ކ. މާލެ
|
22 ސެޕްޓެންބަރ 2017 | ހުކުރު 10:57
އުތުރު ކޮރެއާގެ ފޮރިން މިނިސްޓާރ ރީ ޔޮންހޯ
އުތުރު ކޮރެއާގެ ފޮރިން މިނިސްޓާރ ރީ ޔޮންހޯ
ގޫގުލް
އުތުރު ކޮރެއާ
ހައިޑްރޯޖެން ބޮމެއް ޓެސްޓް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާއިން ދީފި
 
މި ބޮން ވެގެންދާނީ މިހާތަނަށް ޓެސްޓް ކުރެވޭ އެންމެ ބާރުގަދަ ހައިޑްރޯޖެން ބޮމަށް: އުތުރު ކޮރެއާ
 
މި އިންޒާރު ދީފައިވަނީ ޓްރަމްޕް އުތުރު ކޮރެއާ ނައްތާލާނެ ކަމަށް ބުނުުމުން

ޕެސިފިކް ކަނޑުގައި ހައިޑްރޮޖެން ބޮމެއް ޓެސްޓް ކޮށްފާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރު ދެއްވައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުތުރު ކޮރެއާ ނައްތާލަން ޖެހިދާނެ ކަމަށް ވިދާޅުވުމާ ވިދިގެން، އުތުރު ކޮރެއާގެ ފޮރިން މިނިސްޓާރ ރީ ޔޮންހޯ ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިދާޅުވެފައި ވަނީ ޕެސިފިކް ކަނޑުގައި އެ ގައުމުން ހައިޑްރޮޖެން ބޮމެއް ޓެސްޓް ކޮށްފާނެ ކަމަށާއި މި ބޮން ވެގެންދާނީ މިހާތަނަށް ޓެސްޓް ކުރެވޭ އެންމެ ބާރުގަދަ ހައިޑްރޯޖެން ބޮމަށް ކަމަށެވެ. އެހެން ނަމަވެސް ރީ ވިދާޅުވެފައި ވަނީ މިފަދަ ކަމެއް ކުރުމުގެ އެންމެ ފަހުގެ ނިންމުން ނިންމާނީ އެ ގައުމުގެ ލީޑަރު ކިމްޖޮންގް އުން ކަމަށެވެ.

ޓްރަމްޕް، އުތުރު ކޮރެއާއަށް އިންޒާރު ދެއްވުމާ ގުޅިގެން އެ ގައުމުގެ ލީޑަރު ކިމްޖޮންގް އުން ވެސް ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެގޮތުން މި ބަޔާނުގައިވަނީ ޓްރަމްޕްގެ އިންޒާރަށް ދެވެން އޮތް އެންމެ ވަރުގަދަ ރައްދު ދޭނެ ކަމަށާއި އަދި ޓްރަމްޕް މައިތިރި ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. ކިމްގެ މި ބަޔާނުގައި ވަނީ ޓްރަމްޕްއަކީ މުސްކުޅި ބަލިޖެހި ސިނކުޑީގެ މައްސަލަތައް ދިމާވެފައިވާ މީހެއް ކަމަށެވެ.

އުތުރު ކޮރެއާ ނައްތާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފައިވާއިރު އޭނާ ވަނީ އެ ގައުމާ ދެކޮޅަށް ދަތިކުރުމިގެ ފިޔަވަޅު އެޅުމަށް އެގްޒެކްޓިވް އޯޑަރެއްގައި ސޮއިކުރައްވާފައެވެ. އެގޮތުން އުތުރު ކޮރެއާއަށް ޓެކްނޮލޮޖީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ މީހުން ހުއްޓުވުމަށް ޓްރްމްޕްގެ މި އެގްޒެކްޓިވް އޯޑަރުގައި ވެއެވެ.

ބައިނަލްއަގްވާމީ ދުނިޔެއިން ތަކުރާރުކޮށް އުތުރު ކޮރެއާ އަށް އަންގަމުން ދަނީ އެ ގައުމުން ހިންގާ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެން ނަމަވެސް އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ މި ގޮވުންތަކަށް ދެމުންދަނީ ބީރުކަންފަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް