ކ. މާލެ
|
5 ޑިސެންބަރ 2017 | އަންގާރަ 16:38
ސާޖީ ރޮބާޓޯ - އޭނާ ބާސާއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2019 ވަނަ އަހަރު
ސާޖީ ރޮބާޓޯ - އޭނާ ބާސާއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2019 ވަނަ އަހަރު
ގެޓީ އިމޭޖަސް
ސާޖީ ރޮބާޓޯ
އައު ކޮންޓްރެކްޓެއްގައި ވަރަށް އަވަހަށް ސޮއެ ކުރާނަން: ރޮބާޓޯ
 
އޭނާގެ މުޅި ފުޓްބޯޅަ ކެރިއަރު ވޭތުކޮށްފައިވަނީ ބާސާގައި
 
މިދިޔަ ސީޒަނުން ފެށިގެން އޭނާ އަންނަނީ ބާސާގައި މޮޅު ކުޅުމެއް ދައްކަމުން
 
ކޮންޓްރެކްޓް އައު ކުރުމަށް ކުރެވެމުންދާ މަޝްވަރާތައް ވަރަށް ބާރަށް ކުރިޔަށް ދާ ކަމަށް ބުނި

އައު ކޮންޓްރެކްޓެއްގައި ވަރަށް އަވަހަށް ސޮއެ ކުރާނެ ކަމަށް ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ ހުނަރުވެރި މިޑްފީލްޑަރު ސާޖީ ރޮބާޓޯ ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ޗެލްސީއާއި އިޓަލީގެ ޔުވެންޓަސްއިން ރޮބާޓޯއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި އޭނާ ވަނީ ބާސާ އާއިއެކު އައު ކޮންޓްރެކްޓެއްގެ މަޝްވަރާ ކުރިޔަށްދާ ކަމަށް ބުނެފައެވެ. އޭނާއަކީ ހަގީގަތުގައި މިޑްފީލްޑަރެއްގެ ގޮތުގައި ކުޅުންތެރިޔަކަށް ވިޔަސް މިދިޔަ ސީޒަނުން ފެށިގެން އޭނާއަށް ބާސާގެ ފުރަތަމަ އެގާރައިން އާންމުކޮށް ޖާގަ ލިބެނީ އެ ޓީމުގެ ޑިފެންސް ލައިނުގެ ކަނާތް ފަޅިންނެވެ.

އިންޖަރީގެ ސަބަބުން މި ސީޒަނުގެ ކުރީކޮޅު އޭނާއަށް ގެއްލުނު ނަމަވެސް ރޮބާޓޯ އަންނަނީ އަނިޔާއިން އެނބުރި އައިސް ގަވާއިދުން ބާސާގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުންނެވެ. އެގޮތުން އޭނާވަނީ އެންމެ ފަހުން ބާސާގެ އަމިއްލަ ދަނޑުގައި އެ ޓީމު ސެލްޓަ ވީގޯއާއި 2-2 ނަތީޖާއަކުން އެއްވަރުވި މެޗުގައި 90 މިނެޓު ހަމަކޮށްފައެވެ.

ރޮބާޓޯ ބާސާ އާއިއެކު ހަދާފައިވާ އެއްބަސްވުން 2019 ވަނަ އަހަރުގެ ޖޫން މަހަށް ހަމަވާއިރު އޭނާ ބުނީ ކޮންޓްރެކްޓް އައު ކުރުމަށް ކުރެވެމުންދާ މަޝްވަރާތައް ވަރަށް ބާރަށް ކުރިޔަށް ދާ ކަމަށެވެ. އޭނާއަކީ އެންމެ ކުޑައިރުއްސުރެ ވެސް ބާސާގެ ކުޅުންތެރިޔެއް ކަމަށާއި އެހެންކަމުން އެއްވެސް މައްސަލައެއް ނުޖެހި ކޮންޓްރެކްޓް އައު ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ކޮންޓްރެކްޓުގައި ބާކީ ހުރީ ވަރަށް ކުދިކުދި ކަންކަން ކަމަށާއި އަވަސް މުސްތަގުބަލެއްގައި ހުރިހާ ކަމެއް ހަމަޖެހި ކޮންޓްރެކްޓްގައި އޭނާ ސޮއެކުރާ މަންޒަރު ފެނިގެންދާނެ ކަމަށް ރޮބާޓޯ ބުނެފައިވެއެވެ.

ސެމުއެލް އުމްޓީޓީއާއި ހަވިޔާ މަޝެރާނޯއަށް އިންޖަރީވެ ބާސާގެ ޑިފެންސް ލައިނަށް ބޮޑެތި މައްސަލަތަކާއި ދިމާވެފައިވާއިރު އެ ޓީމުގެ ޑިފެންސްގައި އެޅިފައިވާ ބާގަނޑުތައް ބެއްދުމަށް ރޮބާޓޯ ބޭނުންކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް އޭނާ ބުނީ ޑިފެންސްއަކީ ޓީމުގެ ހިތް ކަމަށާއި އޭނާއަކީ ދުވަހަކު ވެސް އެ މަގާމަށް ކުޅުނު ކުޅުންތެރިޔެއް ނޫން  ކަމަށެވެ.

ހަމައެހެންމެ އޭނާ ބުނީ ބާސާގެ ސްކޮޑުގައި ވަރަށް ގިނަ އަދަދެއްގެ ކުޅުންތެރިން އެބަތިބި ކަމަށާއި އެކި މަގާމުތަކަށް ކުޅުމުގެ ހުނަރު ހުރި ކުޅުންތެރިން އެބަތިބި ކަމަށެވެ. އަދި މިވަގުތު އެ މަގާމުގެ ޒިންމާތައް އޭނާއާއި ހަވާލުކުރާނެ ކަމަށް ނުބެލެވޭ ކަމަށް ރޮބާޓޯ ބުންޏެވެ.

ރޮބާޓޯގެ ކޮންޓްރެކްޓް އައު ކުރުމުގެ މަޝްވަރާތައް ކުރިޔަށްދާއިރު މިދިޔަ ސީޒަނުން ފެށިގެން އޭނާ އަންނަނީ ބާސާގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އެންމެ ހާއްސަ ގޮތެއްގައި މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާއިން ބާސާއަށް ޖާގަ ލިބުނީ ފަހު ވަގުތު ޕީއެސްޖީ ކޮޅަށް ރޮބާޓޯ ޖެހި ލަނޑުންނެވެ. މިފަދަ އެތަކެއް ސަބަބުތަކާކާއި ގުޅިގެން ރޮބާޓޯގެ ކޮންޓްރެކްޓް އައު ކުރުމަށް ބާސާގެ ސަޕޯޓަރުން އެދެއެވެ.

ރޮބާޓޯގެ މުޅި ފުޓްބޯޅަ ކެރިއަރު ބާސާގައި ވޭތުކޮށްފައިވާއިރު އޭނާވަނީ ބާސާއަށް ކުޅުނު 105 މެޗުގައި އެއް ލަނޑު ޖަހައި އެ ޓީމާއެކު 13 ތަށި ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް