ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 10:23
މަހުފޫޒަށް ދިން ހަމަލާއާ ގުޅިގެން ކުރި އޮޕަރޭޝަނަށް ފަހު
މަހުފޫޒަށް ދިން ހަމަލާއާ ގުޅިގެން ކުރި އޮޕަރޭޝަނަށް ފަހު
ޓްވިޓަރ
މަހުފޫޒަށް ދިން ހަމަލާ
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!
 
ހަމަލާދިން ދެ މީހުންގެ ތެރެއިން އެކަކު އަދިވެސް ނުހޯދޭ
 
ތިން މީހެއްގެ މައްޗަށް ދައުވާކޮށް ޝަރީއަތް ދަނީ ކުރިއަށް
 
މަހުފޫޒުގެ ބޮލަށް ވަޅި ހަރާފައި ހުރީ ލޮލުގެ ފަހަތުން ސިކުނޑީގެ ކުރިމައްޗަށްވާ ގޮތަށް

ގާނޫނީ ވަކީލު މަހުފޫޒް ސައީދުގެ ބޮލަށް ވަޅިއެއް ޖަހައި، މަރުގެ ހަމަލާއެއް ދިންތާ ދެ އަހަރު ފުރުނީ އެވެ. މަހުފޫޒަށް ހަމަލާދިނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ ހަވީރު އެވެ.  ރޯމާ ދުވާލު ގަޑީގައި، ގިނަ ބައެއްގެ ލޯ ކުރިމަތީގަ އެވެ. މާވެޔޮމަގު ވާދީ ފްރެޝް ފިހާރަ ކައިރީ ހުންނަ މަންމަމެން ގެޔަށް ދިޔަ މަގުމަތީގައި މަހުފޫޒަށް އެ ހަމަލާދިންތާ ދެ އަހަރު ފުރުނު އިރު ވެސް އިންސާފެއް ނުލިބެ އެވެ. މައްސަލަ ނިމިފައެއް ނުވެ އެވެ. މައްސަލައިގައި ހިމެނޭ އެންމެން ހައްޔަރުކުރެވިފައެއް ވެސް ނުވެ އެވެ. 

އައިޖީއެމްއެޗް އިން އެއިރު ބުނެފައިވާ ގޮތުގައި މަހުފޫޒުގެ ބޮލަށް ވަޅި ހަރާފައި ހުރީ ލޮލުގެ ފަހަތުން ސިކުނޑީގެ ކުރިމައްޗަށްވާ ގޮތަށެވެ. އަދި ވަޅި ހަރާފައި ހުރީ ވަރަށް ނުރައްކާތެރި ހިސާބަކަށް ކަމަށާއި ވަޅި ދެ އިންޗި ފުންމިނަށް ހެރިފައި ހުރި ކަމަށް ވެސް ބުންޏެވެ. މަހުފޫޒުގެ ބޮލުގެ ވައަތްފަރާތަށް ހަރާފައި ހުރި ވަޅި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އައިޖީއެމްއެޗްގެ ހަތަރު ޑޮކްޓަރުންގެ ޓީމަކުންނެވެ. އައިޖީއެމްއެޗްގެ މުހައްމަދު ޝިފާން އިސްކޮށް ހުންނަވައިގެން އޮޕަރޭޝަން ކުރިއިރު، ގާތްގަނޑަކަށް ތިން ގަޑިއިރު އެ އޮޕަރޭޝަނަށް ހޭދަވި އެވެ.

މަހުފޫޒަށް ހަމަލާދީފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ. މަހުފޫޒަށް ދިން ހަމަލާ، ރައީސް ނަޝީދުގެ އިތުރުން ރައީސް އަބްދުﷲ ޔާމީން ކުށްވެރި ކުރެއްވި އެވެ. އެ ހަމަލާގެ ސަބަބުން ރައީސް ޔާމީނުގެ ހިތްޕުޅަށް ހިތްދަތި އިހުސާސްތަކެއް ކުރެއްވެވުނު ކަމަށް ވިދާޅުވެފައިވެއެވެ. ރައީސް ޔާމީންގެ 2018 ކެމްޕޭން މަހާސިންތާގެ ފުރަތަމަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި ސެޕްޓެމްބަރު، 5، 2015 ގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މީހަކު ދައްކާ ވާހަކައަކުން ކުރާ ކަމަކުން އެފަދަ ގޮތަކަށް މީހަކާ މެދު އަމަލު ކުރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އެފަދަ ލާއިންސާނީ ކަންކަން ހުއްޓުވަން ސަރުކާރުން ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމިއްޔާތަކުން އެ ހަމަލާ ކުށްވެރިކުރެ އެވެ. އެޗްއާރްސީއެމް ފަދަ ކޮމިޝަންތަކުން ކުށްވެރިކުރި އެވެ. އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ އެ "ނާތަހުޒީބު، އަނިޔާވެރި" ހަމަލާ ކުށްވެރިކޮށްފަ އެވެ. އުމަރު ވިދާޅުވީ ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރި މައްޗަށް ގެންނާނެ ކަމަށެވެ.

ހަމަލާއަށް ފަހު އޮކްޓޯބަރު މަހު މަހުފޫޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ހަމަލާއަކީ އޭނާގެ ޒާތީ ކަމަކާ ގުޅިގެން ދެވިފައިވާ ހަމަލާއެއް ނޫންކަމަށާއި އަދި ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރާ އެއްވެސް މައްސަލައަކާ ގުޅިގެން އެފަދަ ހަމަލާއެއްގެ އިންޒާރު ލިބިފައިނުވާ ކަމަށެވެ. އެދިވަޑައިގަތީ އެ ހަމަލާދިން ސަބަބު ހޯދައި، އެކަމުގެ އަޑީގައި ތިބި ބަޔަކު އިންސާފުގެ ކުރި މައްޗަށް ގެނެސްދިނުމެވެ. 

މަހުފޫޒަށް މަރުގެ ހަމަލާ ދިންތާ ދެ އަހަރު ވީ އެވެ. ހޯމް މިނިސްޓަރު ވެސް ބަދަލުވެއްޖެ އެވެ. ނަމަވެސް، މަހުފޫޒާއި އޭނާގެ އާއިލާއިން އޮހޮރި ކަރުނަތަކަށް އިންސާފެއް ނުލިބެ އެވެ. މަހުފޫޒް ތަހައްމަލުކުރަން ޖެހުނު ވޭނަށް އިންސާފެއް ނުލިބެ އެވެ.

މަހުފޫޒަށް ދިން ހަމަލާއާ ގުޅިގެން އޮކްޓޯބަރު 15 ވަނަ ދުވަހު ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާނުކުރި އެވެ. ހަމަލާދިނުމަށް ފަހު ރާއްޖެއިން ބޭރަށް ދެ މީހުން ފުރައިގެން ގޮސްފައިވާ ކަމަށް ބުނެ އިންޓަޕޯލް ރެޑް ނޯޓިސް ނެރުނެވެ. އެގޮތުން ހޯދަން އިއުލާނުކުރީ، ރ. އިނގުރައިދޫ، ކަރަންކާގޭ، ޝަފްރާޒާއި ހުޅުމާލެ ގޯތި ނަމްބަރު 11270، އަޙްމަދު ރާއިދު އެވެ. އޭގެ ފަސް ދުވަސް ފަހުން އެ ދެ މީހުންގެ ތެރެއިން ރާއީދު  ހައްޔަރުކުރި އެވެ. ފުލުހުން އެއިރު ބުނެފައިވާ ގޮތުގައި ރާއިދު އާއި ޝަފްރާޒަކީ މަހުފޫޒަށް ހަމަލާ ދިން ދެ މީހުންނެވެ. މައްސަލައާ ގުޅިގެން ހ. ސެނާ، ޚާލިދު ނަފީއު އާއި، ހުޅުމާލެ ފްލެޓް 3-60 ފިރާޒް ޖައުފަރު ވެސް ހައްޔަރުކުރި އެވެ. 2016 ވަނަ އަހަރުގެ ފެބްރުއަރީ 4 ވަނަ ދުވަހު އެމީހުންގެ މައްޗަށް ދައުވާ އުފުލި އެވެ. ރާއީދުގެ މައްޗަށް އުފުލީ ގަސްތުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ. އަނެއް ދެ މީހުންގެ މައްޗަށް އުފުލީ ގަސްތުގައި މީހަކު މަރާލަން އުޅުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. ޝަރީއަތް ފެށިގެން ކުރިއަށްދާއިރު، މިއަދާ ހަމައަށް ވެސް މި މައްސަލަ ނިމިފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން 2015 ވަނަ އަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު ހޯދަން ފެށި ޝަފްރާޒް އިބްރާހިމް އަދިވެސް ހޯދަނީ އެވެ. ދެ އަހަރުވީއިރު ވެސް އޭނާ އުޅޭ ތަނެއް ފުލުހުންނަށް ހޯދައި ގަނެވިފައެއް ނުވެ އެވެ. 

އިންސާފު ނުލިބި ފާއިތުވި ދެ އަހަރު ދުވަހާ ގުޅޭ ގޮތުން ވިދާޅުވާނެ އެއްޗެއް މަހުފޫޒަށް އެނގިވަޑައިނުގެންނެވި އެވެ. ރާއްޖެއެމްވީއިން ސުވާލުކުރުމުން ވިދާޅުވީ "ދެން ތިކަމަށް ކީކޭ ވަކި އަޅުގަނޑު ދަންނަވާނީ" އެވެ. މަހުފޫޒް ވިދާޅުވީ އޭނާއަށް ހަމަލާދިން މަގުސަދު މިއަދާ ހަަމައަށް ވެސް އެނގިފައިނުވާ ކަމަށާއި ކޮންމެހެން ވެސް އެކަން އެނގެން ބޭނުންވާ ކަމަށެވެ. ނަމަވެސް، ދެ އަހަރުވީއިރު ވެސް މައްސަލައިގައި ހިމެނޭ އެންމެން ހައްޔަރުނުކުރެވި އަދި މައްސަލަ ވެސް ނިމިފައިނުވާއިރު މަހުފޫޒް "ބުނާނީ ވަކި ކީކޭތޯ" އެވެ. 

މި ހަމަލާ ދެވުނު ސަބަބު ނުވަތަ މަގުސަދު ހޯދުމަކީ މަހުފޫޒް ކޮންމެހެން ވެސް ބޭނުންވާ ކަމެއްކަން އޭނާގެ ލިޔުންތަކުން ވެސް ހާމަވެއެވެ. އެގޮތުން މިއަހަރުގެ އޭޕްރީލް މަހު "ކުށުގެ މަގުސަދު ދެނެގަނެ ހާމަކުރުން!" ގެ ނަމުގައި މަހުފޫޒް ލިޔުއްވި ލިޔުމެއްގެ ބައެއް ހިއްސާކޮށްލާނަމެވެ.

"ޖިނާއީ ކުށުގެ ޢަމަލު ހިންގީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބު އަނިޔާ ލިބޭ ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އިތުރު ނުރައްކަލެއް އޮތްތޯއާއި، ނުރައްކަލެއް އޮތްނަމަ އެކަމެއް ޙައްލުކުރާނީ ކިހިނެއްކަން ދެނެގަނެވޭނީ އޭރުންނެވެ. އަނިޔާއެއްގެ ޝިކާރައަކަށްވެ މަރުވުމަކީ އަނިޔާގެ ސަބަބު ނޭނގި ދިރިއުޅުމަށްވުރެ ފަސޭހަ މަގެއްކަމަށް އަޅުގަނޑަށް ފެނެއެވެ. މި ދެންނެވި ވާހަކައިގެ ތެދުކަން މި ލިޔުން ވިދާޅުވާ ބޭފުޅުންނަށް އިޙްސާސް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމާ ޝަކުވާއެއް ނެތެވެ. އެކަން އެނގޭނީ އެފަދަ ކަމެއް ދިމާވެފައިވާ މީހަކަށެވެ."

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
11%
0%
22%
56%
11%
0%
ކޮމެންޓް
5 ސެޕްޓެންބަރ 2017 | އަންގާރަ 12:46
އައިންތު
މަހަގޫޒުގެ ބޮލަށް ވަޅިޖެހި ދުވަހަކީ މެމްބަރު އަސްމާ ރަޝީދުގެ ބައްޕަ "ސްޓާރ ސިނަމާ އަބްދުﷲ ރަޝީދު" ނިޔާވެގެން މ. ކޮތަންމާގޭގައި މޫނުދައްކަމުން ދިޔަ ވަގުތު. އެ ހާދިސާ ހިނގިގަޑީގަ އެތާވަރަށް މީހުންގިނަކަން ފާހަގަކޮށްލަން. ކީޢްވެގެންތޯ އެއީ ކާކުކަން ނޭގޭންވީ. އަދިވެސް މީހަކު ހޯދާ ވާހަކަބުނީމަ ހަމަ ހައިރާން ވެއްޖެ. ފުލުހުން ހޯދަން ބޭނުންވީމަ "ފޯނަށް ލައްވާފަ އެއޮންނަ ކުޑަ ކުޑަ "ސިމް ކާޑު" ވެސް ހޯދަނީ ހުޅުމާލެ ފަޅުގެ އަޑިންވެސް". ތިޔަދައްކާ ވާހަކަ އަކާ އަމަލު ދިމަލެއް ނުވޭ. ވަރަށް ވެދުން