ކ. މާލެ
|
9 ޑިސެންބަރ 2017 | ހޮނިހިރު 19:46
ހޯސޭ މޮރީނިއޯ - މި ސީޒަނުގައި ޔުނައިޓެޑަށް އޭނާ އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދައިދެމުން
ހޯސޭ މޮރީނިއޯ - މި ސީޒަނުގައި ޔުނައިޓެޑަށް އޭނާ އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދައިދެމުން
ސްކައި ނިއުސް
ސިޓީ - ޔުނައިޓެޑް
ވައި ޖެހިލާއިރަށް ސިޓީގެ ކުޅުންތެރިން ވެއްޓޭ: މޮރީނިއޯ
 
ސިޓީގެ ކުޅުންތެރިން ވަރަށް ފަސޭހައިން ބެލެންސުން ކަޓާ ކަމަށާއި ކުޑަކޮށް ވައި ޖެހިލާއިރަށް އެ ޓީމުގެ ކުޅުންތެރިން ވެއްޓޭ
 
ސިޓީގެ ކުޅުންތެރިން ޑައިވް ކުރާކަމަށް މޮރީނިއޯ ތުހުމަތު ކޮށްފި

މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ވައި ޖެހޭއިރަށް ވެއްޓޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މި ދެ ޓީމުގެ ކުރިމަތިލުން އާދިއްތަ ދުވަހު ފެނިގެންދާއިރު މޮރީނިއޯ ވަނީ ސިޓީގެ ކުޅުންތެރިން ޑައިވް ކުރާ ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކާފައެވެ. މެންޗެސްޓާ ޑާބީއާއި ކުރިމަތިލާއިރު ސިޓީ އޮތީ ޔުނައިޓެޑަށްވުރެ އަށް ޕޮއިންޓް ކުރީގައެވެ. މި މެޗުން ޔުނައިޓެޑް ބަލިވެއްޖެނަމަ އެ ޓީމާއި ސިޓީއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު 11 އަށް ބޮޑުވެގެންދާނެއެވެ.

މެންޗެސްޓާ ޑާބީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ސިޓީގެ ކުޅުންތެރިން ވަރަށް ފަސޭހައިން ބެލެންސުން ކަޓާ ކަމަށާއި ކުޑަކޮށް ވައި ޖެހިލާއިރަށް އެ ޓީމުގެ ކުޅުންތެރިން ވެއްޓޭ ކަމަށެވެ. ސިޓީއަށް ޕެނަލްޓީ ލިބެނީ މިކަމުގެ ސަބަބުން ކަމަށް ބުނެ މޮރީނިއޯ ވަނީ އެ ޓީމުގެ ކުޅުންތެރިން ޑައިވް ކުރާކަމަށް ތުހުތުމަތު ކޮށްފައެވެ. މި ސީޒަނުގައި ހަތަރު ޕެނަލްޓީއާއެކު ޕްރިމިއާ ލީގުގައި އެންމެ ގިނަ ޕެނަލްޓީ ލިބިފައިވަނީ ސިޓީއަށެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އާސެނަލްގެ ކޯޗު އާސެން ވެންގާވެސް ވަނީ ސިޓީގެ ކުޅުންތެރިން ޑައިވް ކުރާ ކަމަށް ބުނެފައެވެ. އެގޮތުން ޕްރިމިއާ ލީގުގައި ސިޓީ އަތުން 3-1 ގެ ނަތީޖާއަކުން އާސެނަލް ބަލިވި މެޗުގައި ރަހީމް ސްޓާލިން ޑައިވް ކުރިކަމަށް ބުނެފައެވެ.

މޮރީނިއޯ ވަނީ ސިޓީއިން ކުޅުންތެރިން އިންޖަރީވެފައިވާ ކަމަށް ބުނެ ދޮގު ހަދާކަމަށް ވެސް ބުނެފައެވެ. އެގޮތުން ސިޓީގެ ކެޕްޓަން ޑޭވިޑް ސިލްވާއަށް އިންޖަރީ ވެފައިވާ ކަމަށް ބުނެ ސިޓީގެ ކޯޗު ގާޑިއޯލާ ދޮގު ހެދި ކަމަށް މޮރީނިއޯ ބުނެފައިވެއެވެ. އެހެން ނަމަވެސް ސިލްވާއަށް ޑާބީގައި ކުޅެވޭނެ ކަމަށް ސިޓީއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

ސިޓީއަށް ބަހުގެ ހަމަލާތަކެއް ދިން ނަމަވެސް މޮރީނިއޯ ވަނީ އެ ޓީމަށް ތައުރީފު ކޮށްފައެވެ. އޭނާ ބުނީ ސީޓީއިން ރަނގަޅަށް ޑިފެންޑް ކުރާ ކަމަށާއި ބޯޅަ ގެއްލުމުން ވެސް އެ ޓީމުން އަލުން އަނބުރާ ބޯޅަ ހޯދަން މަސައްކަތް ކުރާ ކަމަށެވެ. އެ ޓީމުގައި ތިބީ މޮޅު ކުޅުންތެރިން ކަމަށާއި އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާއަކީ ވެސް ތަފާތު ކޯޗެއް ކަމަށް އޭނާ ހާމަކުރިއެވެ. ސިޓީގެ ފަރާތުން މި ސީޒަނުގައި ފެންނަމުންދަނީ ވެސް ރީތި ބަލާހިތްވާ ޒާތުގެ ކުޅުމެއް ކަމަށްވެސް މޮރީނިއޯ ބުނެފައިވެއެވެ.

މޮރީނިއޯ އާއި ގާޑިއޯލާއަކީ ޔޫރަޕުގެ ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ކޯޗުންނެވެ. މި ދެ ކޯޗުންގެ ކުރިމަތިލުންތައް މީގެކުރިން ސްޕެއިންގައި ވެސް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ބާސެލޯނާގެ ކޯޗުގެ ގޮތުގައި ގާޑިއޯލާ ހުރިއިރު އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި ހުރީ މޮރީނިއޯއެވެ.

އާދިއްތަ ދުވަހުގެ މެންޗެސްޓާ ޑާބީ ވެގެންދާނީ ފޯރިގަދަ މެޗަކަށެވެ. މި ދެ ޓީމަކީ ވެސް އެއް ސިޓީއަކަށް ނިސްބަތްވާ ދެ ޓީމަށްވާއިރު އެކި މުބާރާތްތަކުގައި އެ ޓީމުގެ 174 ކުރިމަތިލުން ވަނީ ފެނިގެން ގޮސްފައެވެ. އޭގެތެރެއިން 72 މެޗުން ޔުނައިޓެޑް މޮޅިވެފައިވާއިރު ސިޓީއަށް މޮޅުވެވިފައިވަނީ 50 މެޗުންނެވެ. ބާކީ 52 މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

ލީގުގެ އެންމެ މޮޅު ޑިފެންސްއާއި އެންމެ މޮޅު އެޓޭކްގެ ކުރިމަތިލުން ފެށޭނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:30 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
33%
67%
ކޮމެންޓް