ކ. މާލެ
|
5 ޑިސެންބަރ 2017 | އަންގާރަ 19:19
ސެމީ ފައިނަލުގައި ޓީސީ ކުޅުނު މެޗުގެ ތެރެއިން
ސެމީ ފައިނަލުގައި ޓީސީ ކުޅުނު މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ
އެފްއޭ ކަޕް
އެފްއޭ ކަޕްގެ ފައިނަލް މާދަމާ ރޭ
 
ނިއު އިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި 4-0 އިން ގްރީން ސްޓްރީޓް ބަލިކޮށްގެން
 
ޓީސީ އިން ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ސެމީގައި 2-0 ގެ ނަތީޖާއަކުން މާޒިޔާ ބަލިކޮށްގެން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިޔަށް ގެންދާ އެފްއޭ ކަޕްގެ ފައިނަލް މެޗު މާދަމާ ރޭ އޮންނާނެއެވެ.

ގަލޮޅު ދަނޑުގައި ކުޅޭ ފޯރިގަދަ ފައިނަލް މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ނުވައެއް ޖަހާއިރުއެވެ.

ޓީސީ އިން ފައިނަލް މެޗުގެ ޖާގައެއް ކަށަވަރުކުރީ ސެމީގެ ފުރަތަމަ މެޗުގައި 2-0 އިން އެސްޓީއޯ މާލެ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްގެންނެވެ. މި މެޗުގައި ޓީސީ އިން ޖެހި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ މި ސީޒަނުގައި އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ފޯވާޑް އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު) އެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މި މެޗަކީ ވަރަށް އުނދަގޫވާނެ މެޗެއް ކަމަށާއި ނުކުންނަން މި ޖެހެނީ މި ސީޒަނުގެ މިހާތަނަށް އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ކަމަށެވެ. މި މެޗަކީ ފޯރިގަދަ މެޗަކަށް ހެދުމަށް ޓީސީ އިން މަސައްކަތް ކުރާނެ ކަމަށާއި ޓީސީ މެޗަށް ނުކުންނާނީ މެޗުން މޮޅުވެ ތަށި ހޯދަން ކަމަށް ވެސް ނިޒާމްބެ ބުނެފައިވެއެވެ.  

ނިއު އިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގްރީން ސްޓްރީޓް ބަލިކޮށްގެންނެވެ. މި މެޗުގައި ނިއުގެ ކެޕްޓަން އަލީ ފާސިރް (ސެންޓޭ) ހެޓްރިކެއް ހެދިއިރު އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ސެމީގައި ނިއުގެ ޓީމުން އަލީ އަޝްފާގު (ދަގަނޑޭ) އަދި އިބްރާހިމް ފަޒީލް (އޮއްޕޮ) ފެނިފައި ނުވާއިރު ފައިނަލް މެޗުގައި މި ދެ ކުޅުންތެރިން ވެސް ނިއުގެ ޓީމުން ފެނިގެންދާނެއެވެ.

މީގެ ކުރިން ނިއުގެ ކޯޗު އޮސްކާ ބްރޫޒޮން ބުނީ ނިއު މިވަގުތު އޮތް ފޯމުގައި އެ ޓީމު ބަލިކުރުން ވެގެންދާނީ އުނދަގޫ ކަމަކަށް ކަމަށާއި އިތުބާރާ އެކު އެ ޓީމު ކުޅެފި ނަމަ ކޮންމެ މެޗެއް ވެސް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މި މެޗަށް ނުކުންނައިރު މި ދެ ޓީމަށް ވެސް އޮތީ އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ޖާގައެއް ކަށަވަރުވެފައެވެ. ނިއުއިން އޭއެފްސީ ކަޕްގެ ޖާގައެއް ކަށަވަރުކުރީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. ޓީސީއަށް އޭއެފްސީ ކަޕްގެ ޖާގައެއް ލިބުނީ އެފްއޭ ކަޕްގެ ފައިނަލުން ޖާގައެއް ކަށަވަރުކޮށް ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދައިގެންނެވެ.

މި ދެ ޓީމު ވެސް ފައިނަލަށް ނުކުންނައިރު މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ސެމީގައި ވެސް މި ދެ ޓީމު ވާދަކުރިއެވެ. މި މެޗުގައި ނިއު ބަލިކޮށް އެފަހަރުގެ ފައިނަލުން ޖާގަ ހޯދީ ޓީސީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް