ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 19:40
ޖާޝިމް އަކި އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖެއް
ޖާޝިމް އަކި އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖެއް
އަލްޖަޒީރާ
ރޮހިންޖާ މުސްލިމުން
ރޮހިންޖާ ކުޑަ ފިރިހެއް ކުއްޖެއްގެ ވާހަަކަ:" އެންމެ ދެރަވަނީ ބައްޕަގެ ހަބަރެއް ނުވާތީ"
 
ބޭނުންވަނީ ކިޔަވާ ނިމިގެން ޓީޗަރަކަށް ވާން
 
ބަންގްލަދޭޝްއަށް ދިއުމަށް 13 ދުވަސް ނެގި
 
ގާތްގަނޑަކަށް 270000 މީހުން ވަނީ ބަންގްލަދޭޝްއަށް ހިޖުރަކޮށްފަ

ޖާޝީމް އަކީ ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ ކުއްޖެކެެވެ. އެ އުމުރުފުރައިގެ އެހެން  ކުޑަކުދިންނެކޭ އެއްގޮތަށް އޭނާވެސް ދެކޭ ވަރަށް ގިނަ ހުވަފެންތަކެއް އެބަ ހުއްޓެވެ. އެހެން ނަމަވެސް އޭނާގެ ހުވަފެންތައް ވެއްޔާ މޮޑެވިގެން ދިޔައީ  މިޔަންމާގެ މިލިޓަރީ ސިފައިން އައިސް އޭނާ ދިރިއުޅޭ ސަރަހައްދު އެއްކޮށް ސުންނާފަތި ކޮށްލުމުންނެެވެ.  އޭނާ މިވާހަކަތައް އަލްޖަޒީރާއަށް އޭނާ ކިޔައިދީފައިވެއެވެ. އޭނާ ގެ ވާހަކަތައް ވިދާޅުވާށެވެ. 

އަހަރެންގެ ނަމަކީ ޖާޝިމް އެވެ. އަހަންނަކީ އުމުރުން 12 އަހަރުގެ ކުއްޖެކެވެ. މި ކާރިސާ ކުރިމަތިވުމުގެ ކުރިން އަހަރެން ސްކޫލަށް ދިޔައީމެވެ. އަހަރެން އެންމެ ކިޔަވާ ހިއްވާ މާއްދާއަކީ އިނގިރޭސި ބަހެވެ. އިނގިރޭސި ބަސް  ދަސްކުރާ ހިތް ވަނީ އެ ބަސް ވަރަށް ރަގަޅަށް އެނގިއްޖެ ނަމަ ދުނިޔޭގެ އެކި ހިސާބުތަކަށް ގޮސް ގިނަ ބަޔަކާ ބައްދަލުވާނެތީ އެވެ. އަހަރެންގެ އެންމެ ބޮޑު އުންމީދަކީ ވީހާ ވެސް އަވަހަށް ކިޔެވޭނެ ގޮތެއް ވުމެވެ. އަހަރެއް ބޭނުންވަނީ ކިޔަވާ ނިމިގެން ޓީޗަރަކަށް ވުމަށެވެ.

ސިފައިން އަހަރެމެން ހުރޭ ސަރަހައްދަށް އައުމުން އަހަރެމެން ޖެހުނީ އެމީހުންނަށް ނުފެންނަ ތަންތަނަށް ގޮސް ފިލާށެވެ. ގާތްގަނޑަކަށް 200 ވަރަކަށް ސިފައިން އައިސް އަހަރެން ދިރިއުޅުނު ސަރަހައްދުގެ ގެތައް އަންދާ، މީހުން ގަޔަށް ބަޑިޖެހި މަންޒަރު ފެނުނެވެ. އަހަރެން ވަރަށް ބިރުގަތެވެ.

 އަހަންނާއި އަހަރެންގެ އާއިލާ އާއި އެ ސަރަހައްދުގެ އެހެން ރައްޔިތުން ހިމެނޭގޮތަށް ޖަންގަލިތަކަށް ވަދެ ފިލީމެވެ. އަދި ބަންގްލަދޭޝްއަށް ދިޔުމަށް ދަތުރު ފެށީމެވެ. ބަންގްލަދޭސްއަށް  ދިޔުމަށް 13 ދުވަސް ނެގި އެވެ. ބައެއް ފަހަރު ޖަންގަލީގެ އެކި ސަރަހައްދުތަކަށް މަޑުކޮށް ނިދާ ވެސް ހެދީމެވެ.

 އެއީ ވަރަށް ދަތި އަދި އުނދަގޫ ދަތުރެކެވެ. އަދި ދުވަހަކު  ވެސް ހަނދާނުން ނުފިލާނެ ދަތުރެކެވެ. އަހަރެމެން ބޮޑެތި ފަރުބަދަތައް ހުރަސްކުރިން އަދި ބައެއް ކުދި ކޯރުތައް ހުރަސްކުރަންވެސް ޖެހުނެވެ. ހިނގާފައި ބަންގްލަދޭޝިއަށް ދަތުރު ކުރުމަށް ދިޔަ މަގުމަތީ އެންމެން ވެސް ތިބީ ވަރަށް ބިރުންނެވެ. ސިފައިންގެ ބަޔަކަށް ފެނިދާނެތީ އެވެ. އަދި ބަންގްލަދޭސް އާއި ކައިރި ސަރަހައްދުތަކަށް ދެވެން ފެށުމުން އިތުރަށް ބިރުގަތެވެ. އެއީ ބަންގްލަދޭސްއާއި ކައިރި ސަރަހައްދުގައި މިޔަންމާގެ ސިފައިން ގިނަ އަދަދެއްގެ ބޮން ވަޅުލާފައި ހުންނަ ވާހަކަ އަޑު އިވިގެންނެވެ.

 އަހަރެން އެންމެ ދެރަވަނީ  އަހަރެން ދިރިއުޅޭ ސަރަހައްދު އެއްކޮށް ހަލާކުވެގެން ދިޔުމުންނެވެ. ބަންގްލަދޭސްއަށް ދިޔަ އިރު އެއްވެސް އެއްޗެއް ނުގެންދަމެވެ. އެެހެންކަމުން ކުރިން ދިރިއުޅުނު ސަރަހައްދުގައި ގެންގުޅުނު ހުރިހާ އެއްޗެއް ވަނީ ގެއްލިފަ އެވެ. ބަންްގްލަދޭޝްއަށް އައީ އަހަރެންގެ މަންމައާ އެއްކޮންނެވެ. އެކަމަކު އަދިވެސް  ބައްޕަ ހުރީ ރަހައިނު ސްޓޭޓުގައެވެ.

އަހަރެމެންގެ ފުރާނަ ސަލާމަތް ކުރުމަށް އަވަހަށް ފިލުމަށް އެދުނީވެސް ބައްޕަ އެވެ. އަދި ދުވަސްކޮޅަކުން ބަންގްލަދޭސްއަށް އަންނާނެ ކަމަށް ވެސް ބައްޕަ ބުންޏެވެ. އެހެން ނަމަވެސް އަހަރެމެންގެ ދަތުރު ފެށިފަހުން ބައްޕަގެ އެއްވެސް  ޚަބަރެއް ނުވެ އެވެ. އަހަރެން އެންމެ ކަންބޮޑު ވަނީ ސިފައިން އައިސް ބައްޕައަށް އަނިޔާއެއްކޮށްފާނެތީ އެވެ. އަދި ސިފައިން ވަޅުލާ ބޮމެއްގެ މައްޗަށް އެރި ބައްޕައަށް އަނިޔާއެއް ވެދާނެތީ ވެސް ކަންބޮޑުވެ އެވެ.

 މަންމަ އާއި އަހަރެން ސަލާމަތް ވީތީ އުފާކުރަމެވެ. އެެހެން ނަމަވެސް މިތަނުގައި އުޅެން ޖެހެނީ ވަރަށް ހާލުގައެވެ. ދިރިއުޅޭނެ ގެއެއް ނެތެވެ. އަހަރެމެން ނިދަނީ ހާމައަށް ތެތްކޮށް އޮންނަ ތަނަކުގައެވެ..

އަހަރެމެންނަކީ، މިޔަންމާގެ ރައްޔިތުނެވެ. އަދި މިޔަންމާއިން އެގޮތުގައި ބަލައިގެންފިނަމަ އަހަރެން ވަރަށް އުފާވާނެ އެވެ.  މިއީ މުޅި ދުނިޔެއަށް ޖާޝިމް ދިން މެސެޖެވެ.

 މިއީ އެންމެ 12 އަހަރުގެ ޖާޝިމްގެ ހިތުގެ އުދާސްތަކެވެ. މިފަދަ އެތައް ކުޑަކުއްޖެއް، ހިތްދަތި ދުވަސްތައް ހޭދަކުރަމުން އެބަދެއެވެ. އެކުދިން ވެސް ބޭނުންވަނީ އެކުދިންނަށް ވަޒަނެއްގެ ލިބި، މި ހަމަނުޖެހުންތައް ނިމުމަކަށް އައިސް، ބިރުވެރިކަމެއް ނެތި އެހެން ކުދިންނެކޭ އެއްފަދައިން ރަގަޅު ދިރިއުޅުމެއް ލިބުމެވެ.

 ގާތްގަނޑަކަށް ޖުމްލަ  270000 އަންހެނުންނާއި ކުޑަކުދިން މިހާރު ވެސް ބަންގްލަދޭޝްއަށް ވަނީ ގޮސްފައެވެ. މިޔަންމާގެ މިލިޓަރީ ސިފައިން ލާއިންސާނީ އެތަކެއް އަނިޔާތަކެއް ރޮހިންޖާ މުސްލިމުންނަށް ދެމުންދިއުމުގެ ސަބަބުން އެރައްޔިތުން، އެހެން ގައުމުތަަކަށް ފިލައިގެން ދިއުމަށް ވަނީ މަޖުބޫރުވެފަ އެވެ.

އދ އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވެސް ދަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް ދެމުންދާ އަނިޔާތައް ކުށްވެރިކޮށްފަ އެވެ. ވަކި ނަސްލެއް އެއްކޮށް ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަންހެން ކުދިން ރޭޕްކޮށް، މީހުން ދިރިއުޅޭ ގެތައް ދަނީ އަންދަމުންނެވެ. ރޮހިންޖާ މުސްލިމުންނަށް މިއަދު ބޭނުންވަނީ މުޅި ދުނިޔޭގެ އެހީތެރިކަމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
3%
93%
0%
3%
0%
ކޮމެންޓް