ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 21:53
މިޔަންމާގެ މުސްލިމުން ދިރިއުޅޭ ކޭމްޕްތަކެއްގައި މިޔަންމާގެ އަސްކަރިއްޔާ އިން ހުޅުޖަހަނީ
މިޔަންމާގެ މުސްލިމުން ދިރިއުޅޭ ކޭމްޕްތަކެއްގައި މިޔަންމާގެ އަސްކަރިއްޔާ އިން ހުޅުޖަހަނީ
ރޮހިންޖާ މުސްލިމުން
ރޮހިންޖާ މުސްލިމުންގެ ހާލަތައް ނަޒަރެއް!
 
މިޔަންމާގެ އަސްކަރިއްޔާގެ ލާއިންސާނީ އަމަލުތަކަށް ހުއްޓުމެއް ނާދޭ
 
މިޔަންމާގެ މުސްލިމުންނަށް އެބައިމީހުންގެ ގައުމުގައި ވަނީ ރަށްވެހިކަމުން މަހުރޫމުވެފައި

އެމީހުންނާ މެދު ބުނެއުޅެނީ އަދި ގަބޫލުކުރެވިފައިި ވަނީ އެއީ ދުނިޔޭގައި އެންމެ ނިކަމެތިކޮށް ކަމޭހިތޭ މައިނޯރިޓީގެ ގޮތުގައެވެ. އެމީހުންނަކީ ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާގައި ދިރިއުޅޭތާ އެތަކެއް ސަތޭކަ އަހަރުވެފައިވާ ބައެކެވެ. އެމީހުންގެ ގައުމުގައި ހިމެނޭ 135 ރަސްމީ ނަސްލީ ގްރޫޕްތަކުގެ ތެރޭގައި އެމީހުން ނުހިމެނެއެވެ. އެމީހުން އުފަން ގައުމުން އެމީހުންނަށް ރަށްވެހިކަން ލިބިފައިނުވާއިރު އެމީހުންވެފައި ވަނީ ގައުމެއް ލިބިގެން ނުވާ ބައެއްގެ ގޮތުގައެވެ. މިދައްކަނީ ކޮންބައެއްގެ ވާހަކަތޯއެވެ؟ މި ދައްކަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންގެ ވާހަކައެވެ.

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަހައިން ސްޓޭޓުގައެވެ. އާދަޔާ ހިލާފު ނުވަތަ ގަބޫލުކުރަން ދަތިކަމަކީ ރަހައިން ސްޓޭޓުގައި ދިރިއުޅެމުންދާ ރޮހިންޖާ މުސްލިމުންނަށް އެބައިމީހުން ތިބި އަވަށުން ނުވަތަ ސްޓޭޓްއިން، މިޔަންމާގެ ސަރުކާރުގެ ހުއްދައާއި ނުލައި ބޭރަށްވެސް ނުދެވޭ ކަމެވެ. ރަހައިން ސްޓޭޓުގެ ހާލަތަށް ބަލާއިރު، އެ ސްޓޭޓަކީ މިޔަންމާގެ އެންމެ ފަގީރު ސްޓޭޓުތަކުގެ ތެރޭ ހިމެނޭ ސްޓޭޓެކެވެ. ރަކައިން ސްޓޭޓުގައި އެންމެ އަސާސީ ޚިދުމަތްތައް ލިބެން ނެތްއިރު ރޮހިންޖާ މުސްލިމުން އުޅެނީ ވަރަށް އާދައިގެ ކޭމްޕްތަކުގައެވެ. 

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދޭތެރޭ މިޔަންމާގެ ދައުލަތުން ލާއިންސާނީ އަމަލުތައް ހިންގަމުން ދަނީ އިއްޔެ ނޫނީ މިއަދަކު ނޫނެވެ. ވޭތުވެ ދިޔަ އެތަކެއް އަހަރުތަކުގެ ތެރޭގައި ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށްޓަކައި މިޔަންމާގެ އެތައް ހާސް ރޮހިންޖާ މުސްލިމުން އަވަށްޓެރި ގައުމުތަކަށް އެއްގަމު މަގުން ނުވަތަ ކަނޑުމަގުން ވަނީ ހިޖުރަކޮށްފައެވެ.

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސިފައިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް 1970ގެ ފަހުގެ އަހަރުތަކުން ފެށިގެން ގާންގަނޑަކަށް މިލިއަނެއްހާ ރޮހިންޖާ މުސްލިމުން ވަނީ މިޔަންމާ ދޫކޮށް ގޮސްފައެވެ. 

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ދައުލަތުން ނުވަތަ އެގައުމުގެ އަސްކަރިއްޔާއިން ހިންގާ ލާއިންސާނީ އަމަލުތައް މީޑިއާގެ ފަލަ ސުރުޚީތަކަށް މިފަހުން އެންމެ ބޮޑަށް އަރާފައި ވަނީ މީގެ ދެހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެގޮތުން މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިދިޔަ އޯގަސްޓް މަހު 25 އިން ފެށިގެން މިހާތަނަށް އަވަށްޓެރި ބަންގްލަދޭޝްއަށް 270,000 ރޮހިންޖާ މުސްލިމުން އެތެރެވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި 1000 ރޮހިންޖާ މުސްލިމުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް އދ އިން ބުނެއެވެ. އެހީދޭ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބަންގްލަދޭޝްގައި ރޮހިންޖާ މުސްލިމުންނަށް ދެމުންދާ އެހީގެ ތަކެއްޗާއި އަދި ކޭމްޕް ފަދަ ތަކެތި ވަނީ  ޑިމާންޑާ އެއްވަރަށް ފޯރުކޮށް ނުދެވިފައެވެ. 

އދގެ ރެފިއުޖީންނާ ބެހޭ  އެޖެންސީން ބުނެފައިވަނީ އެތެރެވަމުންދާ "މީހުން ވަރަށް ގިނަ ކަމަށާއި ހިތާމަ ކުރަން ޖެހޭ މިންވަރަށް މީހުން އަންނަމުންދާ ކަމަށެވެ." 

މިޔަމަންމާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންެނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ.

މިޔަންމާގެ އަސްކަރިއްޔާގެ އަމަލުތަކަށް ބައިނަލްއަގްވާމީ ދުނިޔޭގެ ފާޑުކިޔުން އިންތިހާއަށް އިތުރުވެފައިވާއިރު އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު އެގައުމުގެ ސަރުކާރުން ގެންގުޅެން ޖެހޭ ސިޔާސަތު މިހާރުން މިހާރަށް ބަދަލުކުރަން ޖެހޭ ކަމަށާއި އަދި ރޮހިންޖާ މުސްލިމުންނަށް ރަށްވެހިކަން ދޭންޖެހޭ ކަމަށެވެ. 

ކޮންމެއަކަސް ކަންކަން ނިއުޅެމުންދާ ގޮތަށް ބަލާއިރު މިޔަންމާގެ މުސްލިމުންގެ ހާލަތު ރަނގަޅުވާނެ ކަމުގެ މަލަމަތިވެސް ނުފެނެެއެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކާއި އަދި ޖަމިއްޔާ ޖަމާއަތްތައް ވަނީ މިޔަންމާގެ އަސްކަރިއްޔާގެ އަމަލުތައް ހުއްޓުވާލުމަށް ނުކުޅެދިފައެވެ. 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް