ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 10:59
ރޮހިންޖާ މުސްލިމުން ހިޖުރަ ކުރަނީ
ރޮހިންޖާ މުސްލިމުން ހިޖުރަ ކުރަނީ
ބީބީސީ
ރޮހިންޖާ މުސްލިމް
ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟
 
އަން ސަން ސޫ ކީ އަކީ 1991ވަނަ އަހަރު ނޯބަލް ޕީސް ޕްރައިޒް ލިބިފައިވާ ފަރާތެއް
 
އެގައުމުގެ 135 ނަސްލީ ޖަމާއަތެއް ރަސްމީގޮތުން ބަލައިގަނެފައިވާއިރު ރޮހިންޖާ މުސްލިމުންނަކީ ރައްޔިތުންކަމުގައި ބަލައެއްނުގަނޭ
 
ރޮހިންޖާ މުސްލިމުންގެ އާބާދީ 1.1 މިލިއަނަށް އަރާ

 

ރޮހިންޖާގެ މުސްލިމުން ތަހައްމަލު ކުރަމުންދާ އަނިޔާވެރި އަމަލުތަކަކީ އެކަމުގެ ވާހަކަ އަޑުއަހާ އަދި އެމަންޒަރުތައް ފެންނަ ބަޔަކަށް ފުންހިތާމަ ގެނުވާ ކަމެކެވެ. ތިމާފަދަ އިންސާނުންނަށް މިފަދަ އަނިޔާވެރިކަމެއް ކުރިމަތިވާއިރު އެކަމާމެދު ދުނިޔޭގެ ސަމާލުކަން ނުލިބޭކަމީ އަދި މިޔަންމާގެ ސަރުކާރުންވެސް މިކަން ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާކަމީ ހިތާމަކުރުވަނިކަމެކެވެ.

ރޮހިންޖާ މުސްލިމުންގެ އާބާދީ 1.1 މިލިއަނަށް އަރާއިރު މުޅި މިޔަންމާގެ އާބާދީ 58 މިލިއަނަށްވުރެ ގިނައެވެ. މިޔަންމާގެ ގިނަ ރައްޔިތުންނަކީ ބުދުބީނަށް ތަބާވާ މީހުންނެވެ. މިޔަންމާ ސަރުކާރުން އެގައުމުގެ 135 ނަސްލީ ޖަމާއަތެއް ރަސްމީ ގޮތުން ބަލައިގަނެފައިވާއިރު ރޮހިންޖާ މުސްލިމުންނަކީ ރައްޔިތުންކަމުގައި ބަލައެއްނުގަނެއެވެ. ރޮހިންޖާގެ މުސްލިމުން ދިރިއުޅެމުންދާ ރަޚައިން ސަރަހައްދަކީ މިޔަންމާގެ އެންމެ ފަގީރު އަދި ވަސީލަތްތަކާއި ފުރުސަތުތައް އެންމެމަދު ސަރަހައްދެވެ.

އިނގިރޭސީންގެ ބާރުގެ ދަށުގައި 1824ން 1948ށް މިޔަންމާ އޮތުމަށްފަހު މިޔަންމާއަށް މިނިވަންކަން ލިބުނު ހިސާބުން ފެށިގެންވެސް ރޮހިންޖާ މީހުންނާމެދު ތަފާތުކުރުން ގެންގުޅެއެވެ. މިގޮތުން އެމީހުންނަށް މިޔަންމާގެ ރައްޔިތުކަން ނުދީ އެމީހުންނަކީ ބިދޭސީންގެ ގޮތުގައި މިޔަންމާގެ ބުޑިސްޓުން ސިފަކުރަންފެށިއެވެ. މިނިވަންކަމަށްފަހު އެކުލަވާލެވުނު "ޔޫނިއަން ސިޓިޒަންޝިޕް އެކްޓް"ގެ ދަށުން ރޮހިންޖާ މުސްލިމުންނަށް މިޔަންމާގެ ރައްޔިތުކަން ކަށަވަރުކޮށްދީފައި ނުވިނަމަވެސް މިޔަންމާގައި ގިނަ ޒަމާންތަކެއް ވަންދެން ދިރިއުޅެފައިވާ މީހުންނަށް ރައްޔިތުންކަން ލިބޭގޮތަށް އޮތުމުން ރޮހިންޖާގެ ބައެއް މުސްލިމުންނަށް ރައްޔިތުކަންލިބިފައިވެއެވެ. ނަމަވެސް 1962ވަނަ އަހަރު މިލިޓަރީ ބަގާވަތަށް ފަހު ރޮހިންޖާ މުސްލިމުންނަށް ދީފައިވަނީ މިޔަންމާގައި އުޅޭ ބިދޭސީންނަށް ދޭ އައިޑެންޓިޓީ ކާޑެވެ. މީގެ ސަބަބުން ވަޒީފާގެ ފުރުސަތާއި އުނގެނުމުގެ ފުރުސަތު ހަނިވެގެންދިޔައެވެ. އަދި 1982ވަނަ އަހަރު އެކުލަވާލެވުނު ރައްޔިތުކަމުގެ ގާނޫނުގެ ދަށުން ރޮހިންޖާ މުސްލިމުންގެ ކިބައިން ރައްޔިތުކަން އެއްކޮށް ވަނީ ނިގުޅައިގަނެފައެވެ. މީގެސަބަބުން ދައުލަތެއް ނެތް ބައެއްގެ ގޮތުގައި ރޮހިންޖާ މުސްލިމުން ވެގެންދިޔައެވެ. މިކަމުގެ ސަބަބުން ރޮހިންޖާ މުސްލިމުންނަށް އެތަކެއް ހައްގު ތަކަކުން މަހުރޫމުވިއެވެ. މިގޮތުން ތައުލީމު އުނގެނުމުގެ ހައްގާއި، ވަޒީފާ އަދާކުރުމުގެ ހައްގާއި ދަތުރުފަަތުރުކުރުމުގެ ހައްގާއި ދީނަށް އުޅުމުގެ ހައްގާއި، ޒާތީ ދިރިއުޅުމުގެ ހައްގު ފަދަ އެތަކެއް ހައްގުތަކެއް ގެއްލިގެން ދިޔައެވެ.

 

މިގޮތަށް އިންސާނީ ހައްގުތައް މިޔަންމާގެ އަސްކަރިއްޔާއިން ކުރަމުން އައިސް 1970 ވަނަ އަހަރުން ފެށިގެން ރޮހިންޖާ މުސްލިމުންނަށް އެތައް ގޮތްގޮތުން އަނިޔާވެރި އަމަލުތައް ހިންގަން ފެށިއެވެ. މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންއައި ލާއިންސާނީ އަމަލުތަކުގެ ތެރޭގައި ރޮހިންޖާ މުސްލިމުން އުޅެމުންދިޔަ ގެތައް އަންދާލުމާއި، ކުޑަކުދިންނާއި އަންހެނުނާއި އެއްވެސް ބަޔަކަށް ބެލުމެއްނެތި މީހުން މެރުމާއި އިއްފަތްތެރިކަން ފޭރިގަތުން ހިމެނެއެވެ.   

މިލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށްޓަކައި 1970ން ފެށިގެން މިލިއަނަކަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން މިޔަންމާ ދޫކޮށް އެހެން ގައުމުތަކަށް ވަނީ ހިޖުރަކޮށްފައެވެ. ރޮހިންޖާ މުސްލިމުންގެ ހިތްދަތި ހިޖުރަ ކުރުންވެސް ވީ އެމީހުންނަށް ނުރައްކާތެރި އަދި އެތަށްބައެއްގެ ފުރާނަ ގެއްލިގެންދާ ދަތުރުތަކަށެވެ. އެމީހުން ހިޖުރަކޮށްފައިވަނީ ކަނޑުމަގުން ބޭ އޮފް ބެންގަލް އަދި އަންޑަމަން ކަނޑު ހުރަސްކޮށެވެ.

މިޔަންމާގެ ވެރިއަކަށް ހުރި އަން ސަން ސޫ ކީ އަށް ބަލާއިރު އޭނާ އަކީ 1991ވަނަ އަހަރު ނޯބަލް ޕީސް ޕްރައިޒް ލިބިފައިވާ މީހެކެވެ. 1989 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ގިނަ ދުވަސްތައް އޭނާ ހޭދަކޮށްފައިވަނީ ގޭބަންދުގަ ނުވަތަ ކޮންމެވެސް ހައްޔަރެއްގައެވެ. މިދުވަސްވަރުގެ ތެރޭގައި ސޫ ކީ މަޝްހޫރުވެފައިވަނީ "ނަން-ވައިލަންޓް" އުސޫލުތައް ކުރިއަރުވައި އެ އުސޫލުތަކުގެ ތެރެއިން ސިޔާސީ ބަދަލު ގަނައުމަށް މަސައްކަތްކުރި މީހެއްގެ ގޮތުގައެވެ. އަދި ދުނިޔޭގެ އެކިގައުމުތަކުގެ ކިބައިން ސޫ ކީ އެދެމުންއައީ އެއެގައުމުތަކަށް ލިބިފައިވާ މިނިވަންކަން ބޭނުންކޮށް މިޔަންމާއަށް މިނިވަންކަން ހޯދައިދިނުމަށެވެ. އެހެން ނަމަވެސް މިއަދު ރޮހިންޖާ މުސްލިމުންގެ އެތައް ހާސް ބައެއްގެ ހައްގުތައް ނިގުޅައިގަނެވި ލާއިންސާނީ އެތަކެއް އަމަލެއްގެ ޝިކާރައަށް އެމީހުންވެފައިވާއިރު ސޫ ކީވެސް މިކަމާ ކަންބޮޑުވުން ފާޅުނުކުރާތީ އިންސާނީ ހައްގުތައް ކުރިއަރުވާ އެންމެވެސްތިބީ ހައިރާންކަމެއްގެ ތެރޭގައެވެ. އަދި މީގެ ސަބަބުން ސޫ ކީއަށް ގިނަ ފާޑުކިޔުންތަކެއްވަނީ އަމާޒު ކުރެވިފައެވެ.

ސޫ ކީ އާއި އޭނާގެ ސަރުކާރުން ރޮހިންޖާ މުސްލިމުން ނަސްލީ ދަރިފަސްކޮޅެއްގެ ގޮތުގައި ބަލައިނުގަނެއެވެ. އަދި ރޮހިންޖާ މުސްލިމުންނަށް ދެވޭ ހަމަލާތަކަކީ އެމީހުންގެ ޓެރަރިޒަމްގެ އަމަލުތަކުގެ ރައްދެއްގެ ގޮތުގައި ދެވޭ ހަމަލާތަކެއްކަމުގައި ސިފަކުރެއެވެ.

ރޮހިންޖާ މުސްލިމުންގެ ހާލަތު މިހާހިސާބަށް އޮތްއިރު އެމީހުންނަށް އަލި މަގެއް ލިބޭނެފަދަ މަގެއް އަދިއެއް ނުފެނެއެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ދެކޭގޮތުގައި ރޮހިންޖާ މުސްލިމުންނަށް އިންސާނީ ހައްގުތައް ލިބޭނީ ރޮހިންޖާ ސަރުކާރުން އެމީހުންނަކީ އެގައުމުގެ ރައްޔިތުންކަން ބަލައިގަނެ އެ ހައްގުތައް އެމީހުންނަށް ކަށަވަރުކޮށްދެވިގެންނެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
80%
20%
0%
0%
ކޮމެންޓް