ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 16:07
ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ
ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ރެއާލް އާއި ވެލެންސިއާ ވެސް މޮޅުވެއްޖެ
 
ވެލެންސިއާ ވެސް ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ސެލްޓަ ވީގޯ ބަލިކޮށްފަ
 
ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވީ 5-0 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުތަކުން ރެއާލް މެޑްރިޑް އަދި ވެލެންސިއާ ވެސް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރެއާލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ޖެހި ހުރިހާ ލަނޑެއް ވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ.

މެޗުގެ ފުރަތަމަ ލަނޑު ތިންވަނަ މިނެޓުގައި ރެއާލްއަށް ޖަހައިދިނީ ޒުވާން ޑިފެންޑަރު ނާޗޯ ފަނާންޑޭޒްއެވެ. މި ލަނޑަށް ފަހު އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅު ވެގެން ދިޔައިރު މެޗުގެ 23 ވަނަ މިނެޓުގައި މާކޯ އަސެންސިއޯ ތަނަވަސްކޮށްދިން ފުރުސަތަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހައިދީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ރޮނާލްޑޯ ވަނީ އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑު ޖަހައި ރެއާލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ރެއާލްގެ ހަތަރު ވަނަ ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ޓޯނީ ކްރޫސް ޖަހައިދިން އިރު އެ ޓީމުގެ ފަސްވަނަ ލަނޑު 42 ވަނަ މިނެޓުގައި ޖަހައިދިނީ ޒުވާން ޑިފެންޑަރު އަޝްރަފް ހާކިމީއެވެ. މި ލަނޑު ޖެހުމާއެކު އޭނާ ވެގެން ގޮސްފައިވަނީ މި ގަރުނުގައި ރެއާލްއަށް ލަލީގާގައި ލަނޑު ޖެހި ކުޅުންތެރިންގެ ތެރެއިން ދެވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

މި ސީޒަނުގެ ލަލީގާގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ވެލެންސިއާ ވެސް ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ސެލްޓަ ވީގޯ ބަލިކޮށްފައެވެ. މި މެޗުގައި ވެލެންސިއާގެ ލަނޑުތައް ޖަހައިދިނީ ސައިމޮން ޒާޒާ އާއި ޑެނީ ޕަރޭހޯއެވެ. ސެލްޓަ ވީގޯއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ އިއާގޯ އަސްޕާސްއެވެ.

ލަލީގާގާއި އަލަވޭސް ވަނީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ލަސް ޕަލްމާސް ބަލިކޮށްފައެވެ. ޑިޕޯޓިވޯ ވެސް ވަނީ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ލެގަނޭސް ބަލިކޮށްފައެވެ. ގެޓާފޭ އާއި އެއިބާ ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި މެޗުތަކާއެކު ވެސް ލަލީގާގެ ޕޮއިންޓް ތާވަލަށް މާ ބޮޑެތި ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. އެގޮތުން ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 36 ޕޮއިންޓާއެކު ބާސެލޯނާ އޮތްއިރު ދެވަނައިގައި 34 ޕޮއިންޓާއެކު އޮތީ ވެލެންސިއާއެވެ. ތިންވަނައިގައި އެއް މެޗު އިތުރަށް ކުޅެގެން 31 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑްއެވެ. ހަތަރު ވަނައިގައި 30 ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯ މެޑްރިޑްއެވެ. އަދި ފަސް ވަނައިގައި 28 ޕޮއިންޓާއެކު އޮތީ ސެވިއްޔާއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް