ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 13:02
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް، ކޮއްކޮ އާދަމް އާޒިމާއެކު
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް، ކޮއްކޮ އާދަމް އާޒިމާއެކު
ރާއްޖެއެމްވީ
ކާނަލް ނާޒިމް
ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!
 
ނާޒިމް އަދިވެސް ޖަލުގައި، އިންސާފު ހޯދައިދޭނެ ފަރާތެއް ނެތް
 
ފިސްތޯލައާ ބެހޭ އެއްވެސް ކަމެއް ނާޒިމަށް އެނގިނުލައްވާނެ ކަމަށް އަދީބު ވިދާޅުވި
 
ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނުނު ކަމަށް ފުލުހުން ބުނި

މިފަހަކުން ފުލުހުން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ބަންދުގެ މުއްދަތު ޖެހުމަށް ހާޒިރުކުރެވުނެވެ. ބަންދުގެ މަޖިލީހުގައި ތިއްބެވީ މެންބަރާއި، މެންބަރުގެ ވަކީލުގެ އިތުރުން، ފުލުހަކާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ ވަކީލަކާއި، ގާޒީއާއި، ކޯޓް އޮފިސަރެވެ. މެންބަރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެކިއެކި ހުއްޖަތު ދައްކަމުން ދަނިކޮށް މެންބަރުގެ ވަކީލް ތެދުވެއްޖެއެވެ. ވިދާޅުވީ މާރީތި މާހައުލެއްގައި ކޮންމެހެން ކަންކަން ނޭނގޭކަމަށް ހެދިގެން ތިބެ ކުރިއަށް ގެންދާނެ ކަމެއް ނެތް ކަމަށެވެ. ގާޒީއަށާއި، މެންބަރަށާއި، ދައުލަތުގެ ވަކީލަށާއި ބަންދުގެ މަޖިލީހުގައި ހާޒިރުވެ ތިބި ހުރިހާ ފަރާތްތަކަށްވެސް މިއީ ސިޔާސީ ގޮތުން ކޮށްގެން އުޅޭ ކަމެއްކަން އެނގޭ ކަމަށް ވިދާޅުވިއެވެ. ކޮންމެހެން މާބޮޑަށް އިޖުރާއަތުތަކާއި ގާނޫނުގެ ވާހަކަ ދައްކައިގެން ކުރިއަށް ގެންދާނެ ބޭނުމެއް ވަކީލަށް ފެނިވަޑައިނުގަތީއެވެ.

ވާނީވެސް އެހެންތާއެވެ. ސިޔާސީ ބޭނުމަކަށް ނުވަތަ ސިޔާސީ ހަސަދައެއް ފިލުވާލުމަށް މީހަކު ބަންދުކޮށް ޖަލުގައި ތަޅުވާލަން ބޭނުންވެއްޖެނަމަ ކިތަންމެ ވަރުގަދަ ދިފާއެއް ބިނާކޮށްގެން ގާޒީގެ ކުރިމައްޗަށް ދިޔަޔަސް އޭގެ ބޭނުމެއް ފެންނަނީއެއް ނޫނެވެ. ނިޔާ ކަނޑައަޅުއްވާއިރު، ކުށެއް ނުކުރާ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ގާނޫނުގެ އެކިއެކި މާއްދާތަކާއި ހަވާލާދެއްވައި ރިއާޔަތްކުރައްވައި، އިސްލާމީ ޝަރީއަތުން ގާއިދާތައްވެސް ވިދާޅުވެލައްވަނީއެވެ. އެ މަރުހަލާގެ ނިންމުން ގަބޫލުނުކުރެވިގެން މަތީ މަރުހަލާއަށް ދިޔަޔަސް ހަމަ ބުއްދިން ވިސްނާ ބަޔަކަށް ބަލައިގަނެވޭނެ ފަރުވާއެއް ލިބެނީއެއްވެސް ނޫނެވެ. 

ދައްކަން މި އުޅެނީ އެ މެންބަރުގެ ވާހަކައެއް ނޫނެވެ. އަދި ކަން އޮތް ގޮތަށް ވަކީލު އެ ދެއްކެވި ވާހަކަތަކުގެ ފުރިހަމަކަމުގެ ވާހަކައެއް ވެސް ނޫނެވެ. މި ދައްކަނީ ބޭއިންސާފާއި އަނިޔާވެރިކަމަށް ހުއްޓުމެއް ނެތް ވާހަކައެވެ. ސިޔާސީ ހަސަދަ ފިލުވާލުމަށް މީހުންނަށް ދެމުންދާ ބޮޑު ލަނޑުތަކުގެ ވާހަކައެވެ. އަނބިދަރިންނާ ދުރުކޮށް، ޖަލުގައި އަނދިރިކަމާއި މާޔޫސްކަމުގައި ގަނަ ތެޅެން މަޖުބޫރުކުރުވަމުންދާ ވާހަކައެވެ. އިންސާފު ހޯދަން ދާނެ ތަނެއް ނެތި މާޔޫސްވެ، ނިޒާމާ މެދު އުންމީދު ކެނޑިފައިވާ ވާހަކައެވެ.

މި ބޭއިންސާފާއި އަނިޔާވެރިކަން އޭގެ އެންމެ މަތީ ދަރަޖައަށް ތަހައްމަލު ކުރައްވަމުން ގެންދަވާ އެއް ބޭފުޅަކީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ކަމާ މެދު ޝައްކެއް ނެތެވެ. މިގައުމުގެ ކުދިބޮޑު އެންމެންނަށްވެސް ނާޒިމަށް ކޮށްގެން އުޅެނީ ސާބިތު ހުކުމެއް ނޫން ކަމާއި، ދީގެން އުޅެނީ ލަނޑެއްކަން މިހާރު އެބަ އެނގެއެވެ. އެޕާޓްމެންޓުން ފެނުނީ ފިސްތޯލައެކެވެ. 11 އަހަރަށް ހުކުމް ކުރީ ނާޒިމްގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން އެ ފިސްތޯލަ ފެނުނު ކަމާއި އެއަށް ޒިންމާވާންޖެހޭ އެހެން މީހަކު ހުރިނަމަ އެ މީހަކު ދެއްކިފައިނުވާ ކަމަށް ބުނެއެވެ. ކުރުކޮށް ބުނާ ނަމަ ނާޒިމަށް އެއީ ނާޒިމްގެ އެއްޗެއް ނޫން ކަން ސާބިތުކޮށް ދެވިފައިނުވާކަމަށް ބުނެއެވެ.

ނާޒިމް އެންމެ ފުރަތަމަ ވެސް ވިދާޅުވީ އެއީ އޭނާގެ އެއްޗެއް ނޫން ކަމަށެވެ. ބަޔަކު މީހުން ލަނޑެއް ދިނުމުގެ ބޭނުމުގައި ފްރޭމް ކުރަނީ ކަމަށެވެ. އެޕާޓްމެންޓަށް ފުލުހަކު ވެއްދި އެއްޗެއް ކަމަށާއި އެކަމުގެ އަޑީގައި ހުންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ. ނަމަވެސް، އެ އަޑުއަހާނެ ފަނޑިޔާރަކު މި ރާއްޖޭގެ ތިން މަރުހަލާގެ ކޯޓުގައި ވެސް ނެތެވެ. ކްރިމިނަލް ކޯޓުގައި ހަމަ މި ވާހަކަތައް ދައްކަވަނިކޮށް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީއެވެ. ހައިކޯޓުގައި މި ވާހަކަތައް ދައްކަވަމުން ދަނިކޮށް ދަށު ކޯޓުގެ ހުކުމަށް ތާއީދު ކުރީއެވެ. ޝަރުއީ އެންމެ މަތީ މަރުހަލާ އިން މައްސަލަ ބޭރުކޮށްލީއެވެ. ދެން އިންސާފު ހޯދަން ދާނީ ވަކި ކޮންތާކަށްތޯއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގެ އޮޔާއި ވައި އެނބުރި، ބާރުގައި ތިއްބެވި ބައެއްގެ އަތުން ބާރުތައް ބީވެގެން ދިޔައެވެ. ޖަރީމާތައް ފޮރުވުމަށް އަޅާފައި ހުރި ފަސްތައް ފަކީރާ ޖަހައި ނަގަން ފަށައިފިއެވެ. އޭގެން އެއް ކަަމަކަށް ވެގެން ދިޔައީ ނާޒިމަށް ދިން ލަނޑެވެ. ނާޒިމްގެ މިނިވަންކަން ނިގުޅައިގަތް ފިސްތޯލައިގެ ހަގީގަތެވެ. "ފިސްތޯލަ އާއި ތިން ވަޒަން، މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެންނަންޖެހުނު ގޮތެއް މުހައްމަދު ނާޒިމަށް އެނގިފައިނުވާނެ ކަމުގެ ކަށަވަރުކަން އިއްޒަތްތެރި އުއްތަމަ ފަނޑިޔާރަށް އަޅުގަނޑު މިއަރުވަނީ، އެ ހާދިސާ އެގޮތަށް ހިނގަން މެދުވެރިވި ސަބަބާއި، އެރޭވުން ފެށިގެން އައި ގޮތާއި އެކަމުގައި ބައިވެރިވި މީހުންނާއި އެކަން ނިމިގެންދިޔަ ގޮތް ނުހަނު ރަނގަޅަށް ދެނެހުރި މީހެއްގެ ހައިސިއްޔަތުން" އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރައްވައި ޖޫން 20 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި އަދީބު ވިދާޅުވިއެވެ. އަދީބު ވިދާޅުވެފައި ވަނީ އެ ތަކެއްޗަކީ ނާޒިމްގެ ތަކެތި ނޫންކަމާ އެތަކެއްޗާ ބެހޭ މައުލޫމާތު ނާޒިމަށް އެއްވެސް އިރެއްގައި އެނގިވަޑައިގެންފައި ނުވާނެކަން ޝަރުއީ ހަމަތަކުގެ މަތިން ސާބިތުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އަދީބު މި ސިޓީއެއް ފޮނުއްވި އިރު، ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށާއި އެކަމަކު ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ބުނަން އަދި އަވަސް ކަމަށް މިދިޔަ އަހަރުގެ ޖޫން 21 ގައި ފުލުހުން އޮތީ ބުނެފައެވެ. އެކަން ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް އެންގިއެވެ. އެ ރިޕޯޓް ސުޕްރީމް ކޯޓަށްވެސް ހުށަހެޅުނެވެ. ނަމަވެސް، ބަންދުގެ މަޖިލީހަށް ހާޒިރުކުރެވުނު މެންބަރުގެ ވަކީލު ވިދާޅުވި ފަދައިން މިއީ ސިޔާސީ ކަމެއްކަން އެންމެންނަށް އެބަ އެނގެއެވެ. އިންސާފުގެ ޒައްރެއްގެ މިންވަރު ވިޔަސް ދޭން ބޭނުމެއް ނުވެއެވެ. ދިވެހި ހުރިހާ ރައްޔިތުންނަށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ވިދާޅުވާއިރު، މިހާ ސާފު މައްސަލައެއްގައި ކޯޓުތަކާއި، ދައުލަތުގެ ބާރުތައް ކަނުވެ، ބީރުވެ، އިންސާފު ހޯދައިދޭން ލަދުގެންފައި މިތިބީ ކީއްވެ ހެއްޔެވެ؟

ނާޒިމަށް އިންސާފު ހޯދައި ނުދޭން ދައްކާނެ އެއްވެސް ހުއްޖަތެއް ނެތެވެ. ނާޒިމްގެ އާއިލާއިން އޮހަރަމުން ގެންދާ ކަރުނަތަކަށް އިންސާފު ލިބެންޖެހެއެވެ. ނާޒިމަށް މި ލިބޭ އަނިޔާތަކަށް އިންސާފު ލިބެންޖެެހެއެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުހައްގުން ލިބެމުންދާނަމަ އެއީ މުޅި އިންސާނިއްޔަތަށް ލިބެމުންދާ އަނިޔާއެކެވެ. އެކަކަށް ވެސް އިންސާފު ނުލިބުމަކީ ހަމަ އެންމެންނަށް އިންސާފު ނުލިބުމެވެ. މިއަދު ނާޒިމެވެ. މާދަމާ ކޮންމެވެސް އެހެން މީހެކެވެ. އެކަކަށް ވެސް ރައްކާތެރިކަމެއް ނެތް ކަމަށް ނާޒިމް ވިދާޅުވި ބަސްފުޅުގެ ތެދުކަން ސިޔާސީ މަސްރަހުގައި އުޅޭ ހަމަ އެންމެނަށްވެސް މިއަދު ވިސްނޭނެއެވެ. އަދި ބައެއް ފަނޑިޔާރުންނަށް ވެސް ވިސްނޭނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
60%
20%
20%
0%
ކޮމެންޓް
2 ސެޕްޓެންބަރ 2017 | ހޮނިހިރު 15:32
ޔެސް އިޓްސް މީ
ދުވަހެއް ތާރީޚެއް ބުނާކަށް ނޭނގެ. ނާޒިމް މިނިވަންވާ ދުވަސް އެއީ ޔާމީނު ކުރިމަތިލާން ޖެހޭނެ ދުވަހެއް. . އެދުވަހަކުން ޔާމީނު ކުޑަގޮޅީގަ އޮންނަ މަންޒަރު މިހާރުވެސް ފެންނަ ކަހަލަ. ވަށައިގެން ކަޅު ކާޅުތަކެއްވެސް އެނބުރޭތަން ފެނޭ.