ކ. މާލެ
|
16 ސެޕްޓެންބަރ 2017 | ހޮނިހިރު 19:53
މިޔަންމާގެ ސިފައިންގެ އަނިޔާއިން ސަލާމަތްވުމަށް ބަންގްލްދޭޝްއަށް ހިޖުރަކުރި ރޮހިންޖާ މީހެއް ބަރުބަލިވެފައި
މިޔަންމާގެ ސިފައިންގެ އަނިޔާއިން ސަލާމަތްވުމަށް ބަންގްލްދޭޝްއަށް ހިޖުރަކުރި ރޮހިންޖާ މީހެއް ބަރުބަލިވެފައި
ޔޫއެންއެޗްސީއާރު
ރޮހިންޖާ މުސްލިމުން
ރޮހިންޖާ މުސްލިމުން - ފިރުމާލާފަ ކަނާތުން ތި ޖެހީ މޫނުގަ ވާތުން
 
ދިވެހި ސަރުކާރުން ބުނަނީ އާރު.ޓޫ.ޕީ އާ މިޔަންމާގެ މުސްލިމުންނާ ގުޅުމެއް ނެތް ކަމަށް
 
މިޔަންމާގެ މުސްލިމުންނަށް ކުރިމަތިވެފައިވަނީ ބޮޑު ގަތުލުއާއްމެއް ކަމަށް ދުނިޔެ ބުނަމުންދޭ
 
އާރު.ޓޫ.ޕީއަކީ ބޮޑެތި ގަތުލު އާއްމުތައް ހުއްޓުވުމަށް ދުނިޔޭގައި އަމަލު ކުރުމަށް އެކުލަވާލާފައިވާ އުސޫލެއް

ރޮހިންޖާ މުސްލިމުންނާ މެދު މިޔަންމާ ސިފައިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ މެދު ދިވެހި ސަރުކާރުން ނުރުހުންވެ ރާއްޖެއާ މިޔަންމާ އާ ދެމެދު އޮންނަ ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލި ކަމަށް އަންގާ އިއުލާން ކުރި އަޑު އިވުމުން ގިނަ ބަޔަކު އެކަމަށް މަރުހަބާ ކިޔެވެ. މާ ބޮޑު ވިޔަފާރި އެއް ދިވެހިރާއްޖެ އާ މިޔަންމާ އާ ދެމެދު ނެތެއް ކަމަކު މިއީވެސް ނުރުހުމުގެ ފިޔަވަޅެއް ކަމުގައި ބަލާ ރޮހިންޖާ މުސްލިމުންނާ މެދު ހަމްދަރުދީ ވާ ދިވެހިރައްޔިތުން އެ ފިޔަވަޅު ބަލައިގަތީއެވެ. އެއާއެކު ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ފަންޑު ފޮށިތައް ބަހައްޓާ ވާހަކަ އާއި ޓެލެތޯންތަކުގެ ވާހަކަ ސަރުކާރުން އިއުލާން ކުރިއެވެ. ހައްތާވެސް އިންސާނިއްޔަވަންތަ ކަމުގެ ރަނގަޅު ފިޔަވަޅުތަކެވެ. މުސްލިމް ދިވެހިރާއްޖޭގެ ރައްޔިތުން މިކަންކަން ބަލައިގަތީ ދިވެހި ސަރުކާރުން އިސްލާމީ ގުޅުންތައް ރަނގަޅު ނިޔަތުގައި ކުރިއަރުވަން ބޭނުންވާތީ ކުރާ ކަންކަމުގެ ގޮތުގައެވެ.

މިކަން މިހެން ހިނގާފައިވަނިކޮށް ކުއްލިއަކަށް ރާއްޖެ ސިއްސުވާލީ، އ.ދގެ އާއްމު މަޖިލީހުގައި ރާއްޖޭން އަމަލު ކުރި ގޮތުންނެވެ. އދ. ގެ އާއްމު މަޖިލީހުގެ ރަސްމީ އެޖެންޑާގައި ހިމެނުމަށް "ދަ ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް އެންޑް ދަ ޕްރިވެންޝަން އޮފް ޖެނޮސައިޑް، ވޯރ ކްރައިމްސް، އެތްނިކް ކްލެންސިންގ، އެންޑް ކްރައިމްސް އެގެއިންސްޓް ހިއުމެނިޓީ" (އާރު.ޓޫ.ޕީ) އަށް ފެންނަ ނުފެންނަ ބެލުމަށް ނެގި ވޯޓުގައި ރާއްޖޭން ކަންކުރި ގޮތުންނެވެ. މައްސަލަ އަށް އާއްމު މަޖިލީހުގައި ވޯޓަށް އެހި އިރު ރާއްޖޭން ވޯޓުގައި ބައިވެރި އެއް ނުވެއެވެ. ވޯޓުގެ ނަތީޖާ ކަރުދާސް ނުކުތް އިރު ރާއްޖޭގެ ނަމާ ޖެހިގެން ވޯޓު ދިން ގޮތުގެ ބައި އޮތީ ހުހަށެވެ. މިޔަންމާގެ މައްސަލަ މުޅި ދުނިޔޭގެ ސަމާލު ކަމަށް އައިސް އަދި ޚުދު ރާއްޖޭން އެކަމާ ނުހަނު ކަންބޮޑުވެގެން އުޅޭ ދަނޑިވަޅެއްގައި އާރު.ޓޫ.ޕީ އަށް ރާއްޖޭން ފިލީ ކީއްވެތޯ ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދި އެކަމުގެ ހިތްހަމަނުޖެހުން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ފާޅު ކުރަން ފެށިއެވެ.

މި ވޯޓުގައި ރާއްޖޭން ބައިވެރި ނުވުމުން މީހުންގެ ހިތުގައި އުފެދުނު އެންމެ ބޮޑު ސުވާލަކީ މިޔަންމާގެ މުސްލިމުންނަށް ދިމާވެގެން އުޅޭ ހިތްދަތި މައްސަލައާ ގުޅުން ހުރި ކަމެއްގައި މުސްލިމް ދިވެހި ރާއްޖޭން ތާއީދު ނުކުރީ ކީއްވެހެއްޔެވެ؟. މިކަމާ ގުޅިގެން ނިއުޔޯކުގައި ހުންނަ ރާއްޖޭގެ މިޝަން ކުރި ޓުވީޓުގައި އާރު.ޓޫ.ޕީ އަކީ މިޔަންމާ އާ ގުޅުން ހުރި އެއްޗެއް ނޫން ކަމަށް ބުންޏެވެ. އެއާ އެކުއެކީ ރާއްޖޭގެ ޚާރިޖީ ވުޒާރާއިންވެސް ހަމަ އެހެން ބުނެ ބަޔާނެއް އިސާހިތަކު ނެރުނެވެ. ނިއުޔޯކު މިޝަނުންނާ ރާއްޖޭގެ ޚާރިޖީ ވުޒާރާއިން އެހެން ބުންޏަސް އާރު.ޓޫ.ޕީ އާ ރޮހިންޖާ މުސްލިމުންނާ ގުޅުމެއް ނެތް ކަމަށް ގަބޫލު ކުރާނީ ކިހިނެއްތޯއެވެ. ތެދެކެވެ. އާރު.ޓޫ.ޕީ އަކީ ވަކި ގައުމަކަށް ނިސްބަތްވާ ނިންމުމެއް ނޫނެވެ. އޭގައި ވަކި ގައުމެއް ނުވަތަ ވަކި ނަސްލެއް ނުވަތަ ވަކި އާބާދީއެއްގެ ނަން ހިމަނާފައެއް ނުވެއެވެ. އެއާ ޚިލާފަށް އާރު.ޓޫ.ޕީ އަކީ އަނިޔާ ލިބޭ އެންމެންގެ ސަލާމަތާ ރައްކާތެރި ކަން ކަށަވަރު ކުރުމަށް އެކުލަވާލާފައިވާ އުސޫލެކެވެ.

ހަގީގަތަކީ އާރު.ޓޫ.ޕީ ނުވަތަ "ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް" އަކީ މުޅި ދުނިޔެ ގަބޫލު ކުރާ އުސޫލެކެވެ. އެއީ 2005 ވަނަ އަހަރު ޔޫއެން ވާރލްޑް ސަމިޓްގައި ދުނިޔޭގެ ވެރިން އިއްތިފާގުން ފާސްކުރައްވާފައިވާ ނިންމުމެކެވެ. އެއީ އަލަށް ފެންމަތި ވެގެން އުޅޭ ކޮންސެޕްޓެއްވެސް ނޫނެވެ. ދުނިޔޭގެ ގައުމު ތަކުގެ ވެރިންގެ މި ނިންމުމުގެ ފަހަތުގައިވަނީ، ބޮޑެތި ޖަރީމާތަކުން އިންސާނުން ރައްކާތެރި ކުރުމެވެ. ހަނގުރާމައިގެ ގަތުލު އާއްމުތައް ހުއްޓުވުމެވެ. ނަސްލުތައް ނައްތާލުން ހުއްޓުވުމެވެ. އިންސާނިއްޔާތާއި ޚިލާފް ލާއިންސާނީ ޖަރީމާތައް ހުއްޓުވުމެވެ. އެހެން އެކަން އޮތް އިރު، އަދި އެ ނިންމުމުގައި ރޮހިންޖާ މުސްލިމުން ބަޔާން ކޮށްފައި ނެތެއް ކަމަކު، ޑިމޮކްރަސީ އާ އިންސާނީ ހައްގުތައް އިންތިހާއަށް ހުރުމަތްތެރި ކޮށް ހިތާ ކަމަށް އިރު އިރު ކޮޅުން ބޭރު ދުނިޔޭގައި ވާހަކަ ދައްކަމުންދާ ދިވެހި ސަރުކާރުން މިފަދަ ނިންމުމަކާ އެއްކޮޅަށް ވޯޓު ނުދޭންވީ ސަބަބަކީ ކޮބާ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ރާއްޖޭގެ ޚާރިޖިއްޔާ އިން ދީފައިވާ ގޮތައް ބަލާލަމާތޯއެވެ. ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި އޮންނަނީ:

"ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް' ނުވަތަ އާރު. ޓޫ.ފީ ގެ އުޞޫލުގެ ނަމުގައި ޤައުމުތަކުގެ ދާޚިލީ ކަންތައްތައްތަކުގެ ތެރެއަށް ބާރުގަދަ ޤައުމުތަކުން ވަންނަން ފުރުޞަތު ދެވޭތީ އާރު.ޓޫ.ޕީގެ ނަމުގައި ފިޔަވަޅު އެޅުމަށް  އަމާޒުކޮށް އ.ދ. ގެ އާންމު މަޖިލީހުގައި ނެގޭ ވޯޓުތަކުގައި ބައިވެރިނުވުމަށް ރާއްޖެއިން ވަނީ ވަރަށް ކުރިއްސުރެ ވެސް ނިންމާފައެވެ" މިހެންނެވެ.

ރާއްޖޭން ކަންބޮޑުވަނީ އިންސާނީ ހައްގުތަކާ ގަތުލުއާއްމުތައް ހުއްޓުވުމަށް ކަމަށް ބުނެ އާރު.ޓޫ.ޕީގެ ދަށުން ދާޚިލީ ކަންކަމާ ބޮޑެތި ގައުމުތަކުން ބެހިދާނެ ކަމަށެވެ. ދަންނަވަން ޖެހެނީ މިއީ ކުޑަކުދިންވެސް ނުދައްކާ ބާވަތުގެ ޖޯކެއް ކަމުގައެވެ.

ގައުމުތަކުގެ ދާޚިލީ ކަންކަމެއް ވަންނަނީ އޭ ކިޔާ އާރު.ޓޫ.ޕީ އަށް ރާއްޖޭން ފިލިޔަސް 113 ގައުމުން ވޯޓުދީ އާރު.ޓޫ.ޕީ އދ.ގެ އެޖެންޑާގައި ހިމެނުމަށް އާނބަސް ބުނި ގައުމުތަކުގެ ދާޚިލީ މިނިވަންކަން އޮތުމަށް އެގައުމުތަކުން ނޭދެނީ ބާވައެވެ؟ އެ ގައުމުތަކަކީ އަމިއްލަ އިސްތިގްލާލެއްވެސް އަދި ގައުމީ ވަންތަ ކަމުގެ ރޫހުވެސް އެ ބައެއްގެ ހިތުގައި ނެތް ގައުމުތަކަކީ ތޯއެވެ. ރާއްޖެ ފަދަ ކުދި ކަމަށް އދ. ގައި ލިޔެފައިވާ ފިޖީ އާއި، ޓްރިނިޑާޑް އެންޑް ޓޮބާގޯ އާއި، ޓުވާލޫ އާއި ޓޮންގާ ފަދަ އެތައް ގައުމަކުން މި މާއްދާ ފާސް ކުރުމަށް ވޯޓު އެ ދިނީ ބޮޑެތި ބާރުތަކުން އެ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނާނެ ކަމަށް ނުވިސްނޭތީތޯއެވެ؟ ނުވަތަ ވަނަސް ފަހާލެވޭ ވަރުގެ އާރާ ބާރު އެގައުމުތަކުގައި ހުރީމާ ތޯއެވެ؟

ދިވެހި ސަރުކާރުން ދެން ބުނާ ވާހަކައަކީ މިޔަންމާގެ މައްސަލައަކީ ދިވެހި ސަރުކާރުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އދ އިން މި މައްސަލާގައި ފިޔަވަޅު އަޅައިދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ.

ރާއްޖޭގެ ޚާރިޖީ ވުޒާރާއިން މިހެން ބުނާއިރު، އދ އަކީ ވަކި ގައުމެއް ނޫންކަން ދިވެހި ސަރުކާރަށް ނޭނގެނީބާވައޭ ހިތައް އަރައެވެ. އ.ދ އަކީ ދުނިޔޭގެ ގައުމުތަކުން ނިންމާ ނިންމުންތަކެއް ތަންފީޒް ކުރާ ގުނަވަނަކަށް ވީއިރު، ރާއްޖޭން ހުއްޓުވަން މިބުނާ ޖަރީމާތައް އދ އަށް ހުއްޓުވޭނީ އާރު.ޓޫ.ޕީ ފަދަ ޓޫލްތަކުގެ އެހީގައިކަން ސަރުކާރަށް ނުވިސްނޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އ.ދ އިން ކަންކަން ނިންމަނީ އެކަމެއް ހުށަހަޅާ ފާސް ކޮށްގެންނެވެ. ކަމާ ގުޅޭ ގޮތުން ހުށަހަޅާ ހުށަހެޅުންތައް ފޭލް ކޮށްލަން ނުކުތުމުން ދެން އެކަމާ އ.ދ އިން ކުރާނީ ކޮން ކަމެއް ހެއްޔެވެ؟

އާރު.ޓޫ.ޕީގެ މުހިންމު އަސާސްތަކަށް ބަލާލުމުން ދިވެހި ސަރުކާރުން މިދެއްކި ބަހަނާގެ ދެކޮޅު ނުޖެހޭ މިންވަރު އިތުރަށް ސާފުވެއެވެ. އާރު.ޓޫ.ޕީގެ އަސާސީ ތަނބުތަކަކީ، އާބާދީތަކާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމުގެ ޒިންމާ އަކީ އެ ދައުލަތެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާ އެއް ކަމަށް ކަނޑައެޅުމާއި، އަދި އެ ޒިންމާ އަދާ ކުރުމުގައި ބައިނަލް އަގްވާމީ މުޖްތަމައުން ކޮންމެ ގައުމަކަށް އެހީތެރިވެ ދޭން ޖެހުމާއި، އަދި އެ ގައުމެއްގެ އާބާދީތައް ރައްކާތެރިކޮށް ނުދެވޭ ގައުމުތަކާ ދެކޮޅަށް އދ ގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތީން ބައިނަލް އަގްވާމީ މުޖްތަމައުން ގުޅިގެން ފިޔަވަޅު އެޅުމެވެ.

މިފަދަ ޖަރީމާތަކަކާ މެދު ކަންބޮޑުވާން ރާއްޖޭގެ ސަރުކާރަށް ޖެހޭނީވެސް އެފަދަ ޖަރީމާތަކެއް ދިވެހި ފަސްގަނޑުގައި ދިވެހި ސަރުކާރުން ހިންގާ ނަމަތާއެވެ؟ އެކަން ނުކުރާ ކަމުގެ ޔަގީންކަން ސަރުކާރަށް އޮތްނަމަ އާރު.ޓޫ.ޕީގެ ދަށުން ބާރުގަދަ ގައުމުތަކުން ރާއްޖެއާ ބެހޭނެ ހެއްޔެވެ؟

ޖުމްލަ ގޮތެއްގައި އާރު.ޓޫ.ޕީ ން ރައްކާތެރި ކޮށްދެނީ އިންސާނީ ހައްގުތަކެވެ. އާރު.ޓޫ.ޕީ ގޮވާލަނީ، ސަރުކާރުތައް ޒިންމާދާރު ވުމަށެވެ. އަނިޔާވެރި ނުވުމަށެވެ. ވަކި ފިކުރެއްގެ ވަކި ބަޔަކަށް ވީތީ އެމީހުންނާ ދެކޮޅަށް ޖަރީމާއެއް ހިންގައިފި ނަމަ އެކަމަށް ޒިންމާ ކުރުވުމެވެ. އަދި މުޅި ދުނިޔެ ގުޅިގެން ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ތެދުވުމެވެ.

ރާއްޖޭގެ ޚާރިޖިއްޔާއިން ކޮންމެ ވާހަކަ އެއް ދިފާއުގައި ދެއްކިޔަސް ޝައްކެއްވެސް ނެތް ގޮތުގައި ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް ގެ ގިއުގަނޑުގެ ދަށުގައި މިޔަންމާގެ މުސްލިމުންނަށް މިހާރު ކުރިމަތިވެފައިވާ މައްސަލަ ނުހިމެނި ނުދާނެއެވެ. ޚުދު އދ އިން ބުނެފައިވަނީ މިޔަންމާގައި މުސްލިމުންނާ ދެކޮޅަށް ހިނގަމުންދަނީ ނަސްލެއް ނައްތާލުމުގެ ޓެކްސްޓް ފޮތުގެ މިސާލެއް ކަމަށެވެ. މާނައަކީ އެއީ އެހާ ސާފު މައްސަލައެއް ކަމަށެވެ. މިޔަންމާ ސިފައިން ކުރަމުންދާ މަސައްކަތަކީ މުސްލިމުންގެ އާބާދީ އެގައުމުން ފުހެލުމުގެ މަސައްކަތެވެ. އެއީ ނަސްލެއް ގައުމުން ސާފު ކޮށްލުމުގެ ލާއިންސާނީ ހަރަކާތްތަކެވެ.

އަނެއް ކޮޅުން، އާރު.ޓޫ.ޕީ ގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ ގްލޯބަލް ސެންޓަރ ފޯ ދަ ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް ފަދަ ބައިނަލް އަގްވާމީ ގޮތުން ބަލައިގެންފައިވާ ޖަމާއަތްތަކުން އާރު.ޓޫ.ޕީ އާ މިޔަންމާގައި ހިނގަމުންދާ ޖަރީމާތަކާ އޮތް ގުޅުން ކެނޑިނޭޅި އެދަނީ ހާމަކުރަމުންނެވެ. މިއަހަރުގެ ސެޕްޓެމްބަރ 15 ގައި އެ ޖަމާއަތުން ނެރެފައިވާ އާރު.ޓޫ.ޕީ މޮނިޓަރގެ ބުލެޓިން އަށް އެކަނި ބަލާލުމުންވެސް އާރު.ޓޫ.ޕީ އާ މިޔަންމާގެ މައްސަލަ ގުޅިފައި އޮތް މިންވަރު ހެއްކާ ގަރީނާއެކު އެކު އެއޮތީ ބަޔާން ކޮށްދީފައެވެ.  

ރާއްޖޭގައި މިއަދު އޮތް ސަރުކާރުގެ ލޮޖިކަކީ، އާރު.ޓޫ.ޕީ އަކީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބާރުގަދަ ގައުމުތަކުން ވަންނަން އޮތް ދޮރެކެވެ. އެހެން ކަމުން އާރު.ޓޫ.ޕީގެ ނަމުގައި ނިންމާ ނިންމުންތަކަށް ރާއްޖޭގެ ނަމުގައި މި ސަރުކާރުން ވޯޓެއް ނުދޭނެއެވެ. މި ލޮޖިކުން ވިސްނާއިރު މިޔަންމާއިން ވެސް ބުނަނީ އެގަމުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އުދުވާނަކީ އެގައުމުގެ ދާޚިލީ ކަމެއް ކަމުގައެވެ. އެހެން ކަމަށް ވާނަމަ ދިވެހި ސަރުކާރުން އަދި ރާއްޖޭން އެކަމާ ބެހެވޭނީ ކިހިނެއް ހެއްޔެވެ. ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހި ރާއްޖޭން މިޔަންމާގެ މައްސަލަ އދ އަށް ހުށަހެޅީއޭ ބުނީމާ މިޔަންމާ ސަރުކާރުގެ ގާތައް އަންނާނީ ހިނި ނޫންތޯއެވެ؟ ރާއްޖޭން މިދައްކާ ވާހަކައަކީ ދުނިޔޭގެ އުސޫލާ ކަންކަން އޮންނަންވީ ގޮތް ކަމުގައި ވާނަމަ އަނިޔާވެރި ސަރުކާރު ތަކުން ރައްޔިތުންނާ މެދު ކިތަންމެ އަނިޔާވެރި ވިޔަސް އެއީ އެހެން ބަޔަކާ ބެހޭ ކަމެއް ކަމަކަށް މިފަދަ ސަރުކާރު ތަކުންނެއް ނުދެކޭނެއެވެ. އެއީ ގައުމުގެ މިނިވަންކަމެވެ. އިސްތިގްލާލެވެ.

ހަގީގަތައް އެއްޗެއް ދަންނަވާނަމަ ދެންނެވެން އޮތީ ރޮހިންޖާ މުސްލިމުންގެ ހައްގުގައި މުޅި ދުނިޔެއިން މިޔަންމާ އާ ދެކޮޅަށް ތެދުވެވެން އޮތީވެސް އާރު.ޓޫ.ޕީ ފަދަ އިންސްޓްރޫމެންޓްތަކުގެ ހިޔަލުގައި ކަމަށް ވުމެވެ. މިޔަންމާގެ މުސްލިމުންނަށް ކިތަންމެ ފައިސާގެ އެހީއެއް ދިނަސް އަދި ކިތަންމެ މުދަލެއް ދިނެއް ކަމަކު އެއިން ކޮންމެ ކަމެއްވެސް ވެގެންދާނީ ވަގުތީ ކޮންމެވެސް މުހުތާދެއް ފިލުވައިދޭ އެއްޗަކަށެވެ. ރޮހިންޖާ މުސްލިމުންނަށް ހަމަ ޖެހޭ ދިރިއުޅުމެއް އުޅެވެން އޮތީ، މިޔަންމާގެ އަނިޔާވެރި ސިފައިންނާ ސަރުކާރުގެ ކިބައިން އެމީހުންނަށް ރައްކާތެރިކަން ލިބިގެންނެވެ. އާރު.ޓޫ.ޕީގެ މަގްސަދަކީ އެ ރައްކާތެރިކަން ހޯދައިދިނުމެވެ. އެ ހަގީގަތް ފަސްއަޅާ ފޮރުވާ ނުލައްވާށެވެ.

ހިތްދަތި ދިރިއުޅުމެއް ހޭދަކުރަން ޖެހިފައިވަ ރޮހިންޖާ މުސްލިމުންނާ މެދު ވަރަށް ހެޔޮ ގޮތްތަކެއް ދެއްކުމަށްފަހު އ.ދ ގައި ދިވެހި ސަރުކާރުން ތިޔަ ކަންތައް ކުރި ގޮތުން "ފިރުމާލާފަ ކަނާތުން ތި ޖެހީ މޫނުގަ ވާތުން" ނޭ ބުނުން ނޫން ދެން ބުނަން އޮތީ ކޮން އެއްޗެއްތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
17%
50%
0%
33%
0%
0%
ކޮމެންޓް
16 ސެޕްޓެންބަރ 2017 | ހޮނިހިރު 21:21
ދަލޭ
ޔޫ.އެން..އަށް ވޯޓް.ދޭން ދަނިކޮށް އަންނި ބަޔަކު ފޮނުވައިގެން ދިޔަނުދީ ކިޑުނެޕްކޮށް ހިފެއްޓީ
16 ސެޕްޓެންބަރ 2017 | ހޮނިހިރު 20:34
ސައްޕޭ
ސަރުކާރުންވެސް މިދަނީ ވަކިކުލައެއް ރާއްޖެއިންނައްތާލުމުގެ މަސައްކަތުގައިވާތީވެ މިފަދަމުޢާހަދާ ތަކުގައި ބައިވެރިނުވުމަކީ ޚައިރާންޖެހޭކަމެއްނޫން، ރީދޫ ކުލާގެ މީހުންނަށް ވަޒީފާ ދިނުމެއްނެތް، އަދިވަޒީފާގައި ރީދޫ މީހަކު ހުރެއްޖެހެން ހީވިއަސްް އެމީހަކު ވަޒީފާއިންް ކަޑަނީ، ރީދޫ މީހުންނަށް ފުލެޓްދިނުމެއްވެސްނެތް، ރީދޫމީހުން ގެއްލެނީ ، ރީދޫމީހުން ޖަލަށްލަނީ، ރީދޫމީހުން ގެ ގަޔަށް ވަޅިޖަހަނީ، ރީދޫމީހުން މަރަނީ، މިޖަރީމާތައް ބަލާނެބަަޔަކު ،ނެތް! އެހެންވީމާ މިކަހަލަ މުޢާހަދާތަކުގައި ބައިވެރިއެއްނުވާނެނޫން ދޯ! ކީ ކޭ ބުނާނީ
16 ސެޕްޓެންބަރ 2017 | ހޮނިހިރު 20:22
އަލީ
ސަޅި ލިޔުމެއް. މައްސަލަ ވަރަށް ސާފުވެއްޖެ. ދިވެހި ސަރުކާރަކީ އިސްލާމްދީނާ މެދު ދެމޫނުގެ ވެރިއެއްކަން އެނގިއްޖެ.