ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 16:41
ކުޑަކުދިންގެ ބަގީޗާގައި ޕްލާސްޓިކް ޖަނަވާރުތަކެއް ކޮށްޓަކަށްލާފައިވާތީ ބައެއް ރައްޔިތުން ދަނީ ސަރުކާރަށް ފާޑު ކިޔަމުން ---
ކުޑަކުދިންގެ ބަގީޗާގައި ޕްލާސްޓިކް ޖަނަވާރުތަކެއް ކޮށްޓަކަށްލާފައިވާތީ ބައެއް ރައްޔިތުން ދަނީ ސަރުކާރަށް ފާޑު ކިޔަމުން ---
މުހައްމަދު ފަޒީން
ޕްލާސްޓިކް ސަރުކާރު
މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟
 
ފެންފޯއް ރުއްތައް ކަނޑާލީ މިސަރުކާރަށް އުނދަގޫތަކެއް ވާތީ ކަމަށް ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވޭ
 
ކިނބޫ މަރާލުމަށްފަހު ޕްލާސްޓިކް ޖަނަވާރުތަކެއް ކޮށްޓަކަށް ލައިފި
 
ބޮޑެތި ތާރީހީ ގަސްތަކެއް ކެނޑުމަށްފަހު ޕްލާސްޓިކް ގަސްތަކެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މާލެ ސިޓީގެ މަގުތައް ޒީނަތްތެރި ކުރުމަށް އިންދި ފެންފޯއް ރުއްތައް ކަނޑާލީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުންނެވެ. އެ ރުއްތައް ކަނޑާލީ މިސަރުކާރަށް ބައެއްކަހަލަ އުނދަގޫތަކެއް އެ ރުއްތަކުން ފޯރަމުންދާ ކަމުގެ ތުހުމަތުގައި ކަމަށް ބައެއް ސިޔާސީ ބޭފުޅުން ތުހުމަތު ކުރައްވާފައި ވެއެވެ. އަދި ރުއްތައް ކަނޑާލީ މޫނު ނިވާކޮށްގެން ތިބި ފުލުހުން ކަމަށްވެސް ބައެއް ސިޔާސީ ބޭފުޅުން ތުހުމަތު ކުރެެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނި، ނާޒިމް ޖަލަށްދާން ޖެހިވަޑައިގެންނެވި އަދި ނާޒިމާއި މިސަރުކާރާ ޖެހުނު މައްސަލަތަކުގެ ތެރޭގައި ފެންފޯއް ރުއްތައް ކަނޑާލި މައްސަލަ ފެންމަތި ވެފައިވެއެވެ. ނާޒިމް ވަނީ ފުއްފޯއް ރުއްތައް ކަނޑާލުމާ ދެކޮޅު ހައްދަވާ، އެމައްސަލަ ތަހުގީގު ކުރުމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަރިހުގައި އެދިވަޑައިގަންނަވާފަ އެވެ. އަދި ރައީސް ޔާމީންގެ ސަމާލުކަމަށް ވެސް ގެންނަވާފަ އެވެ.

މާލޭގެ މަގުތަކުގައި ހުރި ހުރިހާ ފެންފޯއް ރުއްތަކެއް ކަނޑައި ބިމާ ހަމަކޮށްލުމަށްފަހު، ދެން ފެނުނުނީ ރާއްޖޭ އެންމެ ތާރީހީ އެއްތަން ކަމަށްވާ ސަލްޓަން ޕާކްގައި ހުރި ބޮޑެތި ބައެއް ގަސްތައް ކަނޑައި ބިމާ ހަމަކޮށްލި ތަނެވެ. އެތާ ހުރި ތާރީހީ ކަޅުވަކަރު މިސްކިތް ވެސް ނަގައިފި އެވެ.

ސަލްޓަން ޕާކުގައި ހުރި ގަސްތައް ކެނޑުމަށްފަހު، ވަކި ސަރަހައްދެއްގައި "ހުޅުދާން ބަގީޗާ"ގެ ނަމުން ބަގީޗާއެއް ހުޅުވިއިރު، އޮތީ ރާއްޖެއިން ބޭރުން ޕްލާސްޓިކް ގަސްތަކެއް ގެނެސް ދިއްލާ އަޅާފަ އެވެ. ގުދުރަތީ ގޮތުން ހެދިފައިވާ އަދި ތާރީހީ ބޮޑެތި ބައެއް ގަސްތައް ކެނޑުމަށްފަހު، ދިއްލޭ ޕްލާސްޓިކް ގަސްތަކެއް ބޭނުންކޮށްގެން އެބަގީޗާ ހުޅުވުމަށްފަހު މާގިނަ ދުވަހެއް ނުވެ، އެތަން ބަންދުކޮށް، މިހާރު އެވަނީ "ރަސްރަނި ޕާކް" ނަމުން ނަންދީ އެތަން ހުޅުވާފަ އެވެ.

މީގެ އެތައް އަހަރެއް ކުރިން ކުޑަކުދިން ހިތްހަމަ ޖައްސާލުމަށް ބޭނުން ކުރަމުންއައި "ކުދަކުދިންގެ ބަގީޗާ" މިސަރުކާރު އައިތާ މާގިނަ ދުވަސްތަކެއްނުވެ ވަނީ ބަންދުކޮށްފަ އެވެ. އެ ބަގީޗާގައި ކުރިން އެކި ވައްތަރުގެ ދޫނިސޫފާސޫއްޕާއި ޕެޓްސްގެ ގޮތުގައި ބޭނުންކުރާ މުސަޅާއި ބުޅާ ފަދަ ޖަނަވާރުތައް ވެސް އެތާ ހުއްޓެވެ. އެ ބަގީޗާގައި އޮތް ކިނބުލަކީ އެ ތަނަށް ގެނައިއިރު ވަރަށް ކުޑަ ކިނބުލެކެވެ. ނަމަވެސް އެ ކިނބުލަށް ކާންދީ ބަލާބޮޑުކޮށް، އެ ބަގީޗާއިން ކުޑަކުދިން ހިތް އުފާކުރަމުން ދަނިކޮށް، މިސަރުކާރުން އެ ބަގީޗާ ބަންދުކުރީ އެވެ. ދެން އިވެންފެށީ ކިނބޫ މަރާލި އަޑުތަކެވެ. އަލުން ބަގީޗާ ހުޅުވިއިރު، ކިނބުލެއް ނެތެވެ. ނަމަވެސް ޕްލާސްޓިކް ޖަނަވާރުތައް ކޮށިކޮށްޓަށް ލާފައިއެބަ ހުއްޓެވެ.

މިއީ ވަރަށް ހެއްވާ ކަމެކެވެ. ކިނބޫ މަރާލުމަށްފަހު ޕްލާސްޓިކް ޖަނަވާރުތަކެއް ކޮށްޓަކަށްލާފައި ބެހެއްޓުމުގެ ބޭނުމަކީ ކޮބައިތޯ ވިސްނާ ވިސްނާ ހަމަ އެއްގޮަތަކަށްވެސް ނުވިސްނުނެވެ. ކޮށްޓަށް ނުލިނަމަވެސް އެ ޕްލާސްޓިކް ޖަނަވާރުތައް ނުފިލާނެ ތާއެވެ.

ނޫނީ ޕްލާސްޓިކް ޖަނަވާރުތަކެއްކަން ނުދައްކަން ކޮށްޓަކަށް ލާފައި ބޭތިއްބީ ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު ތިއީ ބޮޑުވަރެކެވެ.

ފެންފޯއް ރުއްތައް ކަނޑާލުމަށްފަހު، ޕްލާސްޓިކް ގަސްތަކެކެވެ. ކިނބޫ މަރާލުމަށްފަހު، ޕްލާސްޓިކް ޖަނަވާރު ތަކެކެވެ. ސަރުކާރުގެ ބާރު ނެތިގެންދާއިރު ފެންނަނީވެސް ޕްލާޓިކްވަމުންދާ މަންޒެރެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ޕްލާސްޓިކް ރައީސެއް، އުއްތަމަ ފަނޑިޔާރަކަށް ވެސް ޕްލާސްޓިކް ފަނޑިޔާރެއް ނުބަހައްޓައިއްޔާ ކިތައްމެހާވެސް ރަނގަޅެވެ. އެއީ ޕްލާސްޓިކް މީހުންނަށް ރައްޔިތުން ދައްކާ ވާހަކައެއްގެ އަޑު ނީވޭނެތީއެވެ. ތަންތަނުގެ ވެރިންނަށް ތިބެއްވާތީ އަޑުއިވޭ، އަޑުއަހާ، ރަައްޔިތުންގެ ވެރިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
14%
0%
43%
43%
0%
ކޮމެންޓް
2 ސެޕްޓެންބަރ 2017 | ހޮނިހިރު 17:11
ތިމަންނަ
! ގޯހެއް ނޫން ! ޕްލާސްޓިކް ކުކުޅު ބިހާ ޕްލާސްޓިކް ހަނޑު ގެންގުޅޭތަނެއްގައި ތިޔަފަދަ ޕްލާސްޓިކް އެއްޗެތިއުޅޭނެއެވެ.