ކ. މާލެ
|
1 ޑިސެންބަރ 2017 | ހުކުރު 21:04
ވޯލްޑްކަޕްގެ ތަށި
ވޯލްޑްކަޕްގެ ތަށި
ޓްވިޓަރ
ފީފާ ވޯލްޑް ކަޕް 2018
ވޯލްޑް ކަޕް 2018: ސްޕެއިން އަދި ޕޯޗުގަލް އެއް ގްރޫޕަކަށް!
 
ގްރޫޕް ބީގައި ހިމެނެނީ ޕޯޗުގަލް، ސްޕެއިން، މޮރޮކޯ އަދި އިރާން

އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް އަދި ސްޕެއިން އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

ރަޝިއާގެ މޮސްކޯގައި ހުންނަ ސްޓޭޓް ކްރެމްލިން ޕެލަސްގައި ހުކުރު ދުވަހުގެރޭ ކުރިޔަށްދިޔަ ގުރު ނެގުމުގައި، މުބާރާތަށް ކޮލިފައިވި 32 ޓީމު ވަނީ ހަތަރު ޕޮޓަށް ބަހާލާފައެވެ.

އެ ގޮތުން މުބާރާތް ބާއްވާ ގައުމު ރަޝިއާ ހިމެނޭ ގްރޫޕް އޭގައި ދެން ހިމެނެނީ އުރުގުއޭ، މިސްރު އަދި ސައުދީ އަރަބިއްޔާއެވެ. ގްރޫޕް ބީގައި ހިމެނެނީ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް، 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން، އީރާން އަދި މޮރޮކޯއެވެ.

ގްރޫޕް ސީގައި ހިމެނެނީ ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ފްރާންސް، ޕެރޫ، ޑެންމާކް އަދި އޮސްޓްރޭލިއާއެވެ. ގްރޫޕް ޑީގައި ހިމެނެނީ ދަތިތަކާއެކު މުބާރާތަށް ކޮލިފައިވި އާޖެންޓީނާ، ކްރޮއޭޝިއާ އަދި މުޅިން އަލަށް ކޮލިފައިވި އައިސްލޭންޑްގެ އިތުރުން ނައިޖީރިއާއެވެ.

ގްރޫޕް އީގައި ހިމެނެނީ ބްރެޒިލް، ސްވިޒަލޭންޑް، ކޮސްޓަރީކާ އަދި ސާބިއާއެވެ. ގްރޫޕް އެފްގައި ހިމެނެނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން، މެކްސިކޯ، އަދި 1958 ވަނަ އަހަރު ފަހު އިޓަލީ މުބާރާތުން ކަޓުވާލުމަށްފަހު ޖާގަ ހޯދި ސްވިޑެންގެ އިތުރުން ދެކުނު ކޮރެއާއެވެ.

ގްރޫޕް ޖީގައި ހިމެނެނީ ބެލްޖިއަމް، އިންގްލޭންޑް، ޓިއުނީޝިއާ އަދި މުޅިން އަލަށް މިމުބާރާތުގައި ވާދަކުރާ ޕެނަމާއެވެ. ގްރޫޕް އެޗްގައި ހިމެނެނީ ޕޮލެންޑް، ސެނެގާލް، ކޮލަމްބިއާ އަދި ޖަޕާންއެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ ތާރީހީ ގޮތުން ވަރަށް ހާއްސަ މުބާރާތަކަށެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 38 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު، ފައިސާގެ އިނާމުގެ ގޮތުގައި މި މުބާރާތަށް ފީފާއިން މުޅި ޖުމްލަ 791 މިލިއަން ޑޮލަރު ހޭދަކުރާނެއެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ވޯލްޑް ކަޕް ހުޅުވާ މެޗު ކުޅޭނީ މޮސްކޯގައި ހުންނަ 81000 މީހުންގެ ޖަގައިގެ ލުޒްނިކީ ސްޓޭޑިއަމްގައެވެ. ރަޝިއާގެ 11 ސިޓީއެއްގައި 64 މެޗު ކުޅެވިގެންދާއިރު މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ 15 ދުވަހު ހަމަ ލުޒްނިކީ ސްޓޭޑިއަމްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
0%
0%
0%
0%
0%
0%
ކޮމެންޓް