ކ. މާލެ
|
7 ޑިސެންބަރ 2017 | ބުރާސްފަތި 12:40
ދެވަނަ ބުރުގެ ޖާގައެއް ލިބުމުން ޕޯޓޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ދެވަނަ ބުރުގެ ޖާގައެއް ލިބުމުން ޕޯޓޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ބެސިކްޓަސްއާ އެކު ޕޯޓޯ ވެސް ދެވަނަ ބުރަށް
 
މި ގްރޫޕުން ދެވަނަ ބުރަށް ކޮލިފައިވީ ޕޯޓޯ އަދި ބެސިކްޓަސް
 
ބެސިކްޓަސް ވަނީ 2-1 ގެ ނަތީޖާއަކުން ލީޕްޒީގް ބަލިކޮށްފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ތުރުކީގެ ބެސިކްޓަސް އަދި ޕޯޗުގަލްގެ އެފްސީ ޕޯޓޯ ޖާގަ ހޯދައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް 'ޖީ' ގައި ކުޅުނު އެންމެ ފަހު މެޗުގައި ބެސިކްޓަސް ވަނީ ރަށުން ބޭރުގައި މި ސީޒަނުގެ ޗެމްޕިއަންސް ލީގުން މުޅިން އަލަށް ފެނިގެންދިޔަ ޖަރުމަނުގެ އާރްބީ ލީޕްޒީގް 2-1 ގެ ނަތީޖާއަކުން ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ ލީޕްޒީގްއެވެ. އެހެން ނަމަވެސް މެޗުގެ 10 ވަނަ މިނެޓުގައި އަލްވާރޯ ނެގްރޭޑޯ ވަނީ ބެސިކްޓަސްއަށް ލަނޑެއް ޖަހައިދީ އެ ޓީމަށް މެޗުގެ ލީޑު ނަގައިދީފައެވެ. މި ލަނޑަށް ފަހު ލީޕްޒީގް އިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ހަމަލާ އުފެއްދުމަށް މަސައްކަތް ކުރިއެވެ. ފުރަތަމަ ހާފުގައި ލީޕްޒީގްއަށް ނަތީޖާ އެއްވަރު ކުރެވިފައެއް ނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ބެސިކްޓަސްއިން ފުރަތަމަ ހާފު ނިންމާލި އިރު އެ ޓީމުން ވަނީ މި ހާފުގައި ލީޑު ފުޅާކުރުމަށް އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ލީޕްޒީގްއަށް މެޗުގައި އިތުރު ހުރަސްތަކަކާ ކުރިމަތިވީ މެޗުގެ 82 ވަނަ މިނެޓުގައި އެ ޓީމުގެ ސްޓެފަން ސެންކާއަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

މި ކާޑަށް ފަހު ލީޕްޒީގްއަށް އިތުރު ގޮންޖެހުންތަކަކާ ދިމާވާނެ ކަމަށް ބެލެވުނު ނަމަވެސް އެ ޓީމުން ވަނީ މެޗުގެ 87 މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނަބީ ކެއިޓާއެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި ބެސިކްޓަސްގެ އެންޑަސަން ޓަލިސްކާ ވަނީ ލަނޑެއް ޖަހައިދީ އެ ޓީމު މި މެޗުން މޮޅުކޮށްދީފައެވެ. މި ލަނޑާއެކު 10 ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ ލީޕްޒީގްއިން ދެވަނަ ބުރަށް ކޮލިފައިވުމަށް ކުރަމުން އައި އުއްމީދުތައް ފުނޑުފުނޑު ވެގެންދިޔައެވެ.

މި  ގްރޫޕުގެ ދެވަނަ މެޗުގައި ޕޯޓޯ ވަނީ 5-2 ގެ ނަތީޖާއަކުން މިދިޔަ ސީޒަނު ފްރާންސްގެ ޗެމްޕިއަންކަން ހޯދި އޭއެސް މޮނާކޯ ބަލިކޮށްފައެވެ. މި މެޗުގައި ޕޯޓޯގެ ވިންސެންޓް އަބޫބަކަރް އެ ޓީމަށް ދެ ލަނޑު ޖަހައިދިން އިރު ޔާސިން ބްރަހިމީ އާއި އެލެކްސް ޓެޔޭސްގެ އިތުރުން ޓިކީނިއޯއެވެ. މޮނާކޯގެ ލަނޑުތައް ޖަހައިދިނީ ކަމިލް ގިލިކް އަދި ރަޑަމެއަލް ފަލްކާއޯއެވެ.

މި ގްރޫޕުން ދެވަނަ ބުރަށް ކޮލިފައިވީ ޕޯޓޯ އަދި ބެސިކްޓަސްއެވެ. އެގޮތުން ކުޅުނު ހަ މެޗުން ލިބުނު 14 ޕޮއިންޓާ އެކު ބެސިކްޓަސްއަށް ގްރޫޕުގެ އެއްވަނަ ލިބުނުއިރު 10 ޕޮއިންޓާ އެކު ގްރޫޕުގެ ދެވަނަ ލިބެނީ އެފްސީ ޕޯޓޯއަށެވެ. ހަމައެހެންމެ ހަތް ޕޮއިންޓާ އެކު ތިންވަނަ ލިބުނީ ލީޕްޒީގްއަށެވެ. މި ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގުގެ ނޮކްއައުޓް ބުރުން އެ ޓީމަށް ވަނީ ފުރުސަތު ލިބިފައެވެ. މި ގްރޫޕުގެ ފުލަށް ދެ ޕޮއިންޓާ އެކު ދިޔައީ މޮނާކޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް