ކ. މާލެ
|
4 ޑިސެންބަރ 2017 | ހޯމަ 14:31
ރިޔަލު ރޯޅި ކަޕްގެ ރަސްމީ ޕޯސްޓަރު
ރިޔަލު ރޯޅި ކަޕްގެ ރަސްމީ ޕޯސްޓަރު
ރާއްޖެއެމްވީ
ރިޔަލު ރޯޅި ކަޕް
ރިޔަލު ރޯޅި ކަޕްގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޓީވީ ހަމަޖައްސައިފި
 
މި އިވެންޓަކީ ރާއްޖޭގައި ސެއިލިން ދިރުވާ އާލާކޮށް މޫދު ކުޅިވަރު ކުޅުމަށް ޒުވާނުންގެ މެދުގައި އަހުލުވެރިކަން އިތުރު ކުރުމަށް ކުރިޔަށް ގެންދާ އިވެންޓެއް

ރިޔަލު ރޯޅި ޓީމުން އިންތިޒާމު ކޮށްގެން ބާއްވާ 'ރިޔަލު ރޯޅި ކަޕް 2017' ގެ އޮފިޝަލް މީޑީއާ ޕާޓްނަރަކަށް ރާއްޖެ ޓީވީ ހަމަޖައްސައިފިއެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޓީވީ ހަމަޖެހިގެން ދިޔައިރު ރާއްޖެޓީވީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެޑް އޮފް ކޯޕަރޭޓް އެފެއާޒް އައިމިނަތު ރީޝާއެވެ. އަދި ރިޔަލު ރޯޅި ޓީމުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޓީމުގެ އޮޕަރޭޝަންސް އެޑްވައިޒަރު ހަސަން ހަމީދުއެވެ. މި އެއްބަސްވުމާއެކު މި އިވެންޓް ރާއްޖެ ޓީވީއިން ލައިވް ކުރާނެއެވެ.
މި މުބާރާތަކީ ސެއިލިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ގުޅިގެން ރިޔަލު ރޯޅި ޓީމުން ކުރިޔަށް ގެންދާ މުބާރާތެކެވެ. މި މުބާރާތަކީ ސެއިލިން މުބާރާތަކަށްވާއިރު ބޭނުންކުރާ ކެޓަމަރަން ވާންޖެހެނީ 16 ފޫޓާއި 18 ފޫޓުގެ ދިގުމިނުގެ ކެޓަމަރަންއަކަށެވެ. ކޮންމެ ޓީމެއްގައި ވެސް ދެ ސެއިލަރުން ތިބޭއިރު އެއްވަނަ ލިބޭނީ ކަނޑައެޅިފައިވާ ތަންތަނުގައި ބެހެއްޓިފައިވާ ދިދަތައް އެންމެ އަވަހަށް ހޯދައިގެން ގެންނަ ޓީމަކަށެވެ. މި މުބާރާތް ކުރިޔަށްދާނީ ފަން އައިލެންޑް ރިސޯޓުގައެވެ.

ރިޔަލު ރޯޅި ޓީމުން ބުނެފައިވާ ގޮތުގައި މި އިވެންޓް ކުރިޔަށް ގެންދިޔުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ސެއިލިން ދިރުވާ އާލާކޮށް މޫދު ކުޅިވަރު ކުޅުމަށް ޒުވާނުންގެ މެދުގައި އަހުލުވެރިކަން އިތުރު ކުރުމެވެ. ހަމައެހެންމެ މި މުބާރާތް މެދުވެރިކޮށް ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ޕްރޮމޯޓް ވެގެންދާނެ ކަމަށް ވެސް ރިޔަލު ރޯޅި ޓީމުން ވަނީ ބުނެފައެވެ.

އަންގާރަ ދުވަހު ފަން އައިލެންޑުގައި ބާއްވާ 'ރިޔަލު ރޯޅި ކަޕް'ގެ މި އިވެންޓަކީ އެ މުބާރާތުގެ ދަށުން މާލެ އަތޮޅަށް ހާއްސަ ކުރެވިފައިވާ ކޮލިފައިން ބުރު ކަމަށް ރިޔަލު ރޯޅިން މައުލޫމާތުދެއެވެ.

މި މުބާރާތް ރޭވިފައިވާ ގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ކޮލިފައިން ބުރުތައް ބޭއްވޭނެއެވެ. އަދި ކޮލިފައިން ބުރުތަކުން އެއްވަން އަދި ދެވަނަ ހޯދާ ޓީމުތަކަށް އަންނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ކަޓަމަރާން ޗެމްޕިއަންޝިޕުން އޮޓަމެޓިކް ޖާގައެއް ލިބޭނެއެވެ.

މިއީ ރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު އަދި އެންމެ ފުރަތަމަ މުބާރާތައް ވާއިރު މި މުބާރާތުގެ މެއިން ސްޕޮންސަރުންގެ ގޮތުގައި ހަރަކާތްތެރި ވާނީ ކޮކާކޯލާ އަދި ގޭޖް ޕްރައިވެޓް ލިމިޓެޑްއެވެ. ކޯ ސްޕޮންސަރުންގެ ގޮތުގައި ލެކިއުޓް އަދި ސީގިއާ ހަމަޖެހިފައިވާއިރު އެހެނިހެން ސްޕޮންސަރުންގެ ގޮތުގައި އެގްޒޮން ފިއުޝަން، ލަކްސިއޯ ރިސޯޓް އެންޑް ހޮޓެލް ސަޕްލަޔާސް، ޖީއެފްއެފް އަދި އެސްޕަޔާ ހެވަންލީ ހޮލިޑޭސްގެ އިތުރުން ސާދަ ތިރީސް އަށެއް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ފެށޭނީ މާދަމާ ހެދުނު 10 ޖަހާއިރުއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް