ކ. މާލެ
|
6 ޑިސެންބަރ 2017 | ބުދަ 07:18
ރަޝިޔާގެ އޮލިމްޕިކް ކޮންޓިންޖެންޓް
ރަޝިޔާގެ އޮލިމްޕިކް ކޮންޓިންޖެންޓް
ރޮއިޓަރސް
އޮލިމްޕިކް ގޭމްސް
ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިޔާ ބައިވެރިވުން މަނާކޮށްފި!
 
2014ވަނަ އަހަރު އޮލިމްޕިކްސްގައި ރަޝިޔާގެ އެތުލީޓުން މަނާ ބޭސް ބޭނުންކުރިކަން ވަނީ ފަޅާއަރާފައި

އަންނަ އަހަރު ބާއްވާ ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިޔާ ވާދަކުރުން ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީއިން މަނާކޮށްފިއެވެ.

އަންގާރަ ދުވަހު ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީ (އައި.އޯ.ސީ) އިން ނިންމާފައިވަނީ 2018ވަނަ އަހަރު ދެކުނު ކޮރެއާގެ ޕިޔޮންޗެންގްގައި ބާއްވާ ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިޔާއަށް ބައިވެރިނުވެވުނު ނަމަވެސް، ރަޝިޔާގެ އެތުލީޓިންނަށް ޤައުމު ތަމްސީލް ނުކުރާ ގޮތަށް މި މުބާރާތުގައި ވާދަކުރެވޭނެ ކަމަށެވެ. މިފިޔަވަޅު ރަޝިޔާއާ ދެކޮޅަށް އަޅާފައި މިވަނީ 2014ވަނަ އަހަރު ރަޝިޔާގެ ސޯޗީގައި ބޭއްވި އޮލިމްޕިކްސްގައި އެޤައުމުގެ ސަރުކާރުގެ އެހީގައި އެތްލީޓުން މަނާ ބޭސް ބޭނުންކުރިކަން ސާބިތުވުމާ ގުޅިގެންނެވެ. މަނާ ބޭސް ބޭނުންކުރި މައްސަލައިގައި ރަޝިޔާގެ 25 އެތުލީޓަކާ ދެކޮޅަށް ފިޔަވަޅު އަޅައި، މެޑަލް އަތުލާފައިވެއެވެ.

ރަޝިޔާ އާއި ދެކޮޅަށް ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީއިން މިފިޔަވަޅު އަޅާފައި މިވަނީ 17 މަސްދުވަހުގެ ދިގު ތަހުޤީޤަކަށްފަހުއެވެ. މި ތަހުޤީޤުގައި އިސްކޮށް ޙަރަކާތްތެރިވީ ސްވިޓްޒަލެންޑްގެ ކުރީގެ ރައީސް ސެމުއަލް ޝްމިޑްއެވެ.

އޮލިމްޕިކް ކޮމީޓީގެ ރައީސް ތޯމަސް ބަކް ވިދާޅުވީ ރަޝިޔާގެ ޢަމަލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ އޮލިމްޕިކް ކުޅިވަރުތަކާ ޖުމްލަކޮށް ކުޅިވަރުގެ ރޫޙާ ޚިލާފަށް ރަޝިޔާއިން ކުރިކަމެއްކަމަށެވެ.

އައި.އޯ.ސީގެ ތަހުޤީޤް ފަށާފައިވަނީ 2014ވަނަ އަހަރު ރަޝިޔާގައި ބޭއްވި ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިޔާގެ މަނާ ބޭސް ބޭނުންކުރޭތޯ ބަލާ އިދާރާގެ ލެބޯޓްރީގައި މަސައްކަތްކުރި ޑޮކްޓަރަކު ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން މަނާ ބޭހެއް ތައްޔާރުކުރިކަމަށާއި، އަދި މަނާ ބޭސް ބޭނުންކުރޭތޯ ޓެސްޓްކުރުމަށް ނަގާ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ބަދަލުކުރިކަމަށް އޭނާ މައުލޫމާތު ދީފައިވެއެވެ.

ރަޝިޔާގެ މަނާ ބޭސް ބޭނުންކުރުމުގެ މައްސަލަ ދިރާސާކޮށްފައިވަނީ މަނާ ބޭސް ބޭނުންކުރުން ހުއްޓުވުމާއި ބެހޭ ބައިނަލްއަޤްވާމީ އެޖެންސީއިންނެވެ.

އައި.އޯ.ސީއިން އަންނަ އަހަރު ބާއްވާ ފިނި މޫސުމުގެ އޮލިމްޕިކްސްއިން ރަޝިޔާ ބޭރުކޮށްފައިވާއިރު، ރަޝިޔާގެ ކުރީގެ ކުޅިވަރާބެހޭ ވަޒީރު އަދި ބޮޑުވަޒީރުގެ ނައިބު ވިޓަލީ މުޓްކޯއާއި ދެކޮޅަށްވެސް ފިޔަވަޅު އަޅާފައިވެއެވެ. އެގޮތުން ކުރިއަށް އޮތް އެއްވެސް އޮލިމްޕިކް މުބާރާތެއްގައި އޭނާގެ ބައިވެރިވުމެއް އޮތުން ވަނީ މަނާކޮށްފައެވެ. މުޓްކޯއަކީ އަންނަ އަހަރު ރަޝިޔާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ކަންތައް އިންތިޒާމްކުރާ އެންމެ އިސް އެއް ފަރާތެވެ. މިމައްސަލައިގައި ފީފާއިން އަންގާރަ ދުވަހު ބުނެފައިވަނީ ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީއިން ނިންމި ނިންމުމާއި ގުޅިގެން ވޯލްޑް ކަޕަށް އެއްވެސް އަސަރެއް ނުކުރާނެކަމަށެވެ. އަދި ވޯލްޑް ކަޕްގައި ބައިވެރިވާ ކުޅުންތެރިން މަނާ ބޭހަށް ޓެސްޓްކުރާނީ ރަޝިޔާއިން ބޭރުގައި ޤާއިމްކޮށްފައިވާ ލެބްތަކުންކަމަށް ފީފާއިން ބުނެއެވެ.

އޮލިމްޕިކް ކޮމޮޓީގެ ނިންމުމަށް ރަޝިޔާއިން ވަނީ ފާޑުކިޔާފައެވެ. އަދި ރަޝިޔާގެ ދިދައިގެ ދަށުން ބައިވެރު ނުވެވޭނަމަ ރަޝީޔާގެ އެތުލީޓުން މިމުބާރާތުގައި ބައިވެރިނުވުމަށް އެޤައުމުގެ ބައެއް އޮފިޝަލުން ދަނީ ގޮވާލަމުންނެވެ. އައި.އޯ.ސީގެ ނިންމުމާއި ގުޅިގެން ރަޝިޔާއިން އަދި ރަސްމީކޮށް ގޮތެއް ނިންމާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް