ކ. މާލެ
|
5 ޑިސެންބަރ 2017 | އަންގާރަ 16:34
ކާލޯ އަންޗެލޯޓީ - ބަޔާންގެ މެނޭޖްމަންޓުން އެއްބާރުލުން ނުލިބުނު ކަމަށް ބުނި
ކާލޯ އަންޗެލޯޓީ - ބަޔާންގެ މެނޭޖްމަންޓުން އެއްބާރުލުން ނުލިބުނު ކަމަށް ބުނި
ގޫގުލް
ކާލޯ އަންޗެލޯޓީ
ބަޔާންގެ މެނޭޖްމަންޓުން އެއްބާރުލުމެއް ނުލިބުނު: އަންޗެލޯޓީ
 
އަންޗެލޯޓީއަށް އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމު ހުށަހެޅި
 
ބަޔާންގެ މެނޭޖްމަންޓުން އޭނާއަށް އެއްބާރުލުން ދިނުން ހުއްޓާލިކަމަށް ބުނި
 
އޭނާ އެ މަގާމުން ވަކިކުރީ ސީޒަން ފެށިގެން ބަޔާންއަށް އެދެވޭ ނަތީޖާތަކެއް ނުނެރެވުމާއި ވިދިގެން

ބަޔާން މިއުނިކްގެ ކޯޗުގެ ގޮތުގައި ހުރިއިރު އެ ކްލަބުގެ މެނޭޖްމަންޓުގެ ފަރާތުން އެއްވެސް ވަރެއްގެ އެއްބާރުލުމެއް ނުލިބޭ ކަމަށް އެ ޓީމުގެ ކޯޗުކަމުގެ މަގާމުން ދާދިފަހުން ވަކިކުރި ކާލޯ އަންޗެލޯޓީ ބުނެފިއެވެ.

ބަޔާންގެ ކޯޗެއްގެ ގޮތުގައި ހޭދަކުރި ފުރަތަމަ ސީޒަނުގެ އެ ޓީމަށް ޖަރުމަނު ބުންޑެސްލީގާ ކާމިޔާބުކޮށްދިން ނަމަވެސް މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ފްރާންސްގެ ޕީއެސްޖީ އަތުން ބަޔާން ބަލިވި މެޗަށް ފަހު ކޯޗުކަމުން އަންޗެލޯޓީ ވަކިކުރިއެވެ. އޭނާ އެ މަގާމުން ވަކިކުރީ ސީޒަން ފެށިގެން ބަޔާންއަށް އެދެވޭ ނަތީޖާތަކެއް ނުނެރެވުމާއި ވިދިގެންނެވެ.

އިޓަލީގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި އަންޗެލޯޓީ ބުނީ އޭނާ މަސައްކަތް ކުރަނީ ވަކި ގޮތަކަށް ކަމަށާއި އަދި އެގޮތް ބަދަލުކުރަން ބަޔަކު އެދުނު ކަމުގައި ވިޔަސް އެކަން އެގޮތަށް އޭނާ ނުކުރާނެ ކަމަށެވެ. ބަޔާންގައި އޭނާ ކަންކަން ކުރަމުންދިޔަ ގޮތާއި މެދު އެ ކްލަބުގެ މެނޭޖްމަންޓް ހިތްހަމަނުޖެހޭކަން ހާމަކުރި ކަމަށާއި އެ ކްލަބުން އެދޭ ގޮތަށް، އޭނާ ކަންކަން ބަދަލުކުރަން ދެކޮޅު ހެދިކަމަށް އަންޗެލޯޓީ ބުނެފައިވެއެވެ.

އެކަމާއި ގުޅިގެން ބަޔާންގެ މެނޭޖްމަންޓުން އޭނާއަށް އެއްބާރުލުން ދިނުން ހުއްޓާލިކަމަށް އުމުރުން 58 އަހަރުގެ ކާމިޔާބު ކޯޗު ބުންޏެވެ. ޓީމެއްގެ މެނޭޖްމަންޓަކުން އެއްބާރުލުން ނުލިބޭ ކޯޗަކީ މަރުވެފައިވާ މީހެކޭ ހަމަ އެއްފަދަ މީހެއް ކަމަށް ވެސް ޗެލްސީއާއި ރެއާލްގެ އިތުރުން އޭސީ މިލާންގެ ކޯޗެއްގެ ގޮތުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި އަންޗެލޯޓީ ސިފަކުރިއެވެ.

މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަންޗެލޯޓީ ބަޔާންގެ ކޯޗުގެ މަގާމުން ވަކިކުރީ އެ ޓީމުގެ ސީނިއާ ކުޅުންތެރިންގެ ތެރެއިން ފަސް ކުޅުންތެރިޔަކު ބޭނުން ވެގެންނެވެ. އަންޗެލޯޓީގެ ބަދަލުގައި ބަޔާންގެ ކޯޗުގެ މަގާމަށް ގެނެސްފައިވަނީ އެ ޓީމުގެ ކޯޗުކަމުގެ މަގާމު މީގެކުރިން ވެސް ފުރާފައިވާ ޖުޕް ހެއިންކޭސްއެވެ.

އަންޗެލޯޓީ ބުނީ ހެއިންކޭސްގެ އިރުޝާދުގެ ދަށުން ބަޔާން ހޯދަމުންދާ ނަތީޖާތަކާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ހެއިންކޭސްގެ އިރުޝާދުގެ ދަށުން އަނެއްކާވެސް ބަޔާންއަކީ ވަރުގަދަ ޓީމެއްގެ ގޮތުގައި މީހުން ބަލައިގެންފައިވާ ކަމަށެވެ.

މި އިންޓަވިއުގައި އަންޗެލޯޓީ ވަނީ އިޓަލީގެ ކޯޗުގެ މަގާމު އޭނާއަށް ހުށަހެޅިކަންވެސް ހާމަކޮށްފައެވެ. އެހެން ނަމަވެސް އޭނާ ބުނީ ހުސްވެފައިވާ އިޓަލީގެ ގައުމީ ކޯޗުގެ މަގާމު އޭނާ ފުރަން ބޭނުންނުވީ ކޯޗުއްގެ ގޮތުގައި މަސައްކަތްކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ކަމަށެވެ.

އަންޗެލޯޓީއަށް އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމު ހުށަހެޅިކަން ހާމަކުރަމުން އޭނާ ބުނީ އެ މަގާމާއި ހަވާލުނުވީ ގައުމީ ޓީމަކާއި ހަވާލުވުމުގެ ޝައުގު މިވަގުތު ނެތުމުން ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރެވިއްޖެ ކަމަށާއި ބޭނުންވަނީ އަލުން އަނބުރާ އަމިއްލަ ގައުމުގެ ޓީމެއްގެ ކޯޗުގެ ގޮތުގައި ފެންނަން ކަމަށް އަންޗެލޯޓީ ބުނެފައިވެއެވެ. އޭނާ ބުނީ ކޯޗެއްގެ ގޮތުގައި އިޓަލީގެ ޓީމަކާއި ހަވާލުވާނަމަ ހަވާލުވާނީ ހަމައެކަނި އޭސީ މިލާން ނުވަތަ ރޯމާ އާއި ކަމަށެވެ. އަންޗެލޯޓީ ވަނީ އޭސީ މިލާންގެ ކޯޗުގެ މަގާމަށް އޭނާ އަންނަ އުޅޭ ކަމުގެ ރިޕޯޓުތައް ދޮގުކޮށްފައެވެ.

އަންޗެލޯޓީއަކީ ފުޓްބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ ކާމިޔާބު ކޯޗުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކޯޗެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް