ކ. މާލެ
|
3 ޑިސެންބަރ 2017 | އާދީއްތަ 04:48
މާޒިޔާއާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން
މާޒިޔާއާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ
އެފްއޭ ކަޕް
އެފްއޭ ކަޕް: މާޒިޔާ ބަލިކޮށް ޓީސީ ފައިނަލަށް
 
މިއީ ޓީސީއިން ޖެހިޖެހިގެން އެފްއޭ ކަޕްގެ ފައިނަލުން ޖާގަ ހޯދި ދެވަނަ އަހަރު
 
މާޒިޔާ ސެމީ ފައިނަލުގައި ޓީސީ އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް އެފްއޭ ކަޕުގެ ފައިނަލުން ޓީސީ ސްޕޯޓްސް ކްލަބް ޖާގަ ހޯދައިފިއެވެ.

ޖެހިޖެހިގެން ފަސްވަނަ ފަހަރަށް އެފްއޭ ކަޕުގައި ވާދަކުރުމުގެ އުއްމީދުގައި ނުކުތް މާޒިޔާ ސެމީ ފައިނަލުގައި ޓީސީ އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މިދިޔަ އަހަރުގެ އެފްއޭ ކަޕް ފައިނަލުގައިވެސް ވާދަކުރި ޓީސީއިން ވަނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މާޒިޔާއިން ވެސް ވަނީ މި މެޗުގައި ރަނގަޅު ޑިފެންސިވް ގޭމެއް ކުޅެފައެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީ ޓީސީއަށެވެ. އެގޮތުން އެ ޓީމުގެ ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ހަމަލާ އަމާޒުވީ މާޒިޔާގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެ ޓީމު އެއްވަރުވެ އޮވެގެން ފުރަތަމަ ހާފު ނިމިގެންދިޔައިރު މާޒިޔާއިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ރަނގަޅު ކޮށްފައެވެ. މާޒިޔާއިން ފުރުސަތުތައް ތަނަވަސް ކުރަން މަސައްކަތް ކުރަމުން ދަނިކޮށް ޓީސީއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 68 ވަނަ މިނެޓުގައި ޓީސީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފޭދޫ އިއްބެއެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްދިނީ ޓީސީގެ ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓް ނަގައިދިން ހުރަހަކުންނެވެ.

މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ޓީސީއަށް ކަށަވަރު ވެގެންދިޔައީ ފޭދޫ އިއްބެ ލަނޑުޖެހިތާ 10 މިނެޓު ފަހުން މެޗުގެ 78 ވަނަ މިނެޓުގައި އެ ޓީމުގެ ހުނަރުވެރި ފޯވާޑް ނާއިޒު ހަސަން (ދާދު) ޖަހައިދިން ލަނޑުންނެވެ. މި ލަނޑަށް ފަހުވެސް އެ ޓީމަށް ލީޑު ފުޅާކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދިޔައިރު ޓީސީއިން މެޗު ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެގޮތުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ މުހައްމަދު މާޒިންއަށް ދެވަނަ ރީނދޫ ކާޑެއް ދައްކައި ދަނޑުން ފޮނުވާލެވުނެވެ.

މިއީ ޓީސީއިން ޖެހިޖެހިގެން އެފްއޭ ކަޕްގެ ފައިނަލުން ޖާގަ ހޯދި ދެވަނަ އަހަރެވެ. މިދިޔަ އަހަރުގެ ފައިނަލުން އެ ޓީމު ބަލިވި ނަމަވެސް މިފަހަރު އެ ޓީމު އަމާޒު ހިފާފައިވަނީ އެފްއޭ ކަޕްގެ ތަށި އުފުލާލުމަށެވެ. ޓީސީ ފައިނަލުގައި ނުކުންނާނީ އާދިއްތަ ދުވަހުގެ ރޭ ގްރީން ސްޓްރީޓާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް