ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 13:40
އދ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް
އދ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް
ގޫގުލް
އދ ސެކްރެޓަރީ ޖެނެރަލް
ރޮހިންޖާ މުސްލިމުންނަށް މިޔަންމާއިން ރަށްވެހިކަން ދޭން ޖެހޭ: އެންޓޯނިއޯ ގުޓަރޭސް
 
ރޮހިންޖާ މުސްލިމުންނަށް އެގައުމުގެ ސަރުކާރުން އިންތިހާއަށް އިހާނެތިކޮށް ހިތުން ވަނީ އިތުރުވެފައި

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު އެގައުމުގެ ސަރުކާރުން ގެންގުޅެން ޖެހޭ ސިޔާސަތު މިހާރުން މިހާރަށް ބަދަލުކުރަން ޖެހޭ ކަމަށާއި އަދި ރޮހިންޖާ މުސްލިމުންނަށް ރަށްވެހިކަން ދޭންޖެހޭ ކަމަށް އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ. 

ގުޓަރޭސް ވިދާޅުވީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް ރަށްވެހިކަން ދޭންޖެހޭ ސަބަބަކީ އެމީހުންނަށް ރީތި ދިރިއުޅުމެއް އުޅެވި މިޔަންމާގެ އެހެން ރައްޔިތުންނެކޭ އެއްފަދައިން މިނިވަންކަމާއެކު ގައުމުގައި ދަތުރުފަތުރު ކުރެވި، ވަޒީފާގެ ފުރުސަތުތައް ހޯދާ އަދި ތައުލީމު ލިބުމަށްޓަކައިި ކަމަށެވެ. 

ގުޓަރޭސް އިތުރަށް ވިދާޅުވީ މިޔަންމާގެ މުސްލިމުންނަށް ދިމާވެފައިވާ ނިކަމެތި ހާލަތަކީ އެތައް އަހަރެއް ވަންދެން ދިގުދެމިގެންވާ މައްސަލައެއް ކަމަށާއި މިކަމުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުމަށްވެސް ބުރޫއަރާ ކަމަށެވެ. 

ވޭތުވެދިޔަ ދެ ހަފްތާ ތެރޭގައި މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު ހިންގާ ލާއިންސާނީ އަމަލުތައް އިތުރުވެފައިވާ ކަމަށާއި މިފަދަ ކަންކަމަކީ ކަންކަން ގޯސްކޮށް ދިޔުމަށް މަގުފަހިވާނެ ކަންކަން ކަމަށްވެސް ގުޓަރޭސް ވިދާޅުވިއެވެ. 

މިޔަންމާގެ މައިނޯރިޓީއެއްގެ ގޮތުގައި ދިރިއުޅެމުންދާ ރޮހިންޖާ މުސްލިމުންނަށް އަނިޔާކޮށް އެމީހުންގެ ގޯތި ގެދޮރުގައި ހުޅުޖަހާ ކުޑަކުދިންނާ މުސްކުޅިން މަރާ އަދި އަންހެނުންގެ އިއްފަތް ފޭރުން ފަދަ އެތައް ލާއިންސާނީ އަނިޔާތަކެއް މިޔަމަންމާގެ ސިފައިން ކުރަމުން ގެންދާއިރު، ބައިނަލްއަގްވާމީ މުޖުތަމައުން އެކަން ހުއްޓާލުމަށް ގޮވާލަމުންދާ ގޮވެލިތަކަށް މިޔަންމާ ސަރުކާރުން އިޖާބަ ނުދެއެވެ. 

މިޔަަންމާގެ ސަރުކާރުން އެގައުމުގެ ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ  އަމަލުތަކުން ސަލާމަތްވުމަށް ވޭތުވެ ދިޔަ ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ. 

 

 

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް