ކ. މާލެ
|
9 ޑިސެންބަރ 2017 | ހޮނިހިރު 12:17
މިފަހަރުގެ މުބާރާތުގައި ބައިވެރިވި ކުޅުންތެރިން މުބާރާތް ނިންމާލުމަށް ފަހު އެއްކޮށް ފޮޓޯއަކަށް ހުއްޓިގެން
މިފަހަރުގެ މުބާރާތުގައި ބައިވެރިވި ކުޅުންތެރިން މުބާރާތް ނިންމާލުމަށް ފަހު އެއްކޮށް ފޮޓޯއަކަށް ހުއްޓިގެން
ޓްވިޓަރ
ޓްވިޓްސަލް
ޓްވިޓްސަލް 2017: އަންހެން ޗެމްޕިއަންކަން ޗެޕްސްއަށް، ޓީމް މޫޝަން ތަށި މިލްކް ކޮށްފި
 
ފިރިހެން ބައިގެ ޗެމްޕިއަންކަން ޓީމް މޫޝަން ހޯދީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ޓީމް ބާ ބަލިކޮށްގެން
 
އަންހެން ބައިގެ ޗެމްޕިއަންކަން ޓީމް ޗެޕްސްއިން ހޯދީ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ޓީމް ލިއޭ ބަލިކޮށްގެން
 
މިއީ 2009 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެއް

ދުނިޔޭގެ އެންމެ ބޮޑު އެއް ސޯޝަލް މީޑިއާ ނެޓްވޯކް ކަމަށްވާ ޓްވިޓާގައި އެންމެ ހަރަކާތްތެރި ދިވެހިންގެ މެދުގައި ބޭއްވި "ޓްވިޓްސަލް" މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ޓީމް ޗެޕްސް ހޯދިއިރު ފިރިހެން ބައިގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދައި ޓީމް މޫޝަން ތަށި މިލްކް ކޮށްފިއެވެ.

މި މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ޓީމް ޗެޕްސް އިން ހޯދީ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ޓީމް ލިއޭ ބަލިކޮށްގެންނެވެ. އެގޮތުން ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވެސް 1-1 އިން އެއްވަރުވެފައި އޮތުމާ ވިދިގެން ޖެހި ޕެނަލްޓީގައި ޓީމް ޗެޕްސް ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. ޓީމް ޗެޕްސްގެ ސްޕޮންސަރަކީ ޗެޕްސް ރިޒާވްޑްއެވެ. ހަމައެހެންމެ ޓީމް ލިއޭގެ ސްޕޮންސަރަކީ ލިއޭ އޮންލައިންއެވެ.

މި މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޓީމް މޫޝަން ހޯދީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ޓީމް ބާ ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮތުމާ ވިދިގެން ޖެހި ޕެނަލްޓީގައި ޓީމް މޫޝަން ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. ސޭންޑްވިޗް ބާ އިން ޓީމް ބާ ސްޕޮންސާކުރިއިރު ޓީމް މޫޝަންގެ ސްޕޮންސާއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މޫޝަން މުބާރިކްއެވެ.

މި އަހަރުގެ ފައިނަލުން މޮޅުވުމާ އެކު ޓީމް މޫޝަން އިން ވަނީ މި މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކޮށް ތަށި މިލްކްކޮށްފައެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 12 ޓީމެއް ބައިވެރިވިއިރު އޭގެ ތެރޭގައި ހިމެނުނީ އަންހެން ހަތަރު ޓީމާއި ފިރިހެން އަށް ޓީމެވެ. ޖުމްލަ 120 ކުޅުންތެރިޔަކު މިފަހަރުގެ މުބާރާތުގައި ފެނިގެން ދިޔައެވެ.

މި މުބާރާތުގެ އިތުރަށް ޓްވިޓްސަލްއިން އިސްނަގައިގެން "ޓްވިޓްސަލް ކެއާސް"ގެ ނަމުގައި މުޖްތަމައުގެ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފައިވެއެވެ.

އެގޮތުން މިއަހަރު މި ހަރަކާތުގެ ތެރެއިން އެހީވެފައި ވަނީ ކެއާ ސޮސައިޓީގައި ފަރުވާ ހޯދަމުންދާ ކުދިންނަށެވެ. އެގޮތުން ޓްވިޓްސަލް ކުރިޔަށްދިޔަ ވަގުތު ޓާފް ދަނޑުގައި ބެހެއްޓިފައި ހުރި ކެއާ ސޮސައިޓީގެ ޓެންޓަށް ޒިޔާރާތްކޮށް އެ ޖަމިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައި ކަމަށް އެ ފަރާތުން ބުނެއެވެ. މިދިޔަ އަހަރު ޓްވިޓްސަލް ކެއާސްއިން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ މީހުންނަށެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ހަރަކާތްތެރި ވެފައިވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް މުއާސަލާތީ ކުންފުނި ކަމަށްވާ ދިރާގެވެ.

މިއީ 2009 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތަކަށްވާއިރު މި މުބާރަތަށް ލިބޭ ތަރުހީބު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. އެގޮތުން މުބާރާތް ކުރިޔަށްދިޔަ ވަގުތު އެކި ޓީމުތަކަށް ސަޕޯޓްކުރަން ޓާފް ދަނޑަށް ގޮސްތިބި ގިނަ އަދަދެއްގެ 'ޓްވީޕްސް' ވަނީ މިފަހަރުވެސް ފެނިގެން ގޮސްފައެވެ. މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ސޯޝަލް މީޑިއާ އެކްސްކުލޫސިވް އިވެންޓްކަން ފާހަގަކޮށްލެވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
83%
0%
17%
0%
0%
ކޮމެންޓް