ކ. މާލެ
|
2 ޑިސެންބަރ 2017 | ހޮނިހިރު 16:24
ޔުވަންޓަސް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޔުވަންޓަސް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
އިޓާލިއަން ލީގު
އިޓާލިއަން ލީގު: ނަޕޯލީ ބަލިކޮށް ޔުވަންޓަސް އިން އެއް ޕޮއިންޓަށް ފަރަގު ކުޑަކޮށްފި
 
ނަޕޯލީގެ މައްޗަށް ޔުވަންޓަސް ކުރިހޯދީ 0-1 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި ނަޕޯލީ ބަލިކޮށް ޔުވަންޓަސް އިން ޕޮއިންޓް ތާވަލުގައި އެއް ޕޮއިންޓަށް ފަރަގު ކުޑަކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ނަޕޯލީއާ ވާދަކޮށް ޔުވަންޓަސް އިން މެޗު ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ނަޕޯލީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ ޔުވަންޓަސްއެވެ. އެގޮތުން 12 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑީބާލާގެ އެހީތެރިކަމާއެކު ނަޕޯލީގެ ކުރީގެ ފޯވާޑް ގޮންޒާލޯ ހިގުއެންއެވެ.

މި ލަނޑަށްފަހު ނަޕޯލީ އިން ވަނީ އެޓީމުގެ ކުޅުން ވަރުގަދަ ކޮށްފައެވެ. އެގޮތުން ޔުވަންޓަސްގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ނަޕޯލީގެ މައްޗަށް ޔުވަންޓަސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖެހުމަށް ދެޓީމަށްވެސް ވަނީ ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.   

މި މެޗު ހޯދި ތިން ޕޮއިންޓާއެކު ޔުވަންޓަސް އިން ވަނީ ނަޕޯލީއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ. ނަޕޯލީ ވަނީ ކުޅުނު 15 މެޗުން 38 ޕޮއިންޓް ހޯދާފައެވެ. ޔުވަންޓަސް އޮތީ 37 ޕޮއިންޓާއެކު ދެވަނައިގައެވެ. ތިންވަނައިގައި އޮތް އިންޓަ މިލާނަށް ލިބިފައިވަނީ 36 ޕޮއިންޓެވެ.

އެހެންނަމަވެސް އެޓީމު އެ މަގާމުގައި އޮތީ ޔުވަންޓަސް އަދި ނަޕޯލީއަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. އެގޮތުން އާދީއްތަ ދުވަހު ޗިވޮވެރޯނާއާ ދެކޮޅަށް އިންޓަ ކުޅޭ މެޗު އެޓީމުން ކާމިޔާބު ކޮށްފިނަމަ 39 ޕޮއިންޓާއެކު އެޓީމު އެއްވަނައަށް އަރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
0%
0%
0%
0%
0%
ކޮމެންޓް