ކ. މާލެ
|
6 ޑިސެންބަރ 2017 | ބުދަ 17:12
މެޗަށް ފަހު ރޯމާ ކުޅުންތެރިން އުފާފާޅުކުރަނީ
މެޗަށް ފަހު ރޯމާ ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ގްރޫޕް ސީގެ އެއްވަނަ ރޯމާ އަށް ދެވަނަ ޗެލްސީއަށް
 
ޗެލްސީ އަދި ރޯމާ އަށް ގްރޫޕް ޑީގައި ލިބުނީ 11 ޕޮއިންޓް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ގްރޫޕް ސީގެ އެއްވަނަ ރޯމާ ހޯދިއިރު، ޗެލްސީ ދެވަނަ ހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ގްރޫޕް ސީގައި ކުޅުނު މެޗުން ޗެލްސީ އެއްވަރުވީ އެޓްލެޓިކޯ މެޑްރިޑާ ވާދަކޮށް 1-1 ގެ ނަތީޖާއަކުންނެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެހެންނަމަވެސް ފުރަތަމަ ހާފްގައި ޗެލްސީ އަށް ވަނީ ލަނޑު ޖެހުމަށް ގިނަ ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާ އިން ދެޓީމު އެއްވަރުވެގެންނެވެ.

އެހެން ނަމަވެސް ދެވަނަ ހާފް ފެށިގެން އެޓްލެޓިކޯ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 56 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ނިގުއެޒްއެވެ. މި ލަނޑަށްފަހު ޗެލްސީން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް އެޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ.

ޗެލްސީން މެޗުގެ ނަތީޖާ ހަމަހަމަކުރީ 75 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެޓްލެޓިކޯގެ ސެވިކް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ރޯމާ މޮޅުވީ ގަރަބަގްއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ރޯމާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ގަރަބަގްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ފުރަތަމަ ހާފްގައި ގަރަބަގްގެ ފަރާތުން މޮޅު ޑިފެންސެއް ފެނިގެންދިޔަ އިރު، އެޓީމަށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ހޯދިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ރޯމާ އިން ވަނީ އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން 53 ވަނަ މިނެޓުގައި ޕެރޯޓީ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

މި ނަތީޖާއާ އެކު ރޯމާ ވަނީ ގްރޫޕްގައި ކުޅުނު ހަ މެޗުން 11 ޕޮއިންޓް ހަމަކޮށް، ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ގްރޫޕްގެ ދެވަނަ ލިބުނީ ރޯމާއާ އެއް އަދަދަކަށް ޕޮއިންޓް ހޯދި ޗެލްސީއަށެވެ. ޗެލްސީ އަށް ދެވަނަ ލިބުނީ އެގްރިގޭޓްގެ ތަފާތުންނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދަތުރުނުކޮށް، ޔޫރޮޕާ ލީގަށް ދިޔައީ އެޓްލެޓިކޯ މެޑްރިޑެވެ. އެޓީމަށް ލިބުނީ ހަތް ޕޮއިންޓެވެ. ގްރޫޕްގެ ފުލަށް ދިޔައީ ދެ ޕޮއިންޓާއެކު ގަރަބަގްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް