ކ. މާލެ
|
1 ސެޕްޓެންބަރ 2017 | ހުކުރު 08:42
ސެންފްރެންސިސްކޯގައި ހުންނަ ކޮންސިއުލޭޓް އޮފީހާއި ޓްރޭޑް މިޝަންތައް ހޮނިހިރު ދުވަހާހަމައަށް ބަންދުކުރަންޖެހޭ
ސެންފްރެންސިސްކޯގައި ހުންނަ ކޮންސިއުލޭޓް އޮފީހާއި ޓްރޭޑް މިޝަންތައް ހޮނިހިރު ދުވަހާހަމައަށް ބަންދުކުރަންޖެހޭ
ގެޓީ އިމޭޖަސް
އެމެރިކާ-ރަޝިޔާ
ރަޝިއާގެ ކޮންސިއުލޭޓް އޮފިހާ ދެ ޓްރޭޑް މިޝަން ބަންދުކުރަން އެމެރިކާއިން އަންގައިފި
 
ރަޝިއާއިން ފޮނުވާލާ އެމެރިކާގެ ޑިޕްލޮމޭޓުންނަށް އެގައުމުގައި ތިބެވޭނެ އެންމެ ފަހު ދުވަހަކީ ހުކުރު ދުވަސް
 
ރަޝިއާގައިތިބޭ އެމެރިކާގެ ޑިޕްލޮމޭޓުންގެ އަދަދު މަދުކުރަން މިދިޔަ މަހު އެ ގައުމުންވަނީ ނިންމާފަ
 
ކޮންސިއުލޭޓް އޮފީހާއި ޓްރޭޑް މިޝަންތައް ހޮނިހިރު ދުވަހާހަމައަށް ބަންދުކުރަންޖެހޭ

"ސަބަބެއްނެތި" ރަޝިއާއިން އަމަލުކޮށްފައިވާ ގޮތްތަކުގެ ރައްދެއްގެ ގޮތުން ސެންފްރެންސިސްކޯގައި ހުރި ކޮންސިއުލޭޓް އޮފީހާއި އިތުރު ދެ ޓްރޭޑް މިޝަން ބަންދުކުރުމަށް ރަޝިއާއަށް އަންގައިފިކަމަށް އެމެރިކާއިން ބުނެފިއެވެ.

ކޮންސިއުލޭޓް އޮފީހާއި ނިއުޔޯކާއި ވޮޝިންގޓަންގައި ހުންނަ ޓްރޭޑް މިޝަންތައް ހޮނިހިރު ދުވަހާ ހަމައަށް ބަންދުކުރަންޖެހެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި ފިޔަވަޅު އަޅާފައި މިވަނީ ރަޝިއާގައިތިބޭ އެމެރިކާގެ ޑިޕްލޮމޭޓުންގެ އަދަދު މަދުކުރަން މިދިޔަ މަހު ނިންމިނިންމުމުގެ ރައްދެއްގެ ގޮތުންނެވެ.

ރަޝިއާއިން އެފިޔަވަޅު އެޅީ ކްރައިމިއާގެ މައްސަލަޔާއި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެމެރިކާއިން ރަޝިއާގެ 35 ޑިޕްލޮމޭޓަކު ފޮނުވާލި ފޮނުވާލުމަށްފަހުއެވެ.

ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު މިދިޔަ ޑިސެމްބަރު މަހުވަނީ އެ ޑިޕްލޮމޭޓުން ފޮނުވާލުމުގެ އިތުރުން އެމެރިކާގައި ހުރި ރަޝިއާގެ ދެ ކަމްޕައުންޑެއް ބަންދުކޮށްފައެވެ.

އެމެރިކާގެ އެ ފިޔަވަޅަށް ރަޝިއާއިން ވަގުތުން ރައްދުދީ ބަދަލު ހިފާފައި ނުވާއިރު ރައީސް ވްލާޑިމިއަރ ޕޫޓިން މަޑުކުރައްވާފައިވަނީ ރައީސް ޓްރަމްޕްގެ މަގާމުގެ ދައުރު ފެށެންދެންނެވެ.

ރަޝިއާއިން އެ ގައުމުގައިތިބި އެމެރިކާގެ ޑިޕްލޮމޭޓުންގެ ތެރެއިން 755 މުވައްޒަފަކު ގައުމަށް ފޮނުވާލުމަށް ނިންމިކަން އިއުލާނުކޮށްފައިވަނީ ޖުލައިމަހުގެ 31 ގައެވެ.

ރަޝިއާއިން ފޮނުވާލާ އެމެރިކާގެ ޑިޕްލޮމޭޓުންނަށް އެގައުމުގައި ތިބެވޭނެ އެންމެ ފަހު ދުވަހަކީ ހުކުރު ދުވަހެވެ.އެ ދުވަހަކީ އެމެރިކާގައި ހުންނަ ރަޝިއާގެ ކޮންސިއުލޭޓް އޮފީހާއި އިތުރު ދެ ޓްރޭޑް މިޝަން ބަންދުކުރުމަށް އެމެރިކާއިން ދީފައިވާ ތާރީޚްގެ އެއްދުވަސް ކުރިއެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ބުރާސްފަތި ދުވަހު ވިދާޅުވީ ކޮންސިއުލޭޓް އޮފީހާއި އެ އޮފީހާއެކު ޑިޕްލޮމޭޓުން ތިއްބަވާ ތަނާއި ދެ ޓްރޭޑް މިޝަން ބަންދުކުރަން ޖެހޭނެކަމަށެވެ. ނަމަވެސް ރަޝިއާގެ އެއްވެސް ސްޓާފަކު އެމެރިކާ ދޫކޮށް ދިއުން މަޖުބޫރު ނޫންކަމަށެވެ.

އޮފިޝަލް ވިދާޅުވީ ރަޝިއާއަށް އެ ތަންތަން ބެލެހެއްޓުމުގެ ހުއްދަ އޮންނާނެ ކަމަށާއި ނަމަވެސް ބޭނުން ކުރުމުގެ ހުއްދަ ނޯންނާނެ ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ "ހަމަހަމަ ވުމުގެ ރޫހުގައި އަޅާފައިވާ ފިޔަވަޅުތަކެއް"ކަމަށެވެ.

އެ ގައުމުންވަނީ ދެ ގައުމުގެ ގުޅުން ހީނަރުވީ މޮސްކޯގެ ސަބަބުން ކަމަށް ތުހުމަތުކޮށްފައެވެ.އަދި މިހާރު ހިނގާފައިވާ ކަންކަން ނިމުމަކަށް ގެންނަން ބޭނުންވާކަމަށްވަނީ ބުނެފައެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރ ސަރްގޭ ލަވްރޯވް ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަރސަން އަށް ބުރާސްފަތި ދުވަހު ފޯނުން ގުޅުއްވައި ދެގައުމުގެ ގުޅުން ނުތަނަވަސް ވެފައިވާތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި އޭނާ ވިދާޅުވީ އެމެރިކާގެ ފިޔަވަޅުތަކާ އެއްގޮތަށް  ރައްދު ދިނުމަށްޓަކައި އެމެރިކާގެ އަމުރުތައް ރަޝިއާއިން ދިރާސާކުރަމުންދާނެ ކަމަށެވެ.

ނިއުޔޯކްގައި ސެޕްޓެމްބަރުމަހު ބާއްވާ އދގެ ޢާއްމު ބައްދަލުވުމުގެ ހަވާސާގައި ލަވްރޯވްއާއި ޓިލަރސަން ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް