ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 23:47
ރޮހިންޖާ މުސްލިމުން ހިޖުރަ ކުރަނީ
ރޮހިންޖާ މުސްލިމުން ހިޖުރަ ކުރަނީ
އޭޕީ
ރޮހިންޖާ މުސްލިމުން
ރޮހިންޖާ މުސްލިމުންނަށް ތުރުކީން އިތުރު 10000 ޓަނުގެ އެހީ ފޮނުވަނީ
 
ކުރިންވެސް ވަނީ އެހީ ފޮނުވާފައި

މިޔަންމާގެ ރޮހިންޖާ  ދަރިކޮޅުގެ މުސްލިމުންނަށް ތުރުކީން އިތުރު 10،000 ޓަނުގެ އެހީ ފޮނުވަން ނިންމާފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީ ވެފައިވަނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ރޮހިންޖާގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތަކުގައި ހަމަނުޖެހުން ހިނގާ ސަރަހައްދަކަށް ބޭރު ގައުމެއްގެ އެހީ ދޭ އޭޖެންސީއަކަށް ވަނުމުގެ ހުއްދަ މިޔަންމާ ސަރުކާރުން ދިން ފުރަތަމަ ގައުމަށެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވީ މިޔަންމާގެ ލީޑަރު އާންގް ސަން ސޫކީއަށް އަންގާރަ ދުވަހު  ގުޅުއްވިން ކަމަށާއި އެ ފޯން ކޯލަށްފަހު މިޔަންމާގެ ދޮރުތައް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން   10،000 ޓަނުގެ އެހީ ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިޔަންމާ ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަނގުލަދޭޝްއަށް އެތެރެވެފައިވާ ރޮހިންޖާ ދަރިކޮޅުގެ ރެފިއުޖީންނަށް ތުރުކީގެ ޓާކިޝް ކޯޕަރޭޝާން އެންޑް ކޯޑިނޭޝަން އޭޖެންސީ (ޓިކާ) އިން މިހާރު ވެސް 1000 ޓަނުގެ އެހީ ދަނީ ބަހަމުން ކަމަށެވެ.

މި ފަހުން ފެށުނު ހަމަނުޖެހުންތަކަށް ދެ ހަފްތާ ވާން ކައިރިވެފައިވާއިރު، މިހާތަނަށް މިޔަންމާ ދޫކޮށް ގާތްގަނޑަކަށް 150،000 ރޮހިންޖާ  މުސްލިމުން ވަނީ ބަނގުލަދޭޝް އަށް އެތެރެވެފައެވެ. އަދި މިޔަންމާގެ އަސްކަރިއްޔާއާއެކު ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 400 މީހުން ވަނީ މަރުވެފައެވެ.

މިޔަންމާއިން ވަނީ ރޮހިންޖާ މުސްލިމުން އެންބުރި އަޔަ ނުދިނުމަށްޓަކައި މިޔަންމާ ބޯޑަރު ކައިރީގައި މައިން ވަޅުލާން ފަށާފައި ކަމަށް ބޭރުގެ ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުން ވަނީ ބުނެފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް