ކ. މާލެ
|
9 ޑިސެންބަރ 2017 | ހޮނިހިރު 19:43
ޕައޮލޯ ގުރެއިރޯ - އޭނާ ވަނީ 12 މަސް ދުވަހަށް ސަސްޕެންޑް ކުރެވިފައި
ޕައޮލޯ ގުރެއިރޯ - އޭނާ ވަނީ 12 މަސް ދުވަހަށް ސަސްޕެންޑް ކުރެވިފައި
ގެޓީ އިމޭޖަސް
ޕެރޫގެ ކެޕްޓަން ސަސްޕެންޑްވުން
ކޮކެއިންއަށް ޕޮސިޓްވްވެ ޕެރޫގެ ކެޕްޓަންއަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލިއްޖެ
 
ކޮކެއިންއަކީ ދުނިޔޭގެ އެންޓި ޑޯޕިން އެޖެންސީއިން 2017 ވަނަ އަހަރު މަނާކޮށްފައިވާ މާއްދާއެއް

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮސިޓިވްވެ ޕެރޫގެ ކެޕްޓަން ޕައޮލޯ ގުރެއިރޯއަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލިއްޖެއެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި އެ އިދާރާއިން ބުނެފައިވަނީ އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމަށް މިދިޔަ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު އާޖެންޓީނާގެ ބޮއިނިސްއައިރިސްގައި ކުޅުނު ކޮލިފައިން މެޗަށްފަހު ކުރި ޓެސްޓްތަކުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް އޭނާ ޕޮސިޓިވް ވެފައިވާ ކަމަށެވެ.

މި މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ގުރެއިރޯ ސަސްޕެންޑް ކޮށްފައިވާއިރު ކޮކެއިންއަކީ ދުނިޔޭގެ އެންޓި ޑޯޕިން އެޖެންސީއިން 2017 ވަނަ އަހަރު މަނާކޮށްފައިވާ މާއްދާތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

މި ޓެސްޓަށް ޕޮސިޓިވް ވުމާއިއެކު ގުރެއިރޯ ވަނީ ފީފާގެ އެންޓި ޑޯޕިން ގަވާއިދުގެ ހަވަނަ ނަމްބަރުގެ އިތުރުން އެ އިދާރާގެ ގަވާއިދުގެ 63 ވަނަ މާއްދާއާ ހިލާފުވެފައެވެ. މިކަމުގެ ސަބަބުން ފީފާއިން ވަނީ ފުޓްބޯޅައާ ގުޅުންހުރި ހުރިހާ ކަމަކުން ގުރެއިރޯ 12 މަސް ދުވަހަށް ސަސްޕެންޑްކޮށް އޭނާއަށް އަދަބު ދީފައެވެ. އޭނާގެ މި ސަސްޕެންޝަން ފެށުނު ތާރީހަކީ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ.

މި ސަސްޕެންޝަނުގެ ސަބަބުން އޭނާއަށް ކްލަބުގެ އެއްވެސް މެޗެއް ނުކުޅެވޭނެއެވެ. ހަމައެހެންމެ އޭނާއަށް ޕެރޫއިން ކުޅޭ އެއްވެސް ރަހުމަތްތެރިކަމުގެ މެޗެއްގައި ވެސް ނުކުޅެވޭނެއެވެ. އެންމެ ބޮޑު މުބާރާތެއްގެ ގޮތުގައި އޭނާއަށް ގެއްލޭނީ އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕްއެވެ.

ޕެރޫގެ ކެޕްޓަންއަށް ވޯލްޑް ކަޕުގައި ނުކުޅެވޭއިރު އެ ޓީމަކީ އަންނަ އަހަރު އޮންނަ ވޯލްޑް ކަޕުން ފުރުސަތު ހޯދި އެންމެ ފަހު ޓީމެވެ. އެގޮތުން އެ ޓީމު ވޯލްޑް ކަޕްއަށް ކޮލިފައިވީ ޕްލޭއޮފް މެޗުގައި 2-0 ގެ އެގްރިގޭޓް ނަތީޖާއަކުން ނިއުޒިލޭންޑުގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ ޓީމު ޕްލޭއޮފްއަށް ކޮލިފައިވީ ދެކުނު އެމެރިކާގެ ކޮލިފައިން ގްރޫޕުގެ ފަސް ވަނަ ހޯދައިގެންނެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ 1958 ވަނަ އަހަރުގެ ފަހުން ޕެރޫ ވޯލްޑް ކަޕުގައި ވާދަކުރާނެ ފުރަތަމަ ފަހަރަށެވެ. ވޯލްޑް ކަޕްއަށް ކޮލިފައިވި ދުވަހު ޕެރޫގެ ރައީސް ވަނީ އެ ދުވަހަކީ އެ ގައުމަށް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ގުރެއިރޯއަށް ބޮޑު އަދަބެއް ދީފައިވާއިރު އޭނާއަކީ ޕެރޫގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާވަނީ އެ ގައުމުގެ ގައުމީ ޓީމަށް ކުޅުނު 83 މެޗުގައި 32 ލަނޑު ޖަހައިދީފައެވެ. އުމުރުން 33 އަހަރުގެ ގުރެއިރޯއަކީ ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ނޮމިނޭޓްވި ޕެރޫއަށް ނިސްބަތްވާ ހަމައެކަނި ކުޅުންތެރިޔާއެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ބްރެޒިލްގެ ފްލެމިންގޯއަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް