ކ. މާލެ
|
3 ޑިސެންބަރ 2017 | އާދީއްތަ 20:12
އުމްޓީޓީއަށް އަނިޔާވެ ދަނޑުން ބާލަނީ
އުމްޓީޓީއަށް އަނިޔާވެ ދަނޑުން ބާލަނީ
ގެޓީ އިމޭޖަސް
ބާސެލޯނާ
އުމްޓީޓީ އާއި އިނިއެސްޓާއަށް އަނިޔާވެ ބާސާއަށް ނުތަނަވަސްކަން
 
އުމްޓީީޓީއަށް ވަނީ އަށް ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިފައި
 
އިނިއެސްޓާގެ ކުޑަކަޅުވާއަށް އަނިޔާވެ އޭނާއަށް ބާސާ ދެން ކުޅޭ މެޗުގައި ނުކުޅެވޭނެ
 
މި ދެ ކުޅުންތެރިންނަށްވެ ސް އަނިޔާ ވެފައި ވަނީ ސެލްޓަ ވީގޯއާ ދެކޮޅަށްކުޅުނު މެޗުގައި

ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އަދި އެ ޓީމުގެ ޑިފެންޑަރު ސެމުއެލް އުމްޓީޓީއަށް އަނިޔާވެ އެ ޓީމު ނުތަނަވަސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.

މި ދެ ކުޅުންތެރިންނަށް ވެސް އަނިޔާ ވެފައި ވަނީ ހޮނިހިރު ދުވަހު ސްޕެނިޝް ލަލީގާގައި ސެލްޓަ ވީގޯއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައެވެ. މި މެޗު 2-2 އިން އެއްވަރުވެގެން ނިމުނުއިރު މި ދެ ކުޅުންތެރިންނަށް ވެސް ވަނީ އަނިޔާވެގެން ދަނޑުން ބާލާފައެވެ.

އިނިއެސްޓާގެ ބަދަލުގައި ޑެނިސް ސުއަރޭޒް ކުޅެން ނުކުތްއިރު ބާސާއިން ބުނެފައި ވަނީ އިނިއެސްޓާގެ ކުޑަކަޅުވާއަށް އަނިޔާވެ ބާސާ ދެން ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަމަށެވެ.

ހަމައެހެންމެ މި މެޗުގައި ބާސާ ކޮޅަށް ވަން ދެވަނަ ލަނޑަކީ އުމްޓީޓީއަށް އަނިޔާވުމުގެ ސަބަބުން އޭނާއަށް ޑިފެންޑް ނުކުރެވެނު ބޯޅައަކުން ސެލްޓަ ޖެހި ލަނޑެކެވެ. އުމްޓީޓީގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާއިރު ބާސާގެ ރަސްމީ ވެބްސައިޓްގައި އެ ކްލަބުން ބުނީ އޭނާއަށް ކުޅުމުގެ ތެރެއަށް އަލުން އަނބުރާ އާދެވޭނީ އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ކަމަށެވެ.

އުމްޓީޓީއަށް އަނިޔާވުމުގެ ސަބަބުން ބާސާގެ ޑިފެންސަށް ވަނީ ބޮޑެތި މައްސަލަތަކާ ދިމާވެފައެވެ. އެ ޓީމުގެ ޑިފެންސްގެ އެންމެ ފަހަތަށް ކުޅުމަށް މިވަގުތު ތިބީ އެންމެ ދެ ކުޅުންތެރިންނެވެ. އެގޮތުން ހަވިޔާ މަޝެރާނޯ ވެސް އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރިއިރު މި ދެ ކުޅުންތެރިން ނެތްތަން ފޫބައްދާނީ ބެލްޖިއަމްގެ ޑިފެންޑަރު ތޯމަސް ވަމަލެންއެވެ.

ބެލެވޭ ގޮތުގައި އެ ޓީމުގެ ފަހަތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އަންނަ ޖެނުއަރީ މަހު ހުޅުވާލާ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި އާ ޑިފެންޑަރެއް ގެންނާނެއެވެ.

މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާވެ ބާސާއަށް ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާއިރު މި ސީޒަނުގައި އަދި އެ ޓީމު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ސްޕެނިޝް ލަލީގާގެ ތާވަލުގެ އެއްވަނައިގައި އޮތްއިރު އެ ޓީމުން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ވެސް ޖާގަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
100%
0%
0%
0%
ކޮމެންޓް