ކ. މާލެ
|
4 ސެޕްޓެންބަރ 2017 | ހޯމަ 18:47
ރޮހިންޖާ މުސްލިމް އަންހެނުންތަކެއް މަޑުކޮށްލައިގެން
ރޮހިންޖާ މުސްލިމް އަންހެނުންތަކެއް މަޑުކޮށްލައިގެން
އޭބީސީ ނިއުސް
ރޮހިންޖާ މުސްލިމުން
ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"
 
އެ ގައުމުގެ ސަރުކާރުން ބުނަނީ އަނިޔާ ނުކުރާ ކަމަށް
 
ރޮހިންޖާ މުސްލިމުންނަށް ލާއިންސާނީ އެތައް އަނިޔާ ދަނީ ލިބެމުން
 
ރޮހިންޖާގެ ގިނަ ބަޔަކު ވަނީ ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ

"އެމީހުން އައިސް އަހަރެންގެ ބޮލާ ދިމާލަށް ބަޑި ދިމާކުރި. އަދި އަހަރެންގެ އަތުގައި ބާރަށް ހިފާ، އެމީހުން ބޭނުންކަމެއް އަހަންނަށް ކުރި." މިއީ މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ 18 އަހަރުގެ އަންހެން ކުއްޖެއްގެ އުދާސްތަކެކެވެ.

މިފަދަ އެތައް  ހާދިސާއެއް ކޮންމެ ދުވަހު އެދަނީ މިޔަންމާގެ ރަޚައިން ސްޓޭޓްގައި ހިނގަމުންނެވެ. މިޔަންމާގެ މިލިޓަރީ ސިފައިން ގޮސް 18 އަހަރުގެ އެ އަންހެން ކުއްޖާ އިށީންދެގެން އިން ސަރަހައްދުން ދިއުމަށް ބުންޏެވެ. އެހެން ނަމަވެސް ދާނީ ވަކި ކޮންތާކަށް ހެއްޔެވެ. އެއީ އޭނާ ދިރިއުޅޭ ގެ އެވެ.

" ސިފައިން އައިސް ދާށޭ ބުނުމުން ވެސް އަހަރެން އެތަނުގައި ހަމައިނީ. އަހަރެން އިނީ އިށީންދެގެން. އިރުކޮޅަކުން އައިސް ގައިގެ އެތައް މިތަނުގައި ފައިންޖަހާ އަނިޔާކުރަންފެށި. އަދި އަހަރެން ލައިގެން ހުރި ހެދުން ގަދަކަމުން ބޭލުވި. މިއީ ހަމަ ސިފައިން އައިސް ކުރި ކަންތައްތައް." އެ ކުއްޖާ ބުންޏެވެ.

މިޔަންމާގައި ހިންގަމުންދާ ލާއިންސާނީ، އަނިޔާވެރި އަމަލުތަކުގެ ޝިކާރަކަށް ވެފައިވާ މިލިއަނެއްހާ މީހުން ރަޚައިން ސްޓޭޓްގައި ދިރިއުޅެމުންދެ އެވެ.

މިކަމަށް ކެތް ނުވެގެން 70،000 ވުރެ ގިނަ މީހުން ވަނީ އަމިއްލަ ގައުމު ދޫކޮށް ގޮސްފަ އެވެ.

ރޮހިންޖާ މުސްލިމުންނަށް ދެމުންދާ އަނިޔާތަކުގެ ވާހަކަ  ކިޔާދިނުމަށް އެއަނިޔާ ލިބޭ މީހުން ވެސް ވަނީ ފަސްޖެހިފައެވެ.

މިޔަންމާ ސަރުކާރުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް ރަޚައިން ސްޓޭޓަށް ވަނުމުގެ ހުއްދަ ނުދޭ އިރު އެ ތަނުގައި ހިނގާ ކަންކަމުގެ ތެރެއިން މީޑިޔާތަކަށް ހާމަވެގެންދަނީވެސް މަދު ކަމެކެވެ.

" ސިފައިން އަހަރެމެން އުޅޭ ސަރަހައްދަށް ވަދެގަނެ، އަހަރެންގެ ބައްޕަ ދިރިހުއްޓާ އަންދާލި. އަދި އެކަން އަހަރެންގެ މަންމަ ރިޕޯޓް ކުރުމުން މިހާރު ހުރީ ޖަލަށްލާފައި." ރޮހިންޖާ މުސްލިމު ދަރިކޮޅަށް ނިސްބަތްވާ މީހަކު އަސަރާއެކު ބުންޏެވެ.

މިފަދަ މައުލޫމާތު ހާމަކުރާ މީހުންވެސް އެމީހުންގެ މައުލޫމާތު ހާމަކުރުމަށް ޖެހިލުންވެ އެވެ. ކުރިމަތިވެދާނެ އަނިޔާއަކަށް ބިރުންނެވެ.

ރަޚައިން ސްޓޭޓްގެ މީހުންގެ ތެރެއިން ނޫސްވެރިންނާއި މީގެ ކުރިންވެސް ވާހަކަދައްކާ، މައުލޫމާތު ހިއްސާކުރާ މީހުންނަށް ވަރުގަދަ އަދަބުތައްދީ އަނިޔާކޮށް މާރާލާފައިވެސް އެބަ ހުއްޓެވެ.

މިޔަންމާއަކީ ބުޑިސްޓް ގައުމަކަށްވާ އިރު އެގައުމުގައި ބުޑިސްޓުންގެ 130 ޖަމާއަތެއް ދިރިއުޅެއެވެ. އަދި އެއް މިލިޔަނެއްހާ ރޮހިންޖާ މުސްލިމުން އުޅެ އެވެ. މިޔަންމާ މީހުންގެ ގިނަ ބަޔަކު ރޮހިންޖާ މުސްލިމުން  އެގައުމުގެ ބައެއްގެ ގޮތުގައި ނުދެކެ އެވެ. އެމީހުންނަކީ އެގައުމަށް ވަގަށް ވަދެގެން އުޅޭ ބަންގްލަދޭޝް ބައެއްގެ ގޮތުގައި އެގައުމުގެ ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ރޮހިންޖާ މުސްލިމުންނަށް އެގައުމުގެ އެހެން ދީންތަކުގެ ރައްޔިތުން އާންމުކޮށް ކިޔާ އުޅެނީވެސް " ބެންގާލީސް" (ބަންގާޅީން) ގެ ނަމުންނެވެ.

ރޮހިންޖާ މުސްލިމުން މިޔަންމާގައި ދިރިއުޅޭތާ، އެތައް އަހަރުތަކެއް ވީނަމަވެސް، އެމީހުން ދިރިއުޅެންޖެހެނީ ވަކި އުސޫލުތަކެއްގެ ތެރެއިންނެވެ. އެގޮތުން ރޮހިންޖާ މުސްލިމުންނަށް އެމީހުން ދިރިއުޅޭ ސަރަހައްދުން ދިއުމަށް ވަކި ހުއްދަތަކެއް ހޯދަންޖެހެ އެވެ. އަދި ތައުލީމު ހާސިލު ކުރުމުގަ އާއި ވަޒީފާ އަދާކުރުމުގައިވެސް ވަކި ކަހަލަ ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާމެދު ހިންގާ މި އަނިޔާވެރި އަމަލުތައް އެގައުމުގެ ސިފައިންނާ ސަރުކާރުން ދޮގުކުރެ އެވެ. އަދި އެމީހުން ލާއިންސާނީ ބޮޑެތި އަނިޔާތައް ކުރަމުންނުދާ ކަމަށް ދަނީ ބުނަމުންނެވެ.

ރޮހިންޖާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކަށް ކުރިމަތިލުމަށް " ފެއިތް މޫވްމެންޓް" ގެ ނަމުގައި ރޮހިންޖާގެ މުސްލިމުންގެ ތެރޭގައިވެސް ވަނީ ޖަމާއަތެއް އުފެދިފަ އެވެ. މިއީ ސައުދީން ފަންޑު ކުރާ ބައެއް ކަމަށް ތުހުމަތު ކުރާ އިރު، މި އަނިޔާއަށް ހައްލެއް ނުލިބޭ ނަމަ، މިފަދަ އިތުރު ޖަމާއަތްތައް އުފެދި، ލާއިންސާނީ އިތުރު އަމަލުތައް ހިނގުން ހުއްޓުމެއް ނެތި ކުރިއަށްދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ރޮހިންޖާގެ މުސްލިމުންނާއި ބުޑިސްޓުންނާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކަކީ ގިނަ ދުވަސްތަކެއްވެފައިވާ ހަމަނުޖެހުންތަކަކަށްވާ އިރު މި އަމަލުތަކަށް އަވަސް ހައްލެއް ބޭނުންވެ އެވެ. މިކަން ބަލަން މުޅި ދުނިޔެ އޮތުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނޭ ކަމެއް ނޫނެވެ.

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
4%
38%
58%
0%
0%
ކޮމެންޓް