ކ. މާލެ
|
4 ސެޕްޓެންބަރ 2017 | ހޯމަ 13:48
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރި މީހަކު އަރަފާތު ބިމުގައި ދުއާ ކުރަނީ..
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރި މީހަކު އަރަފާތު ބިމުގައި ދުއާ ކުރަނީ..
ރޮއިޓަރސް
ހައްޖު 1438
ހައްޖުގެ އަޅުކަން ނިމުމަކަށް، 2 މިލިއަން ހައްޖާޖީން އެނބުރި ގައުމަށް ފުރަނީ
 
ހައްޖުގެ ކަންކަން ދިޔައީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު އޮމާން ކޮށް

ރަސްމީ ގޮތުން މި އަހަރުގެ ހައްޖުގެ އަޅުކަން ހޯމަ ދުވަހު ނިމުމަކަށް އަންނާނެއެވެ. އާދިއްތަ ދުވަހު ހައްޖުވެރިން ވަނީ ތަޝްރީގުގެ ދެ ވަނަ ދުވަހު މިނާގައި ޖަމްރާއަށް ހިލައުކުން ކުރިއަށް ގެންގޮސްފައެވެ. ހިލަ އުކުން ފުރިހަމަ ކުރުމަށްފަހު އޮންނާނީ މައްކާއަށް ގޮސް ވަދާއުގެ ތަވާފް ކުރުމެވެ. ވަދާއުގެ ތަވާފަށް ފަހު ބައެއް ހައްޖުވެރިން މަދީނާ އަށް ޒިޔާރަތް ކުރުއެވެ. އަނެއް ބަޔަކު ފުރާނީ އެނބުރި ގައުމަށް ދިއުމަށެވެ.

ހައްޖުވުމަށް ސައުދީއަށް ދިޔަ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން މަދީނާއަށް ޒިޔާރަތް ކޮށްފައެވެ، ނަމަވެސް ގިނަ މީހުން މަދީނާ އަށް ޒިޔާރަތް ކުރަނީ ހައްޖުގެ އަޅުކަން ނިމުމުންނެވެ.

އަވަހަށް ހައްޖުގެ އަޅުކަން ފުރިހަމަ ކުރަން ބޭނުންވާ މީހުން ތަޝްރީގުގެ ދެވަނަ ދުވަހަށް އިރު އޮއްސުމުގެ ކުރިން މިނާ އިން ނުކުމެ ތަޝްރީގުގެ ތިންވަނަ ދުވަހު މައްކާއަށް ގޮސް ވަދާއުގެ ހައްޖު ފުރިހަމަ ކުރެއެވެ. އެނޫން މީހުން ވަދާއުގެ ހައްޖު ކުރުމަށް މައްކާ އަށް ދަނީ ތަޝްރީގުގެ ތިން ދުވަސް މިނާގައި ހިލައުކުމަށް ހޭދަ ކުރުމަށްފަހުގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ގިނަ ހައްޖުވެރިން މިހާރުވަނީ މިނާ އިން ނުކުމެފައެވެ. ވޭތުވެ ދިޔަ 5 ވަރަކަށް ދުވަހު މިނާ ފެނިގެން ގޮސްފައިވަނީ ތޮއްޖެހި ފުރިބާރުވެފައިވާ ތަނެއްގެ ގޮތުގައި ކަމަށް ޚަބަރުތައް ބުނެއެވެ.

 

ހައްޖުގެ ކަންކަން ދިޔައީ އޮމާންކޮށް

ސެކިއުރިޓީ އޮފިޝަލުންނާ ހަވާލާދީ އަރަބި މީޑިއާތައް ބުނާ ގޮތުގައި މި އަހަރު ޖަމްރާއަށް ހިލައުކުމުގެ ހަރަކާތް ކުރިއަށް ދިޔައީ ވަރަށް އޮމާން ކޮށްނެވެ. ފިތި ބާރުވުމާއި މީހުންނަށް އަނިޔާވުން ފަދަ ހިތާމަވެރި ކަމެއް މިފަހަރު ދިމަލެއް ނުވެއެވެ. ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން ޖަމްރާ ސަރަހައްދުގައި 500 ކެމެރާ ހަރުކޮށްފައި ހުއްޓެވެ. ހައްޖުގެ އަޅުކަން އަދާ ކުރާ ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ހަ ހާހަށްވުރެ ގިނަ ކެމެރާގެ އެހީގައި ގަވައިދާ ޚިލާފަށް ކަމެއް ހިނގާތޯ މޮނިޓަރ ކުރުމުގެ އިތުރުން، ތިން ލައްކަ އަށް ވުރެ ގިނަ މީހުން އޮމާން ކަމާއެކު ހައްޖުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖުން ބުނެފައިވަނީ ހައްޖުވެރިން އެނބުރި ގައުމަށްދާ ފުރަތަމަ ފްލައިޓް ފުރާނީ ސެޕްޓެމްބަރު 6 ވަނަ ދުވަހު ކަމަށެވެ. މިގޮތުން ރިޓާން ފްލައިޓްތައް އޮފަރޭޓް ކުރަން ފެށޭނީ، ބުދަ ދުވަހުން ފެށިގެން ކަމަށް ކަމާބެހޭ އެއަރލައިން ތަކަށް ސައުދީގެ ހައްޖާ ބެހޭ މިނިސްޓްރީން ވަނީ އަންގާފައެވެ.

ސިއްޙީ ފަރުވާ ގިނަ ބަޔަކު ހޯދި

ސައުދީ އަރަބިއްޔާގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 10،531 (ދިހަ ހާސް ފަސްސަތޭކަ އެއްތިރީސް) ހައްޖުވެރިން މިނާގެ ހަތަރު ހޮސްޕިޓަލުން އެކި ކަންކަމަށް ފަރުވާ ހޯދިއެވެ. މީގެ އިތުރުން 27،726 (ހަތާވީސް ހާސް ހަތްސަތޭކަ ސައްބީސް) މީހުން ހެލްތް ސެންޓަރުތަކުން ވަނީ ފަރުވާ ހޯދާފައެވެ. ޑޮކްޓަރަށް ދެއްކި މީހުންގެ ތެރެއިން 391 މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ވަނީ ފަރުވާ ދީފައެވެ. ސައުދީގެ ހެލްތް މިނިސްޓްރީން ބުނީ ހާހަކަށް ވުރެ ގިނަ މީހުންނަށް ގަދަ ހޫނުގެ ސަބަބުން ކުރިމަތިވި ސިއްހީ މައްސަލަތަކަށް ފަރުވާ ދޭން ޖެހުނު ކަމަށެވެ.

ސައުދީ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ވެކްސިން ދިނުމުން ފެށިގެން ގޮސް ހެލްތް ސްކްރީން ކުރުމާއި ބަލިވުމުން ފަރުވާ ދިނުންފަދަ ޚިދުމަތްތައް 465،738 (ހަތަރު ލައްކަ ފަސްދޮޅަސް ފަސްހާސް ހަތްސަތޭކަ ތިރީސް އަށެއް) ހައްޖުވެރިންނަށް ދެވުނު ކަމަށެވެ. މީގެ ތެރޭގައި 28 މީހުންގެ ހިތުގެ އޮޕަރޭޝަން ކުރުމާއި، 1520 މީހުންގެ ޑަޔަލެސިސް ހެދުން ހިމެނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
100%
0%
0%
0%
0%
ކޮމެންޓް