ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 17:15
އުމުރުން 16 މަހުގެ މުހައްމަދު ޝޮހާޔެތު: އެތައް ބަޔަކަށް އަސަރުކޮށްފި
އުމުރުން 16 މަހުގެ މުހައްމަދު ޝޮހާޔެތު: އެތައް ބަޔަކަށް އަސަރުކޮށްފި
ގޯލް.ކޮމް
ރޮހިންޖާ ޓެލެތޯން
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ
 
ބޯޓު ނައްޓާލަން ޖެހުނީ މަރުވި މީހުންގެ ފުރާނަ ނެތް ހަށިތައްވެސް  ކޯރުގެ އައްސޭރި ފަށަށް ދޫކޮށްލާފަ
 
ޖަހަމުންދިޔަ ބަޑީގެ އަޑަށްވުރެ ގަދަވެގެން ދިޔައީ އަނިޔާވެ ލޭއޮހެރެމުން ދިޔަ މީހުންނާއި މަރުވަމުން ބިންމައްޗަށް ތިރިވަމުން ދިޔަ މީހުންގެ ހަޅޭކުގެ އަޑު
 
ދަރިފުޅާ އަނބިމީހާވެސް ވީތަނެއްގެ މަތިން ޚިޔާލެއްވެސް ނެތް

"އެފޮޓޯ ފެނުމާއެކު ހީވީ ފައިދަށުން ބިންގަނޑު ދެމިގެންހެން. ހިތައް އެރި އަމިއްލައަށް މަރުވާންވިއްޔޭވެސް." ބަނގްލަ ދޭޝްއާއި މިޔަންމާ ގުޅުނު ބޯޑަރު ކައިރީ ނަފް ކޯރުގެ އައްސޭރިފަށުގެ ޗަކަގަނޑުގެ ތެރޭގައި މޫނުވަތައް އެއްލާލާފައި އޮތް  16 މަހުގެ ތުއްތު ތުއްތު ކުއްޖާގެ ފޮޓޯ އޭނާގެ ބައްޕަ އަށް ފެނުމުން ކުރެވުނު އިހްސާސްތައް ބުނެދިނެވެ.

އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. މިޔަންމާގެ ރޮހިންޖާ މުސްލިމެއް ކަމުގައިވާ ޒަފަރު އަލަމް ބޯޓާ ދިމާލަށް ދުއްވައިގަތީ  އޭނާގެ 16 މަހުގެ ދަރިފުޅު މުހައްމަދު ޝޮހާޔެތު އާއި އޭނާގެ އަންހެނުން ގޮވައިގެންނެވެ. ފަހަތުން އަނިޔާކުރަމުން އަންނަ މިޔަންމާ ސިފައިންގެ އަތްދަށުން ސަލާމަތްވެ ބަންގަލަދޭޝްއަށް ދެވޭތޯއެވެ. ޢާއިލާގެ އެހެން މީހުން މަރުވެ ދިޔުމުގެ ހިތާމައިގެ އިތުރުން ގެދޮރު އަނދާ ހުލިވުމުން ހިތާ ދެކޮޅަށްވެސް އަމިއްލަ ރަށް ރަޚައިން ސްޓޭޓް ދޫކޮށްލާފައެވެ.

ޒަފަރު އަލަމް ބުނީ ތުއްތު ދަރިފުޅާ އަންބިމީހާ ގޮވައިގެން ބޯޓަށް އެރިދާނެތޯ ބޯޓުގެ ވެރިމީހާގާތު އެހުނުހެން ހީކަމަށެވެ. ހުއްދަވެސް ލިބި ބޯޓަށް އެރުނު ކަމަށްވެސް ޤަބޫލް ކުރެވުނެވެ. އެކަމަކު އެކަން އެހެންވިކަމެއްވެސް އަދި އޭނާގެ ދަރިފުޅާ އަނބިމީހާވެސް ވީތަނެއްގެ މަތިން އޭނާއަކަށް ޚިޔާލަކަށްވެސް ނުގެނެވުނެވެ. ފަހަތުން ބަޑިތައް ތަޅަމުން އައި ސިފައިންގެ އުންޑަތައް ހީވީ ތީރުތަކެއް އޮއްސައިގެން ހެންނެވެ. ޖަހަމުންދިޔަ ބަޑީގެ އަޑަށްވުރެ ގަދަވެގެން ދިޔައީ އަނިޔާވެ ލޭއޮހެރެމުން ދިޔަ މީހުންނާއި މަރުވަމުން ބިންމައްޗަށް ތިރިވަމުން ދިޔަ މީހުންގެ ހަޅޭކުގެ އަޑެވެ. ސަލާމަތައް އެދި ރޮމުން ދިޔަ މީހުންގެ ވޭނީ ރުއިމުގެ އަޑެވެ. ގުގުމަމުން ދިޔައި ވަޒަން އަރައިގެން ޒަޚަމްވި ކުޑަކުދިންނާ މަރުވަމުންދިޔަ މީހުންގެ ތަހައްމަލް ކުރަން އުނދަގޫ ކުކުރުމުގެ އަޑުންނެވެ. މަރުވެފައިވާ މީހުންގެ ހަށިތަކާއި ވަޒަން އަރާ ޒަޚަމްވި މީހުންނާއެކު ބޯޓަށް ނައްޓާލެވިއްޖެއެވެ. ބޯޓަށް އަރަން ދުވެފައި އައި އެތައް ބަޔަކަށް ނޭރި އުޅެނިކޮށްނެވެ. ބޯޓަށް އަރައަރާއޮއްވާ އެރި ވަޒަނުން ބޯޓުން ދޫވެ ކޯރުތެރެއަށް ވެއްޓުނު މީހުންނާވެސް ނުލައެވެ. އަދި އަމުދުން އެހިނދު މަރުވި މީހުންގެ ފުރާނަ ނެތް ހަށިތައްވެސް  ކޯރުގެ އައްސޭރި ފަށަށް ދޫކޮށްލާފައެވެ. އެނޫން އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ.

ސަލާމަތުން ބޯޓުން ފުރުނު މީހުންގެ ތެރޭގައި ޒަފަރވެސް ހިމެނެއެވެ. އެކަމަކު ޒަފަރ އަށް އޭނާގެ ދަރިފުޅު ނެތްކަން އެނގުނީ މީހަކު އޭނާގެ ފޯނަށް ފޮނުވި ފޮޓޯ ފެނުމުންނެވެ. އޭނާގެ ދަރިފުޅު އޭނާގެ އަތަކު ނެތެވެ. އެދަރިފުޅު އެއޮތީ ކޯރުގެ އައްސޭރިފަށުގެ ޗަކަގަނޑުތެރެއަށް ވެއްޓިފައެވެ. އަޅާލާނެ މީހަކު ނެތިއެވެ. ހަރަކާތް ހުއްޓިފައެވެ.

"އަހަރެންގެ ހިތައް އެރި އަހަރެން ދެން މިދުނިޔޭގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތޭ." އަޑުން އަޑުނަގާ ރޮމުން މަރުވެފައިވާ 16 މަހުގެ ތުއްތު ތުއްތު މުހައްމަދު ޝޮހާޔެތުގެ ބައްޕަ ސީއެންއެންއަށް ބުންޏެވެ.

އެފޮޓޯ މުޅި ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެތައް މިލިއަން މީހަކު ވަނީ އެފޮޓޯ ބަލާފައެވެ. އެފޮޓޯއަށް ބެލި ކޮންމެ މީހަކު ފެންކަޅިވެއްޖެއެވެ. އެފޮޓޯއިން މުޅި ދުނިޔެ ރޮއްވާލައިފިއެވެ.  އެފޮޓޯއިން ލައްކަ ވާހަކަތައް ބުނެދީފިއެވެ. އެފޮޓޯއިން އެކަނިވެސް މިޔަންމާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ ޙާލަތު ފުރިހަމައަށް ސިފަވެގެން ހިނގައްޖެއެވެ. އެޤައުމުގައި މުސްލިމުންނަށް މިނިވަންކަމެއް ދިރިއުޅުމުގެ ޙައްޤެއް ނެތެވެ. ލާއިންސާނީ އަނިޔާތަކުގެ ޝިކާރައަކަށް ވެއްޖެ ކަމެވެ. ރަހުމެއް ހަމްދަރުދީގެ ކަންފުޅެއްވެސް ރޮހިންޖާ ސިފައިންގެ ނެތްކަމެވެ. އެއްވެސް މީހަކަށް އެމީހާގެ އަމިއްލަ ޖާނު ސަލާމަތް ކުރުމުގެ ބާރުވެސް ނެތްކަމެވެ. ތިމާގެ ކުދި ޅަދަރިންނާ މައިން ބަފައިންނަށްވެސް އަޅާލެވޭނެ އެއްވެސް ބާރެއް ނެތްކަމެވެ.

ކޮންމެއަކަސް މިއީ އެންމެ ފޮޓޯއަކުން ބުނެދިން ލައްކަ ވާހަކަތަކެވެ. އަޅުގަނޑުމެންފަދަ މުސްލިމުން ތަކެއްގެ ނިކަމެތި ޙާލެވެ. ރޮހިންޖާ މުސްލިމުންގެ ޙާލެވެ. އެވެރިން އެދެނީ މުޅި ދުނިޔޭގެ އެހީތެރިކަމަށެވެ. ހަމްދަރުދީވުމަށެވެ. އެންމެހާ މުސްލިމުންގެ ހެޔޮ ދުޢާތަކަށެވެ. އެވެރިންނަށް އެނޫން އެހެން ގޮތެއް މިންވަރުކޮށް ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި އެދި ދަންނަވައިދިނުމަށެވެ. ދިރިއުޅެވޭނޭ ދިރިހުރެވޭނޭ ފަދަ އެހެން ގޮތެއް މިންވަރު ކުރެއްވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
0%
0%
94%
4%
2%
0%
ކޮމެންޓް
12 ސެޕްޓެންބަރ 2017 | އަންގާރަ 14:03
މީހާ
އެދަރިފުޅު އެއޮތީ ކޯރުގެ އައްސޭރިފަށުގެ ޗަކަގަނޑުތެރެއަށް ވެއްޓިފައެވެ. އަޅާލާނެ މީހަކު ނެތިއެވެ. ހަރަކާތް ހުއްޓިފައެވެ. ރޮވިއްޖެ. ."