ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 14:49
މިޔަންމާގެ ލީޑަރ އަންގ ސަން ސޫކީ
މިޔަންމާގެ ލީޑަރ އަންގ ސަން ސޫކީ
ގޫގުލް
އަންގ ސަން ސޫކީ
އަންގ ސަން ސޫކީގެ ވާހަކަ: މިޔަންމާގެ އުއްމީދު، ބަދަލުވީ ޑިކްޓޭޓަރަކަށް؟
 
ރޮހިންޖާ ނަސްލު ނައްތާލުމުގެ މަސައްކަތް އައްކަރިއްޔާއިން ކުރާކަމަށް ސުކީ އިންކާރުކުރެއްވި
 
އެކަމަނާއަށް ވަނީ ނޮބެލް ސުލްހައިގެ އިނާމް ވެސް ލިބިވަޑައިގެންފައި
 
ސޫކީއަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރު

"މަގެއްގެ އަރިމަތީގައި ހުންނަ މީހަކާ ދައްކާ ވާހަކައަކަށް ހަބަރެއް ނުހެދޭނެ،" މިއީ މިޔަންމާގެ ރަޚައިން ސްޓޭޓްގައި ކުރިއަށްދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން ލީޑަރ އަންގ ސަން ސޫކީގެ ތަރުޖަމާނު ދިން ޖަވާބެވެ.

ސޫކީއަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރެއްކަން އެއީ ޝައްކެއް އޮތްކަމެއް ނޫނެވެ. އަދި މިއަދު އެކަމަނާ އަކީ ދުނިޔޭގެ އެންމެ "ކޮންޓްރޯވަރޝަލް" އެއް ލީޑަރޭވެސް ބުނެވިދާނެއެވެ.

މިޔަންމާއަށާއި ޑިމޮކްރަސީއަށް ކުރެއްވި މަސައްކަތްތަކުގެ ސަބަބުން އެތައް އަހަރު ތަކެއް ގޭ ބަންދުގައި ހުންނަވަން ޖެހުން ސޫކީއަަށް ނޮބެލް ސުލްހައިގެ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ.

ސޫކީގެ ވާހަކަ ފެށެނީ އެކަމަނާގެ ބައްޕާފުޅާ ހަމައިންނެވެ. މޭޖަރ ޖެނެރަލް އަންގ ސަން އަކީ މިޔަންމާގެ މިނިވަންކަމުގެ "އައިކަން" އެކެވެ. 1989 ގެ ކުރިން މިޔަންމާއަށް ބަރުމާ ކިޔާފައިވާ އިރު، ގައުމު މިނިވަން ކުރުމުގައި އެންމެ ކުރީގައި އުޅުއްވި ޖެނެރަލް އަންގ ސަންއަކަށް އެމަނިކުފާނު ދެކިލެއްވި ހުވަފެންފުޅު، ޑިމްކްރެޓިކް ބަރުމާ ގޮތަށް ފެނިލެއްވުމުގެ ފުރުސަތެއް ލިބިވަޑައިނުގަތެވެ. ޖެނެރަލް ސޫކީ ވަނީ 1947 ވަނަ އަހަރު އަވަހާރަކޮށްލާފައެވެ. އިނގިރޭސިން ފަރާތުން ބަރުމާއަށް މިނިވަންކަން ލިބެން ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ.

ސުކީގެ ބައްޕާފުޅު މޭޖަރ ޖެނެރަލް އަންގ ސަން

ސޫކީގެ އުމުރުފުޅުން 15 އަހަރުގައި މަންމައަށް އިންޑިއާގެ ސަފީރުކަން ލިބިވަޑައިގަތުމާއެކު އާއިލާއާ އެކު އެ ގައުމަށް ބަދަލުވިއެވެ. އަދި އެހެން ގައުމުތަކަށް ވެސް އާއިލާއާއެކު ވަޑައިގަތެވެ. ކިޔަވާ ވިދާޅުވުމަށް އިނގިރޭސި ވިލާތަށް ވަޑައިގެން، ސޫކީގެ ފިރިކަލުންނާ ދިމާވެ ދިރިއުޅުން އެ ގައުމުގައި ފެށި އެވެ. އަލުން އަނބުރާ ސޫކީ މިޔަންމާއަށް ވަޑައިގަތީ މުސްކުޅި މަންމާފުޅު ބެއްލެވުމަށެވެ. 

ސޫކީ މިޔަންމާއިން ބޭރުގައި އުޅުއްވި ނަމަވެސް ގައުމުގައި ގިނަ ކަންތަކެއް ދިޔައީ ވަމުންނެވެ. އަދި 1962 ވަނަ އަހަރު، ޖެނެރަލް ނެ ދިންގެ ދަށުން ބަޣާވާތެއް ހިންގައި، މިޔަންމާ ޑިމޮކްރަޓިކް ގައުމަކުން އަސްކަރީ ވެރިކަމަކަށް ބަދަލުވެގެން ދިޔައެވެ.

ގައުމުގައި ހިނގަމުންދާ ކަންކަމާ ދެކޮޅަށް ތެދުވުމަށް ސޫކީ ނިންމެވީ މި ދަތުރުފުޅުގައެވެ.

1988 ގައި ސޫކީ ވަނީ އިދިކޮޅު މޫވްމަންޓްގައި ގުޅިވަޑައިގެން ޕޯޑިއަމްތަކުގައި ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ. އޭރު މިއަންމާގައި ކުރިއަށް ދިޔަ މުޒާހަރާތަކުގައި ފަސް ލައްކައެއްހާ މީހުން ބައިވެރިވެފައިވާއިރު، މިޔަންމާގެ އަސްކަރީ ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކާ ކުރިމަތިލާ ގައުމުގައި ހަމަނުޖެހުން ހިންގާފައެވެ. ނަމަވެސް ސޫކީ ފަހަތަކަށް ޖެހިވަޑައެއް ނުގަންނަވައެވެ.  އިދިކޮޅު ފަރާތްތަކުގެ "އަޑަށް" އެކަމަނާ ވެގެންދިޔައެވެ. ސޫކީގެ ނުފޫޒު ފެނުމުން ސަރުކާރުން ވަނީ އެކަމަނާ ގޭ ބަންދުކޮށްފައެވެ. އަދި މުޒާހަރާތަކަށް ހުއްޓުމެއް ގެނައުމުގެ ގޮތުން އިންތިހާބެއް ބޭއްވުމަށް އެއްބަސް ވިއެވެ.

1989ގައި މިލިޓަރިން ގައުމުގެ ނަން ބަރުމާއިން މިޔަންމާއަށް ބަދަލު ކުރިއެވެ. ތިމަންނަމެން ނުދާނެކަން ދެއްކުމުގެ ގޮތުންނެވެ. އަދި 1990 ގައި އިންތިހާބެއް ބޭއްވިއެވެ. ނަމަވެސް ކަންވީ އެމީހުން ހިތަށް އެރި ގޮތަކަށް ނޫނެވެ. އަންގ ސަން ސޫކީއާއި އޭނާގެ ޕާޓީ، ނެޝަނަލް ލީގް ފޯރ ޑިމޮކްރަސީން އިންތިޚާބު ކާމިޔާބު ކުރިއެވެ.

އެއަށް ފަހު މިޔަންމާއަށް ޑިމޮކްރަސީގެ މަގުން ކުރިއަށް ދެވެން ޖެހޭނެތާއެވެ. ނަމަވެސް މިލިޓަރީ ސަރުކާރުންވަނީ ގޭ ބަންދުގައި ހުރުމަށް ސޫކީ އަށް އަންގާފައެވެ. އަދި ދެން ދިޔަ އަހަރުތަކުގައި މަސައްކަތް ކުރީ ސޫކީގެ ބާރު ކުޑަ ކުރުމަށެވެ. އެ ދަނޑިވަޅުގައި އެކަމަނާއަށް ވެރިކަމެއް ނާދެވޭނެ ގޮތަށް ގާނޫނު އަސާސީވެސް ބަދަލުކުރިއެވެ.

ގޭ ބަންދުގައި ހުންނެވި ސޫކީގެ ނުފޫޒް ދިޔައީ އިތުރުވަމުންނެވެ. އަދި ހަމަނުޖެހުންތަކެއް ބޭނުންވެ ނުލައްވާތީ މިލިޓަރީގެ އަމުރަށް ކިޔަމަންވެލެއްވިއެވެ. ގޭގަ ފެންސް ފަހަތުގައު ހުންނަވާ ސްޕީޗްތައް ދެއްވަމުން ގެންދެވިއެވެ.

ގޭ ބަންދުގައި ހުންނަވައިގެން ވެސް ސޫކީ ސަޕޯޓަރުންނާ މުހާތަބުކުރައްވަނީ

މިހެން 20 ވަރަކަށް ހިނގައިދިޔަ ފަހުން އަނެއްކާވެސް، 2007 ވަނަ އަހަރު މިޔަންމާގައި މުޒާހަރާތައް ކުރިއަށް ގޮސް ހަމަނުޖެހުން ހިނގަންފެށިއެވެ. މިފަހަރު ނިކުތީ ބުޑިސްޓް މޮންކުންތަކެކެވެ.  މުޅި ދުނިޔެ ބަލަން ހުއްޓަ މިޔަންމާގެ އަސްކަރީ ސަރުކާރުން މި މީހުންނާ ކުރިމަތިލާ، އަނިޔާކޮށް ހެދިއެވެ. މުޒާހަރާތައް ކަވަރު ކުރަމުން ދިޔަ ނޫސްވެރިއެއް މަރާވެސްލިއެވެ.

މިހާ ހިސާބުން އަންގ ސަން ސޫކީ މިނިވަން ކުރުމަށް ގޮވާލާ އަޑު ގަދަވާން ފެށިއެވެ.  ބައިނަލްއަގްވާމީ ދުނިޔޭގެ ނުފޫޒް ގަދަ ވުމާ އެކު މިޔަންމާގެ އަސްކަރިއްޔާގެ ބާރު ދޫވެ، 2010 ވަނަ އަހަރު ސޫކީ ދޫކުރަން މަޖުބޫރުވިއެވެ.

އެ އަހަރު އިތުރު އިންތިޚާބެއް ބޭއްވުނެވެ. މިނިވަން ވެފައިވާ ސޫކީއަށް ގައުމުގެ ލީޑަރަށް ވެލެއްވުމުގެ މަގު އަނެއްކާވެސް ފަހިވިއެވެ. ނަމަވެސް ސޫކީއަށް ވެރިކަމަށް ނާރުއްވަން ގާނޫނޫ އަސާސީއަށް ގެނައި ބަދަލު ގެންދިއުމަށް އަސްކަރިއްޔާއިން އިންކާރު ކުރިއެވެ. އެ އިސްލާހްގައިވާ ގޮތުން، ގައުމުން ބޭރުގައި ދަރިން ހޯދާފައިވާ މީހަކަށް މިޔަންމާގައު ވެރިކަމެއް ނުކުރެވޭނެއެވެ.

އެހެންކަމުން އެކަމަނާގެ ޕާޓީ 2015 ވަނަ އަހަރު އިންތިހާބު ކާމިޔާބު ކުރުމާ އެކު، ސޫކީ ވެލެއްވީ މިޔަންމާގެ ސްޓޭޓް ކައުންސިލަރަށެވެ. އަދި މިހާ ހިސާބުން މިޔަންމާގެ ހާލަތު ރަނގަޅުވެ، ޑިމޮކްރަސީގެ މަގަށް އަލުން ދެވޭނެކަމަށް ގިނަ މީހުން އުއްމީދު ކުރިއެވެ.

ނަމަވެސް އެންމެ ސަބަބަކާ ހެދީ ސޫކީ ކުރެއްވިހާ މަސައްކަތް ބޭކާރުވެއްޖެ ފަދައެވެ. މިޔަންމާގެ ރަޚައިން ސްޓޭޓްގެ ރޮހިންޖާ މުސްލިމުންގެ ހާލަތުގެ ސަބަބުންނެވެ.

ރޮހިންޖާ ނަސްލުގެ މީހުންނަކީ މިޔަންމާގެ ރައްޔިތުންކަމަކަށް އެގައުމަކުން ނުބަލައެވެ. އަދި ދުނިޔޭގެ އަސާސީ ހައްގުތަކުން ވެސް އެމީހުން ވަނީ މަހްރޫމްކޮށްފައެވެ. މިލިޓަރީއާއި އެހެނިހެން ގްރޫޕްތަކުން ދަނީ އެމީހުންނަށް ހަމަލާތައް ދެމުންނެވެ.

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ ހަމަލާތަކަކީ ގަތުލް އާންމުއެކެވެ. ނަސްލެއް އެކީ ނައްތާލުމަށް ދެމުންދާ ލާއިންސާނީ ހަމަލާތަކެއްކަމަށް ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ބުނެ އެވެ. 

ރޮހިންޖާ މުސްލިމުންނާ މެދު ހިނގަމުންދާ ކަންކަމަކީ އަންގ ސަން ސޫކީއަށް ބާރު ލިބިލެއްވުމުގެ މާކުރީއްސުރެ ހިނގަމުންދާ ކަންކަމަށްވީ ނަމަވެސް ގިނަ މީހުން ހީކުރީ އެ މީހުންގެ ހައްގުގައި ސޫކީ މަސައްކަތް ކުރައްވާނެކަމަށެވެ.

ނަމަވެސް ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ގޮތުން ސޫކީ އެއްވެސް ކަމެއް ނުކުރެއެވެ. އަދި ހައްގުގައި ބަހެއް ބުނެލާފައެއް ވެސް ނުވެއެވެ.

2017 ވަނަ އަހަރު ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައު ސޫކީ ވިނީ ރޮހިންޖާ ނަސްލު ނައްތާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިންކާރު ކުރައްވާފައެވެ.

"ނަސްލެއް ނައްތާލަން އުޅޭކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ސޫކީ ވިދާޅުވިއެވެ. އޭނާ ގަބޫލްކުރައްވާ ގޮތުގައި އެއީ ނަސްލެއް ނައްތާލުމެއް ނޫނެވެ. 

ނަމަވެސް މިޔަންމާ އަދި ބައިނަލްއަގްވާމީ ދުނިޔޭގެ ގިނަ ފަރާތްތުން ސޫކީގެ ވާހަކައެއް ގަބޫލެއް ނުކުރެއެވެ.

ސޫކީގެ ބާރުގެ ދަށުގައި ވެސް މިޔަންމާގައި އިދިކޮޅު ފަރާތްތައް ބަންދުކޮށް، ގައުމުގެ އެކި ކަންކޮޅުގައި އަސްކަރީ ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ. އަދި ގައުމުގައި ހިނގާ ކަންކަމުގައި ދެފުށް ނުފެންނަ ކަމަށް ގިނަ ފަރާތްތަކެއް ދަނީ ބުނަމުންނެވެ.

1997 ވަނަ އަހަރު ނިއު ޔޯކް ޓައިމްސްގައި ލިއުއްވި އާޓިކަލެއްގައި ސޫކީ ވިދާޅުވި އެވެ. "ތިބޭފުޅުންގެ މިނިވަންކަން ބޭނުންކޮށްގެން އަޅުގަނޑުމެންގެ މިނިވަންކަން ޕްރޮމޯޓްކޮށް ދެއްވާ" މިހެންނެވެ.

އަންގ ސަން ސޫކީއަށް ނޮބެލް ސުލްހައިގެ އިނާމް ލިބިވަޑައިގެންނެވީ 1991 ވަނަ އަހަރު 

މަހާތުމާ ގާންދީއާއި މާޓިން ލޫތަރ ކިންގ ފަދަ ބޭފުޅުން ގެންގުޅެއްވި "ހަމަނުޖެހުންތަކާ އިދިކޮޅު" ސިޔާސަތުތައް އޭރު ޕްރޮމޯޓްކުރެއްވި ސޫކީއަށް މިވަނީ 1.1 މިލިއަން ރައްޔިތުންގެ ހައްގުތައް ހިމާޔަތް ނުކުރެއްވިފައެވެ. އެތަކެއް ދުވަހެއްގެ މަސައްކަތަށް ފަހު ވަގުތު އައިސް ޖެހުމުން އެކަމަނާ ވެސް މިވަނީ ފެއިލްވެފައެވެ.

އަލްޖަޒީރާއާ ވާހަކަ ދައްކަމުން ސޫކީއާ އެކު މަސައްކަތް ކުރެއްވި މީހުން ބުނެފައިވަނީ އެކަމަނާ "އެއްވެސް މީހެއް ދައްކާ ވާހަކައެއް އަޑެއް ނާއްސަވާ"ކަމަށާއި، ނިންމަވާ ކަންކަމާ މެދު ސުވާލު ކުރުމުން ރުޅި ދުރުވާކަމަށެވެ. އަދި ޕާޓީ ހިންގަނީ ޑިކްޓޭޓަރެއްގޮތަށްކަމަށް އެމީހުން ބުނެފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް
6 ސެޕްޓެންބަރ 2017 | ބުދަ 10:22
ފާތުން
މީބޭފުޅެއްތޯ
5 ސެޕްޓެންބަރ 2017 | އަންގާރަ 17:03
ބުނީ ރޮހިންޖާ
މަހްސަރުގެއަޒާބް ބޮޑުކޮއްލަން އަދި ސޫކީ ދުނިޔޭގަ ދުވަސްކޮޅަކު ބަހައްޓަންފެންންނީ
5 ސެޕްޓެންބަރ 2017 | އަންގާރަ 16:53
ތިމަންނަ
ތިޔަ ދައިތަ އަވަސްގޮތަކަށް ނެތިކުރައްވާ ފާދޭވެ