ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 07:18
ރޮހިންޖާ މުސްލިމުންގެ ބަޔަކު
ރޮހިންޖާ މުސްލިމުންގެ ބަޔަކު
ގޯލް.ކޮމް
ރޮހިންޖާ މުސްލިމުން
ނިސްބަތްވާނެ ގައުމެއްނެތި ރޮހިންޖާ މުސްލިމުން ބިކަވެފައި
 
ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ގިނަ މީހުން ދިރިއުޅެމުންދަނީ ވަރަށް ހާލުގައި
 
ރޮހިންޖާގައި ހިނގާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގިނަ ގައުމުތަކުން ދަނީ ގޮވާލަމުން

ރޮހިންޖާ މުސްލިމުންނާމެދު ހިނގަމުންދާ ލާއިންސާނީ އަމަލުތަކަށް ކެތްނުވެގެން އެތައް ހާސް ބަޔަކު މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް ދާ މީހުންނަވެސް މިވަނީ ތަފާތު އެކި ކަހަލަ އުނދަގޫތަކާއި ހިތްދަތިކަމާ ކުރިމަލާންޖެހިފަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ބަންގްލަދޭޝްގެ ބޯޑާ ސަރަހައްދުގައި، ހާލުގައި ޖެހި އެންމެ އަސާސީ ހައްގުތަކުންވަނީ މަހުރޫމު ވެފަ އެވެ. ކާނެ އެއްޗެއް ނުލިބުމާއި، ސިއްހީ އެހީތެރިކަން ނުލިބި ތިބެން ޖެހުމުގެ ސަބަބުންވެސް ގިނަ ބަޔަކު ދަނީ މަރުވަމުންނެވެ.

ހިއުމަން ރައިޓްސް ވޮޗްގެ ސެޓްލައިޓް ފޮޓޯތަކުން ދައްކާ ގޮތުން، ގިނަ އަދަދެއްގެ ރޮހިންޖާ މުސްލިމުން، އެމީހުން ދިރިއުޅެމުންދާ ސަރަހައްދު ދޫކޮށް ފިލަން މަސައްކަތް ކުރަމުންދާ އިރު މިޔަންމާގެ ސިފައިން ރަޚައިން ސްޓޭޓްގައި ދަނީ ތަފާތު އެކި ކަހަލަ ލާއިންސާނީ އަމަލުތައް ހިންގަމުންނެވެ. މިހާރު ގާތްގަނޑަކަށް 80،000 ރޮހިންޖާ މުސްލިމުންވަނީ އެގައުމު ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަ ކޮށްފައެވެ.

ރޮހިންޖާ މުސްލިމުންނަށް ލާއިންސާނީ އެކި ކަހަލަ، އަނިޔާތައް ކުރަމުންދާ އިރު މިކަމާ ގުޅޭ ގޮތުން ބަންގްލަދޭޝްގެ ސަރުކާރުން މާބޮޑު ސަމާލުކަމެއް ނެތްކަން ދަނީ ހާމަ ކުރަމުންނެވެ. އެގޮތުން އެގައުމުގެ ބޮޑުވަޒީރު ޝެއިހު ހަސީނާ ހާމަކުރިގޮތުގައި ގިނަ އަދަދެއްގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބަންގްލަދޭޝް ސަރުކާރަށް ކުރިމަތިވާ ބޮޑު ބުރައެކެވެ.މިހާރުވެސް ރޮހިންޖާ މުސްލިމުންނަށް ފޯރުކޮށްދޭ ބޯހިޔާވަހިކަމަކީވެސް އިންސާނިއްޔަތައްޓަކާ ކުރާ ކަމެއް ކަމަށް އޭނަ ވިދަޅުވިއެވެ. ރޮހިންޖާ މުސްލިމުން މިޔަންމާއަށް އަނބުރާ ގެންދިއުމަށް  ޕްރެޝަރކުރުމަށްވެސް ދުނިޔޭގެ އެހެން ގައުމުތަކަށް ޝެއިހު ހަސީނާ ވަނީ ގޮވާލައްވާފަ އެވެ.

ރޮހިންޖާ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކުން ސަލާމަތް ކުރުމަށް ގޮވާލާ އިންޑޮނީޝިއާއިން އެއްވުންތައް ބާއްވާފައިވާ އިރުު ޕާކިސްތާނާއި މެލޭޝިއާ އިންވެސް ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މީގެ އިތުރުން ތުރުކީގެ  ރައީސް ވެސް ވަނީ މިޔަންމާގެ ލީޑަރު ސޫ ކީ އަށް ރޮހިންޖާ މުސްލިމުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އަޑު އުފުލުމަށް ގޮވާލައްވާފަ އެވެ.

އިންޑިޔާއިން ރޮހިންޖާ މުސްލިމުންނަށް ކުރިމަތިވާ ކަންކަމަކީ ދީނީ ހައްދުފަހަނަ އަޅާފައިވާ މީހުންގެ ސަބަބުން ހިނގާ ކަން ކަމުގެ ގޮތުގައި ސިފަކޮށްފައިވާ އިރު އެގައުމުންވަނީ އެގައުމުގައި މިހާރުވެސް ދިރިއުޅޭ ރޮހިންޖާ މުސްލިމުންގެ 40،000 ރެފިއުޖީން އަނބުރާ ފޮނުވާލާނެ ކަން އިއުލާނުކޮށްފަ އެވެ. އެހެން ކަމުން ރޮހިންޖާ މުސްލިމުންނަށް އެމީހުން ވަޒަންވެރިވާނެ ބިމެއްގެ ގޮތުގައި ކަނޑައަޅާނެ ބިމެއް ހޯދުމަށްވަނީ ދަތިވެފަ އެވެ. މިޔަންމާގައި އެތައް އަހަރެންވަންދެން ދިރިއުޅެމުންދިޔަ ނަމަވެސް ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް އެގައުމުގެ އެހެން ރައްޔިތުންނަށް ލިބޭ ދިރުއުޅުމުގެ ފުރިހަމަ މިނިވަންކަން ލިބިފައެއް ނުވެ އެވެ.

އަނެއްކޮޅުން އެންމެ ގިނަ ރޮހިންޖާ ދަރިކޮޅުގެ މީހުން ހިޖުރަކުރަމުންދާ ބަންގްލަދޭޝިންވެސް ވަނީ ރޮހިންޖާ މުސްލިމުންގެ ސަބަބުން އެގައުމަށް ބޮޑު ބުރައަކަށްވެފައިވާ ކަން ހާމަކޮށްފަ އެވެ. އެހެންކަމުން ރޮހިންޖަ މުސްލިމުންވަނީ ނިސްބަތްވާނެ ގައުމެއްނެތި މިބޮޑު ދުނިޔެއަށް ބިކަވެފަ އެވެ.

 ރޮހިންޖާ މުސްލިމުންނަށް ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތައް ފެށީ ޓެރަރިސްޓު ޖަމާއަތަކުން ކަމަށް މިޔަންމާ ސަރުކާރުން ތުހުމަތު ކުރާ އިރު ބޯޑާ ޕޯސްޓް ތަކުގައި ހަރަކާތްތެރިވާ 12 ސިފައިން ރޮހިންޖާގެ ހަނގުރާމަވެރި ޖަމާއަތުން މަރާލާފައިވާ ކަަމަށް މިޔަންމާ ސަރުކާރުންނާއި އަސްކަރިއްޔާއިން ދަނީ ބުނަމުންނެވެ.

މިޔަންމާގެ ރަޚައިން ސްޓޭޓްގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކުގެ ހަގީގީ މަންޒަރު މީޑިއާތަކަށް ހާމަކުރެވޭނެ ފުރުސަތުތައް ނުދީ މިޔަންމާ ސަރުކާރުން ވަނީ ބަންދުކޮށްފަ އެވެ.

ރަޚައިން ސްޓޭޓްގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކުގެ ތަފްސީލު ހަމައެކަނި ލިބެމުންދަނީ ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި އުޅޭ މީހުންގެ ފަރާތުންނެވެ. އެހެން ކަމުން ރޮހިންޖާ މުސްލިމުންނަށް ކުރިމަތިވެފައިވާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން މަރުވެފައިވަނީ ނުވަތަ ޒަހަމްވެފައިވަނީ ނުވަތަ ހާލުގައި ޖެހިފައިވަނީ ކިހާމިންވަރެއް ކަމެއް ސާފެއްނުވެ  އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
43%
57%
0%
0%
ކޮމެންޓް