ކ. މާލެ
|
8 ޑިސެންބަރ 2017 | ހުކުރު 17:34
ހޯޕް ސޯލޯ: މި މަގާމަށް އޭނާ ވާދަކުރާނެކަން އިއުލާނުކުރީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި
ހޯޕް ސޯލޯ: މި މަގާމަށް އޭނާ ވާދަކުރާނެކަން އިއުލާނުކުރީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި
ގެޓީ އިމޭޖަސް
ހޯޕް ސޯލޯ
އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ސޯލޯ ވާދަކުރަނީ
 
އުމުރުން 36 އަހަރުގެ ސޯލޯ މި މަގާމަށް ވާދަކުރާއިރު އޭނާވަނީ އެ ގައުމުގެ އަންހެން ގައުމީ ޓީމަށް 202 މެޗު ކުޅެދީފައި
 
ސޯލޯއަކީ އެ މަގާމަށް ވާދަކުރާނެކަން އިއުލާނުކުރި ދެވަނަ އަންހެން ކެނޑިޑޭޓް
 
އޮލިމްޕިކްސްއަށް ފަހު ސޯލޯ އެމެރިކާގެ ގައުމީ ޓީމަށް މެޗެއް ކުޅެދީފައެއް ނުވޭ

އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އެ ގައުމުގެ އަންހެން ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ހޯޕް ސޯލޯ ވާދަކުރާނެކަން އިއުލާނުކޮށްފިއެވެ.

މިދިޔަ އަހަރު ބްރެޒިލްގެ ރިއޯޑެޖެނީރޯގައި ބޭއްވި އޮލިމްޕިކްސްއަށް ފަހު އެމެރިކާގެ ގައުމީ ޓީމަށް ސޯލޯ މެޗެއް ކުޅެދީފައެއް ނުވެއެވެ. ސޯލޯ ހުރީ ސްވިޑެންގެ ގައުމީ ޓީމަށް ނިސްބަތްކޮށް ބަދު ބަސްތަކެއް ބުނުމުގެ ސަބަބުން ހަ މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.

ސޯލޯގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ވަނީ އެމެރިކާގެ ފުޓްބޯޅައަށް ބޭނުންވާ ކަންކަން އެނގޭ ކަމަށާއި އެކަންކަން ކުރުމުގެ ގާބިލްކަން އޭނާގެ ކިބައިގައި އެބަހުރި ކަމަށް ބުނެފައި ވެއެވެ.

ހަމައެހެންމެ ތެދުވެރިކަމާއި އަމާނާތްތެރިކަ މާއެކު ކަންކަން ކުރުމުގެ ގާބިލްކަން އެބަހުރި ކަމަށާއި އެންމެނަށް ހަމަހަމަ ފުރުސަތު އޭނާގެ ޒައާމަތުގައި ލިބޭނެ ކަމަށެވެ. މީގެ އިތުރުން އެމެރިކާގެ އެކި ސަރަހައްދުތަކުގައި ފުޓްބޯޅަ ތަރައްގީކޮށް އެމެރިކާއަކީ ބައިނަލްލަގްވާމީ ފެންވަރުގައި ފުޓްބޯޅައިގެ ގަދަ ބާރަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ސޯލޯގެ މި ޕޯސްޓުގައި ވެއެވެ.

ސޯލޯ ވެގެން ގޮސްފައި ވަނީ މި މަގާމަށް ވާދަކުރާނެ ކަމަށް އިއުލާނުކުރި ނުވަވަނަ ކެނޑިޑޭޓަށެވެ. އަދި ސޯލޯއަކީ އެ މަގާމަށް ވާދަކުރާނެކަން އިއުލާނުކުރި ދެވަނަ އަންހެން ކެނޑިޑޭޓެވެ. އޭނާގެ އިތުރުން މޭޖާ ލީގް ސޮކާގެ މާކެޓިން ކުންފުނި ކަމަށްވާ ސޮކާ ޔުނައިޓެޑްގެ މާކެޓިން ޑިޕާޓްމެންޓާއި ހަވާލުވެގެން ހުރި ކެތީ ކާޓާ ވެސް ވަނީ މި މަގާމަށް ވާދަކުރާނެ ކަމަށް އިއުލާނުކޮށްފައެވެ.

އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އާ ރައީސަކު އިންތިހާބު ކުރަން ޖެހުނީ އެ މަގާމުގައި މިވަގުތު ހުރި ސުނިލް ގުލާޓީ ދެވަނަ ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް މި ހަފްތާގެ ކުރީކޮޅު އިއުލާނު ކުރެއްވުމާ ވިދިގެންނެވެ.

ސޯލޯ ބުނީ އޭނާގެ ކެމްޕެއިން ބިނާކުރާނީ އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ހިންގުން އިސްލާހުކޮށް އަންހެނުންގެ ހިއްސާ ފުޓްބޯޅައިގައި އިތުރުކޮށް ފުޓްބޯޅައަކީ އެމެރިކާގައި އަހަންމިއްޔަތުކަން ދޭ ކުޅިވަރެއްގެ ގޮތުގައި ހެދުމަށް ކަމަށެވެ.

އުމުރުން 36 އަހަރުގެ ސޯލޯ މި މަގާމަށް ވާދަކުރާއިރު އޭނާވަނީ އެ ގައުމުގެ އަންހެން ގައުމީ ޓީމަށް 202 މެޗު ކުޅެދީފައެވެ. ހަމައެހެންމެ 17 އަހަރަށް ދިގު ދެމިގެންދިޔަ ކެރިއަރުގައި އޭނާ ވަނީ އެ ގައުމަށް ދެ އޮލިމްޕިކް ރަން މެޑަލްގެ އިތުރުން 2015 ވަނަ އަހަރުގެ ފީފާ ވިމެންސް ވޯލްޑް ކަޕް ކާމިޔާބު ކޮށްދީފައެެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް