ކ. މާލެ
|
3 ޑިސެންބަރ 2017 | އާދީއްތަ 20:26
ރޮނާލްޑޯ އަދި ރެއާލްގެ ރައީސް ޕެރޭޒް
ރޮނާލްޑޯ އަދި ރެއާލްގެ ރައީސް ޕެރޭޒް
ގެޓީ އިމޭޖަސް
ކްރިސްޓިއާނޯ ރޮނާލްޑޯ
މިފަހަރު ވެސް ބެލެންޑޯ އެވޯޑް ގެންދާނީ ރޮނާލްޑޯ: ޕެރޭޒް
 
މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ދިން ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބުނީ ރޮނާލްޑޯއަށް
 
މި މަހުގެ ހަތްވަނަ ދުވަހު ދޭ މި އެވޯޑު މިފަހަރު ލިބޭނީ ބާސާގެ ތަރި ލިއޮނެލް މެސީ އަށް ކަމަށް ވަނީ އަޑު ފެތުރިފައި

ފްރާންސް ފުޓްބޯލްއިން ކޮންމެ އަހަރަކު އެއް ފަހަރު ދޭ ބެލެންޑޯ އެވޯޑް މިފަހަރު ވެސް ގެންދާނީ ރެއާލް މެޑްރިޑްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފިއެވެ.

މި އެވޯޑަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މިއީ ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް އެ މަޖައްލާގެ ފަރާތުން ދޭ އެވޯޑެކެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމަޔަށް "ފީފާ ބެލެންޑޯ" ގެ ނަމުގައި އެވޯޑް ދިން ނަމަވެސް "ފްރާންސް ފުޓްބޯލް" އިން ވަނީ މިދިޔަ އަހަރުން ފެށިގެން ފީފާއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ފަހު އަނެއްކާ ވެސް އެ މަޖައްލާގެ ނަމުގައި އެ އެވޯޑް ދޭން ފަށާފައެވެ.

ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ފަސް އަހަރު ހޯދާފައިވާ ރޮނާލްޑޯއަކީ މިއަހަރުގެ ބެލެންޑޯ އެވޯޑް ވެސް ގެންދާނެ ކަމަށް އެންމެ ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔާއެވެ.

މި މަހުގެ 7 ވަނަ ދުވަހު ދޭ މި އެވޯޑް މިފަހަރު ގެންދާނީ ބާސާގެ ތަރި ލިއޮނެލް މެސީ ކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައި ރެއާލްގެ ރައީސް ބުނީ ރޮނާލްޑޯއަކީ ރެއާލް މެޑްރިޑް ރަމްޒުކޮށްދޭ ވަރަށް ބޮޑު ނިޝާނެއް ކަމަށާއި އޭނާއަކީ އެ ކްލަބުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ރޮނާލްޑޯއަށް ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބުނުކަން ފާހަގަކުރަމުން ޕެރޭޒް ބުނީ މި ހަފްތާގެ ތެރޭގައި ދެވޭ ބެލެންޑޯ އެވޯޑު ވެސް ގެންދާނީ ރޮނާލްޑޯ ކަމަށް އޭނާ ދެކޭ ކަމަށެވެ.

ރެއާލްއިން 2012 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލަލީގާ ހޯދިއިރު ރޮނާލްޑޯ ވަނީ ކުޅުނު 29 މެޗުގައި 25 ލަނޑު އެ ޓީމަށް ޖަހައިދީފައެވެ. އެހެން ނަމަވެސް އޭނާއަށް މި އެވޯޑް ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލްކުރަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެގޮތުން އޭނާ ވަނީ ނޮކްއައުޓް ބުރުގައި ބަޔާން މިއުނިކާއި އެޓްލެޓިކޯ މެޑްރިޑް ކޮޅަށް ހެޓްރިކް ހަދައި ފައިނަލްގައި ޔުވެންޓަސް އަތުން ރެއާލް 4-1 އިން މޮޅުވި މެޗުގައި ވެސް ލަނޑު ޖަހާފައެވެ.

މިފަހަރުގެ ބެލެންޑޯ އެވޯޑް ރޮނާލްޑޯއަށް ލިބިއްޖެ ނަމަ އޭނާ ވެގެންދާނީ ތާރީހުގައި ވެސް އެންމެ ގިނައިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހޯދާ ކުޅުންތެރިޔާއަށެވެ.

ޕެރޭޒް މިބީދައިން ވާހަކަ ދައްކާފައިވާއިރު ރޮނާލްޑޯއަކީ ދުނިޔޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔެކެވެ. އެގޮތުން އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ޖުމްލަ ފަސް ފަހަރެއްގެ މަތިން ހޯދާފައެވެ. އަދި ކެރިއަރުގައި ކުޅުނު 642 މެޗުގައި އޭނާ ވަނީ 452 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް