ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 14:49
އުތުރު ކޮރެއާ އިން ދަނީ އެގަައުމުގެ އަސްކަރީ ބާރު ދައްކާލުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން
އުތުރު ކޮރެއާ އިން ދަނީ އެގަައުމުގެ އަސްކަރީ ބާރު ދައްކާލުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން
ރޮއިޓަރސް
އުތުރު ކޮރެއާ
އެމެރިކާ އިން ސެކިޔުރީޓީ ކައުންސިލް މެދުވެރިކޮށް އުތުރު ކޮރެއާ އަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަނީ
 
ސެކިޔުރިޓީ ކައުންސިލުން ވަނީ އޯގަސްޓް މަހުވެސް އުތުރު ކޮރެއާ އާ ދެކޮޅަށް ފިޔަވަޅު އަޅާފައި

އުތުރު ކޮރެއާ އަށްދަތިކުރުމުގެ އާ ފިޔަވަޅުތައް އެޅުމާ ބެހޭ ޑްރާފްޓް ގަރާރެއް އެމެރިކާ އިން އދ ގެ ސެކިޔުރިޓީ ކައުންސިލަށް ހުށަހަޅައިފިއެވެ. 

ރިޕޯޓުތައް ބުނާ ގޮތުން އެމެރިކާ އިން ސެކިޔުރިޓީ ކައުންސިލަށް މިހުށަހެޅި ޑްރާފްޓް ގާރާރުގައި އުތުރު ކޮރެއާ އަށް ތެޔޮ އެތެރެކުރުން މަނާ ކުރުމާއި އަދި އެގައުމުގެ ލީޑަރު ކިމް ޖޮން-އުންގެ އެސެޓްތައް ފްރީޒް ކުރުން ހިމެނެއެވެ. މިފަހަރު އެމެރިކާ އިން އުތުރު ކޮރެއާ އާ ދެކޮޅަށް އެޅުމަށް މަސައްކަތް ކުރާ ފިޔަވަޅުތަކަށް ޗައިނާ އާއި ރަޝިއާ އިން ދެކޮޅު ހަދާނެ ކަމަށް ބެލެވެއެވެ. 

އެމެރިކާ އިން ސެކިޔުރިޓީ ކައުންސިލް މެދުވެރިކޮށް އުތުރު ކޮރެއާ އަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންދާއިރު އުތުރު ކޮރެއާއިން ވަނީ އެގައުމުން ކުރި ހަވަނަ ނިއުކްލިއާ ޓެސްޓް ދާދިފަހުންކޮށްފައެވެ. މީގެ އިތުރުން އުތުުރު ކޮރެއާ އިން ހައިޑްރޮޖެން ބޮމެއް އުފައްދާފައިވާ ކަމަށްވެސް އެގައުމުން ބުނެއެވެ. އަދި އެމެރިކާ އަށް ހަމަލާ ދޭނެ ކަމަށް ބުނެ ބިރުވެސް ދަނީ ދައްކަމުންނެވެ. 

އުތުރު ކޮރެއާ އިން ކުރަމުންދާ މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުގެ ފާޑުކިޔުމާއި ނަފްރަތު އެގައުމަށް ވަނީ އަމާޒުވެފައެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައު އިން ވަނީ އެގައުމަށް ފިޔަވަޅު ވެސް އަޅާފައެވެ. އެހެން ނަމަވެސް އުތުރު ކޮރެއާގެ އަމަލުތަކެއް އިސްލާހެއް ނުވެއެވެ. އދ ގެ ސެކިޔުރިޓީ ކައުންސިލުން ވަނީ އޯގަސްޓް މަހުވެސް އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް