ކ. މާލެ
|
8 ޑިސެންބަރ 2017 | ހުކުރު 09:27
ރޮނާލްޑޯ ބެލެންޑޯއާ އެކު، އޭނާ ވަނީ މި އެވޯޑް ފަސް ފަހަރު ހޯދާފައި
ރޮނާލްޑޯ ބެލެންޑޯއާ އެކު، އޭނާ ވަނީ މި އެވޯޑް ފަސް ފަހަރު ހޯދާފައި
ގެޓީ އިމޭޖަސް
ބެލެންޑޯ އެވޯޑް
ބެލެންޑޯ އެވޯޑް ފަސްވަނަ ފަހަރަށް ރޮނާލްޑޯ ހޯދައިފި
 
މެސީވެސް ވަނީ ބެލެންޑޯ އެވޯޑް ފަސް ފަހަރު ހޯދާފައި

ފްރާންސް ފުޓްބޯލްއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށްދޭ ބެލެންޑޯ އެވޯޑް ފަސްވަނަ ފަހަރަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.

މިދިޔަ ސީޒަނުގައި ހުރިހާ މުބާރާތަކުން 42 ލަނޑު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ މި އެވޯޑު ހޯދިއިރު، އޭނާ ވަނީ ރެއާލްއާއެކު ޔުއެފާ ޗެމްޕިއަންސް ލީގު އަދި ސްޕެނިޝް ލަލީގާވެސް ކާމިޔާބުކޮށްފައެވެ.

މި އެވޯޑް ފަސްވަނަ ފަހަރަށް ހޯދާ ރޮނާލްޑޯ ވަނީ ބާސެލޯނާ އަށް ކުޅެމުން އަންނަ އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީއާ ހަމަހަމަ ކޮށްފައެވެ. މެސީވެސް ވަނީ މި އެވޯޑް ފަސް ފަހަރެއްގެ މަތިން ހޯދާފައެވެ.

އުމުރުން 32 އަހަރުގެ ރޮނާލްޑޯގެ ފަރާތުން މޮޅު ކުޅުމެއް މިދިޔަ ސީޒަނުގައި ފެނިގެންދިޔައިރު، އޭނާ ވަނީ 25 ލަނޑު ލަލީގާގައި ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި 12 ލަނޑު ކާމިޔާބުކޮށްފައެވެ.

މި އެވޯޑް ހޯދުމަށް ފަހު ރޮނާލްޑޯ ބުނީ ފަސްވަނަ ފަހަރަށް އެވޯޑް ހާސިލް ކުރެވުމުން ވަރަށް އުފާވެފައި ހުރި ކަމަށާއި، ކޮންމެ އަހަރަކުވެސް އެންމެ އުންމީދުކުރާ އެވޯޑަކީ ބެލެންޑޯ ކަމަށެވެ.

އެގޮތުން ރޮނާލްޑޯ ވަނީ އޭނާ އަށް ކްލަބުގައި އެހީވެދިން ހުރިހާ ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނީ އެ ކުޅުންތެރިންނަކީ ވަރަށް މުހިންމު ކުޅުންތެރިން ކަމަށާއި، މިދިޔަ ސީޒަން ކާމިޔާބު ސީޒަނަކަށްވީ އެ ކުޅުންތެރިންގެ ސަބަބުން ކަމަށެވެ.

މި އެވޯޑަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މިއީ ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް އެ މަޖައްލާގެ ފަރާތުން ދޭ އެވޯޑެކެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމަޔަށް "ފީފާ ބެލެންޑޯ" ގެ ނަމުގައި އެވޯޑް ދިން ނަމަވެސް "ފްރާންސް ފުޓްބޯލް" އިން ވަނީ މިދިޔަ އަހަރުން ފެށިގެން ފީފާއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ފަހު އަނެއްކާ ވެސް އެ މަޖައްލާގެ ނަމުގައި އެ އެވޯޑް ދޭން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް