ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 12:19
ޖަރުމަނުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ޗާންސެލަރ މާކެލް ވޯޓު ލައްވަނީ
ޖަރުމަނުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ޗާންސެލަރ މާކެލް ވޯޓު ލައްވަނީ
ޑީޕީއޭ
ޖަރުމަނު އިންތިޚާބު
ހަނި މޮޅަކާއެކު، ޖަރުމަނުގެ ޗާންސެލަރގެ މަޤާމް ހަތަރުވަނަ ދައުރަކަށް މާކެލް އިންތިޚާބުވެއްޖެ
 
ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިތަކަށް 6 ޕާޓީއެއް އިންތިޚާބުވި
 
މާކެލްގެ ސީޑީޔޫ-ސީއެސްޔޫ އިއްތިޙާދަށް 33 އިންސައްތަ ވޯޓު ލިބިފައިވޭ

ޖަރުމަނުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ހަނިގޮތަކަށް ކުރި ހޯއްދަވައި، ޗާންސެލަރ އެންޖެލާ މާކެލް ހަތަރުވަނަ ދައުރަށް އިންތިޚާބުވެވަޑައިގެންފި އެވެ.

އާދީއްތަ ދުވަހު ބޭއްވި ޖަރުމަނުވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ވެރިކަންކުރާ ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަން (ސީޑީޔޫ) އަދި ކްރިސްޓިއަން ސޯޝަލް ޔޫނިއަން (ސީއެސްޔޫ)ގެ އިއްތިޙާދުން ކުރިހޯދީ، ވޯޓުގެ ނަތީޖާގެ 33 އިންސައްތަ ކާމިޔާބު ކުރައްވައިގެންނެވެ. އެހެންނަމަވެސް، މިނަތީޖާއަކީ، ފާއިތުވި 70 އަހަރުގެ ތެރޭގައި ސީޑީޔޫ-ސީއެސްޔޫގެ އިއްތިޙާދަށް ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ލިބުނު އެންމެ ދަށް ނަތީޖާ އެވެ.

އިންތިޚާބުގެ ނަތީޖާއަށް ފަހު ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުން ފާއިތުވި 12 އަހަރުވެސް ޖަރުމަނުގެ ޗާންސެލަރ ކަމުގެ މަޤާމްގައި ހުންނެވި މާކެލް ވިދާޅުވީ، އިންތިޚާބުގައި މިއަށްވުރެ ރަނގަޅު ނަތީޖާއަކަށް އުއްމީދުކުރެއްވި ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގައި އިޤްތިޞާދީ އަދި ސަލާމަތީ މައްސަލަތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މާކެލް ވިދާޅުވި އެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދެވަނަ އަށް އެންމެ ގިނަ ވޯޓު ކާމިޔާބުކުރީ ޖަރުމަނުގައި ވެރިކަންކުރާ އިއްތިޙާދުގައި ހިމެނޭ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޕީޑީ) އަށެވެ. އެޕާޓީން އިންތިޚާބުގައި 20 އިންސައްތަ ވޯޓު ކާމިޔާބު ކޮށްފައިވެއެވެ. މިއީ، 1949ވަނަ އަހަރުގެ ފަހުން، އެސްޕީޑީ އަށް ލިބުނު އެންމެ ދަށް ނަތީޖާއެވެ. އިންތިޚާބުގެ ނަތީޖާއަށް ފަހު އެސްޕީޑީގެ ލީޑަރު މާޓިން ޝޫލްޒް ވަނީ، އިންތިޚާބުގައި އެޕާޓީގެ އަމާޒަށް ވާސިލްވެވިފައިނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިނަތީޖާއާއެކު މިހާރު ވެރިކަންކުރާ ޗާންސެލަރ މާކެލްގެ "ބޮޑު" އިއްތިޙާދުގައި އޮތް އެޕާޓީގެ ދައުރު ނިމުމަކަށް އަންނާނެ ކަމަށާއި، ކުރިއަށް އޮތް ދައުރުގައި އެސްޕީޑީ ދެމިއޮންނާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޕީޑީ އިން މާކެލްގެ ސީޑީޔޫ-ސީއެސްޔޫ އިއްތިޙާދާއެކު ބައިވެރިނުވާނަމަ، ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް މާކެލް އަށް ދަތިތަކާއި ކުރިމަތިވާނެ އެވެ. އެގޮތުން، އާ ކޮއެލިޝަނެއް އެކުލަވާލުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

މިނަތީޖާއަށް ފަހު، ޖަރުމަނުގެ އާ ސަރުކާރު އެކުލަވާލުމުގައި މާކެލް ނިސްބަތްވާ ސީޑީޔޫ-ސީއެސްޔޫ އިއްތިޙާދުން ގުޅޭނެ ކަމަށް ބޮޑަށް ބެލެވެނީ މިނިވަން ވިޔަފާރީގެ ފިކުރުގެ ފްރީ ޑިމޮކްރެޓިކް ޕާޓީ (އެފްޑީޕީ) އަދި، ގްރީން ޕާޓީ އާއެވެ. އެހެންނަމަވެސް އެދެޕާޓީގެ ދެމެދުގައި ހުރި ޚިޔާލުތަފާތުވުންތަކާއެކު އެޕްޑީޕީ އާއި ގްރީންސް އާއެކު ކޮއެލިޝަން ސަރުކާރެއް ހިންގުމުގައި މާކެލް އަށް ދަތިތަކާއި ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ތިންވަނަ އަށް އެންމެ ގިނަ ވޯޓު ކާމިޔާބުކުރީ އަލްޓަނޭޓިވް ފޮރ ޖަރމަނީ (އޭއެފްޑީ) އެވެ. އެޕާޓީ އަށް 12.6 އިންސައްތަ ވޯޓު ލިބިފައިވާއިރު، މިއީ އެޕާޓީން ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ކަށަވަރުކުރި ފުރަތަމަ ފަހަރެވެ. މިއިންތިޚާބުގައި ހަތަރުވަނަ އަށް އެންމެ ގިނަ ވޯޓު ކާމިޔާބުކުރި، ފްރީ ޑިމޮކްރެޓިކް ޕާޓީ (އެފްޑީޕީ) އިން 10.7 އިންސައްތަ ވޯޓު ހޯދާފައިވާއިރު، ވައަތު ފިޔައިގެ ލެފްޓް ޕާޓީ އަށް 9.2 އިންސައްތަ، އަދި ގްރީން ޕާޓީ އަށް 8.9 އިންސައްތަ ވޯޓު ލިބިފައިވެއެވެ.

މިނަތީޖާއާއެކު، 1957 ވަނަ އަހަރުގެ ފަހުން ޖަރުމަނުގެ ޤާނޫނު ހަދާ މަޖިލީހުގައި ފުރަތަމަ ފަހަރަށް ހަ ޕާޓީއެއް ތަމްސީލް ކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު