ކ. މާލެ
|
9 ސެޕްޓެންބަރ 2017 | ހޮނިހިރު 20:54
މުހައްމަދު ސޮޔޭ - ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްގައި ހުރެ އޭނާގެ ވާހަކަ ކިޔައިދިން
މުހައްމަދު ސޮޔޭ - ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްގައި ހުރެ އޭނާގެ ވާހަކަ ކިޔައިދިން
އަލްޖަޒީރާ
ރޮހިންޖާ މުސްލިމުން
"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"
 
ހުރިހާ އިންސާނުންނަކީވެސް ހަމަހަމަ ބައެއް
 
އަހަރެމެން އުފެދިފައިވާ ގޮތައް އެމީހުންވެސް އުފެދިފައިވަނީ މަހާއި ލެއިން
 
ވަކި ދީނަކަށް އުޅޭތީ އަހަރެންނަށް އަނިޔާ ކުރަނީ ކީއްވެ؟

މުހައްމަދު ސޮޔޭ އަކީ އުމުރުން 33 އަހަރުގެ ޒުވާނެކެވެ. އޭނާ ނިސްބަތްވަނީ މިޔަންމާގެ ރަކީން ސްޓޭޓްގެ ބުތިޑުއަންގް ޓައުނަށެވެ. އެތަނުން ފިލައިގެން ބަންގްލަދޭޝް އަށް ހިޖްރަކުރީ މީގެ ދިހަވަރަކަށް ދުވަސް ކުރިންނެވެ. މިއީ މުހައްމަދު އަލްޖަޒީރާއަށް ކިޔައި ދިން އޭނާގެ ވާހަކައެވެ.

އަހަންނަކީ ބުތިޑުއަންގ ޓައުނަށް އުފަން މީހެކެވެ. އެހެން ރޮހިންޖާ މީހުންނެކޭ އެއް ފަދައިން އަހަންނަކީވެސް އެތާނގެ ދަނޑުވެރިއެކެވެ. ރަސްމީ ވަޒީފާ އަދާ ކުރުން އަހަރެމެންނަށް މަނަލެވެ. ތައުލީމް ހާސިލް ކުރުންވެސް މަނަލެވެ. އެފަދަ ހައްގުތަކެއް އަހަރެމެންނަކަށް ލިބިފައެއް ނޯވެއެވެ. އެހެން ކަމުން ފުލުހުންގެ ޚިދުމަތް ނުވަތަ ސިފައިންގެ ޚިދުމަތް ފަދަ "ސްމާޓް" ވަޒީފާތަކެއް އަހަރެމެންނަކަށް ނުލިބެއެވެ. އަހަރެމެންނަށް މަސައްކަތް ކުރަންޖެހޭނީ ދަނޑުތަކުގައެވެ. ނުވަތަ އުޅެން ޖެހޭނީ ޖަންގަލިން އޮނު ހޮވާށެވެ.

އެއީ ކިރިޔާ އަނގަޔާ އަތާ ދިމާވާ ވަރުގެ މަސައްކަތްތަކެވެ. އަހެރެމެންނަށް އެއްވެސް މިނިވަންކަމެއް ނެތަސް ކޮންމެވެސް ގޮތަކުން ދިރި ދުނިޔޭގައި ތިބެވުނީ އެވެ. އެގޮތައް ދުވަހެއް ދުވަހެއް ފާއިތުވެ ދަނީއެވެ.

މީގެ ދެ ހަފްތާ ކުރިން ސިފައިންނާ ބުޑިސްޓް ފާދިރީން އަހަރެމެންގެ ވިލެޖަށް އައެވެ. އެމީހުން އައިސް އަހަރެމެންގެ ގަޔަށް ބަޑިޖަހަން ފެށިއެވެ. ފަހަރަކު މީހެއްގެ ގަޔަށެވެ. އަހަރެމެންގެ ގެދޮރުގައި ހުޅުޖަހަން ފެށިއެވެ. އަހަރެންގެ ބޭބެގެ މޫނަށް އެމީހުން ބަޑިޖެހިއެވެ. އެހިނދު ތަނަށް އޭނާ މަރުވެގެން ވެއްޓުނެވެ. އަހަރެމެންގެ މަރުން ސަލާމަތްވާން އޮތް ގޮތަކީ އަވަހަށް އެތަނުން ދުވެ ފިލުމެވެ. ނޫނީ އަހަރެމެންނަށްވެސް އޮންނާނެ ގޮތަކީ މަރާ ކުރިމަތި ލުމެވެ.

އަހަރެމެން ކުރިއަށް ހިނގައިގަތީ އެވެ. ދެވޭ ނުދެވޭ ތަނެއް އެނގިގެންނެއް ނޫނެވެ. ދިހަ ވަރަކަށް ދުވަހު ހިނގި ފަހުން އަހަރެމެންނަށް މި އާދެވުނީ ބަންގްލަދޭޝް އަށެވެ.

އަހަރެންގެ މަންމަންގެ އުމުރަކީ 80 އަހަރެވެ. މަންމައަކީ ވާގިނެތޭ ބަލީގައި އުޅޭ މީހެކެވެ. އޭގެ އިތުރުން ނޭވާ ހިންދާ މީހެކެވެ. އެހެން ކަމުން މަންމަ ޖެހުނީ އުފުލައިގެން ގެންގުޅޭށެވެ. ދަތުރުގައި ތިން ކޯރު ހުރަސް ކުރީ ބޯޓެއްގައެވެ. ދަތުރުގެ ބާކީ ބައި ކަޑައްތު ކުރީ ފައިމަގުގައެވެ. ދަތުރުގައިވެސް ސިފައިންނާ ދިމާވެއެވެ. އެމީހުންނަށް އަހަރެމެން ފެންނަ އިރަށް ބަޑި ޖަހައެވެ. ރޭގަނޑު ނިދީ ނުރައްކާތެރި ބައިބަރު ޖަނަވާރުތަކުގެ މާހައުލުގައި ޖަންގަލީގައެވެ.

އެތައް ނުރައްކާތެރި ގޮންޖެހުންތަކުގެ ތެރެއިން އަހަރެމެންނަށް ކުރިއަށް ދެވުނީ ވަރުގަދަ އަޒްމެއް އޮތުމުންނެވެ. ބޯޑަރު ހުރަސް ކުރެވި ބަންގްލަދޭޝް އަށް އާދެވުމުން ރައްކާތެރިކަން އިހުސާސް ކުރެވެއެވެ. އަހަރެމެންގެ ވަޒަނުގައި ތިބި ނަމަ ހަމަ ކޮންމެ ވަގުތަކުވެސް މަރާ ކުރިމަތިލާން ޖެހުނީއެވެ.

އެކަމަކު ބަންގްލަދޭޝް އަކީ އަހަރެމެންނަށް މުޅިން އައު ގައުމެކެވެ. އަހަރެމެންނަށް ބަންގްލަދޭޝް އާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭގެއެވެ. އަހަރެމެންނަށް ލިޔަން ކިޔާކަށް ނޭގެއެވެ. އަހަރެމެންނަށް މިތާނގައި ކުރަންވީ ކަމެއްވެސް ނޭނގެއެވެ. އަހަރެމެންގެ ވަޒަނަށް ސުލްހަ އިއާދަ ވެއްޖެނަމަ އެނބުރި ދާން ބޭނުމެވެ.

ރޮހިންޖާގެ ހަމަނުޖެހުންތަކުގެ މަންޒަރުތައް މުޅި ދުނިޔެ ބަލާކަން އަހަރެމެންނަށް އެނގެއެވެ. އެހެން ނަމަވެސް އަހަރެމެންނާ ދެކޮޅަށް މިޔަންމާގައި ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވަން އެއްވެސް ބަޔަކު މިޔަންމާ ސަރުކާރަށް ޕްރެޝަރެއް ނުކުރެއެވެ. މައްސަލަ ހައްލު ކުރަން ބޭނުމެއްވެސް ނުވެއެވެ. އެހެންނަމަ އެކަމުގެ ނަތީޖާ އަހަރެމެންނަށް ފެނުނީހެވެ. އެކަމަކު ދުނިޔޭގެ ގައުމުތަކުގެ ސަރުކާރު ތަކުން އެމީހުންނަށް (މިޔަންމާ ސަރުކާރަށް) ޕްރެޝަރ ނުކުރަނީ ކީއްވެގެން ހެއްޔެވެ؟

ދުނިޔެއަށް އަހަރެން ދޭން ބޭނުންވާ މެސެޖަކީ، ހުރިހާ އިންސާނުންނަކީވެސް އެއް ބައެކެވެ. ވަކި ދީނަކަށް ނިސްބަތްވީތީ އަހަރެމެން އިންސާނުންނަށް ނުވާންވީ ގޮތެއް ނޯންނާނެއެވެ. ބުޑިސްޓުންވެސް އުފެދިފައިވަނީ އަހަރެމެން ގޮތައް މަހާއި ލެއިންނެވެ. އެމީހުންނަށް ހަމަޖެހިގެން ސުލްހަވެރިކޮށް މިޔަންމާގައި އުޅެވޭ ނަމަ އަހަރެމެނަށް އެގޮތައް އުޅެވޭނެ ފުރުސަތު ނޯންނަންވީ ކީއްވެ ހެއްޔެވެ؟ އަހަރެމެން އެންމެންނަކީ ވެސް އިންސާނުންނެވެ. އަހަރެމެން އުފަންވީ ހަމަހަމަ ބައެއްގެ ގޮތުގައެވެ.

މިއީ ބަންގްލަދޭޝްގެ ޗިޓަގޮންގެ އުންޗީ ޕްރޭންކް ރެފިއުޖީ ކޭމްޕްގައި ދިރިއުޅެމުންދާ ރޮހިންޖާ ދަރިކޮޅުގެ މުހައްމަދު ސޮޔޭ އަލްޖަޒީރާގެ ކެޓީ އާނޯލްޑް އަށް ދީފައިވާ އިންޓަވިއުއެއް އަސްލަކަށް ބަލައިގެން ގެނެސްދީފައިވާ ލިޔުމެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
5%
0%
95%
0%
0%
0%
ކޮމެންޓް