލަބެއް ކަމަށްވާ ހެބެއި ޗައިނާ ފޯޗުން އިން ހުށަހެޅި ބިޑް އޭނާ ރިޖެކްޓްކޮށްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު ކުޅިވަރު މަޖައްލާއެއްކަމަށްވާ "ދަ ސަން" އިން ބުނީ ގިނަ ކްލަބްތަކުން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ސަންޗޭޒް ގެނައުމަށް ހެބެއި ޗައިނާ އިން ހަފްތާއަކު 400،000 ޕައުންޑު ލިބޭ މުސާރައެއް ހުށަހަޅާފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ހުށަހެޅުން ސަންޗޭޒް ގަބޫލްކޮށްފައި ނުވާ ކަމަށެވެ. 

މި ސީޒަނުގެ ނިޔަލަށް އާސެނަލްއާއެކު އެއްބަސްވުން ހަދާފައިވާ ސަންޗޭޒް ޖެނުއަރީ ޓްރާންސްފާގައި ވިއްކާލާނެކަމަށް ބެލެވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން އާސެނަލްގެ އެއްބަސްވުން އާކުރަން ސަންޗޭޒް ވަނީ ދެކޮޅު ހަދާފައެވެ.

ސަންޗޭޒްއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ސަންޗޭޒްގެ ޓްރާންސްފާއާ ބެހޭގޮތުން ވަކި އެއްޗެއް ބުނަން ނޭގޭ ކަމަށާއި، އެހެން ނަމަވެސް އުންމީދުކުރަނީ އޭނާ ކްލަބުގައި މަޑުކުރުން ކަމަށެވެ.

ބާސެލޯނާ އިން ވިދާލި ސަންޗޭޒް ވަނީ އެ ކްލަބަށް ކުޅުނު 141 މެޗުގައި 47 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ލަލީގާ، ކޮޕާޑެލްރޭ، ސްޕެނިޝް ސުޕާކަޕް ދެފަހަރު، ޔުއެފާ ސުޕާކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕްވެސް ކާމިޔާބުކޮށްފައެވެ.

ބާސާ ދޫކޮށްލުމަށްފަހު ސަންޗޭޒް އާސެނަލްއަށް ބަދަލުވީ 2014 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 160 މެޗުގައި 77 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އެ ކްލަބާއެކު އެފްއޭކަޕް ދެފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

ޗިލީ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ސަންޗޭޒް ވަނީ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް އެޓީމާއެކު ދެފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.  

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް