ކ. މާލެ
|
31 އޯގަސްޓް 2017 | ބުރާސްފަތި 23:22
އީދު ކުޅިވަރު ކުޅެނީ
އީދު ކުޅިވަރު ކުޅެނީ
މުހައްމަދު ޝަރުހާން
އަޟްޙާ ޢީދު
އަޟްޙާ ޢީދު
 
އިސްލާމީ މުޖުތަމަޢުތަކާއި ޚިލާފަށް ދުނިޔޭގެ އެހެން މުޖުތަމަޢުތަކުގައި ޢީދު ފާހަގަކުރަނީ ވަރަށް ތަފާތު ގޮތަކަށް

މުސްލިމުންގެ ބޮޑު ޢީދު ނުވަތަ ޢީދުލް އަޟްޙާއަކީ ދުނިޔޭގެ އެންމެހައި މުސްލިމުން އުފާފާޅުކޮށް އެކަކު އަނެކަކަށް ހެޔޮއެދުމާއި ތަހުނިޔާ ކިޔުމުގެ ދުވަހެވެ. ދުނިޔޭގެ ހުރިހާ މުސްލިމުން އެބައިމީހުންގެ ވެރި އިލާހުގެ މަތިވެރި ނިޢުމަތް ކަމަށްވާ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތަށްޓަކައި ﷲ އަށް ޙަމްދުކޮށް ތަކުބީރުކިޔާދުވަހެވެ. ދުޝްމަން ކަމާއި ޢަދާވާތްތެރި ކަމުގައިވަނިކޮށް އިސްލާމްދީނުގެ  ނިޢުމަތުގެ ސަބަބުން އަޅުގަނޑުމެން ވަނީ އަޚުންކަމުގައި ލައްވާފައެވެ. އަޅުގަނޑުމެންގެ ހިތްތަކަށް މިދީނުގެ ސަބަބުން އޯގާތެރިކަމާއި ލޯބިވަނީ މާތް ﷲ ލައްވާފައެވެ.

މިއަދަކީ  މުސްލިމުންނަށްޓަކައި މާތްﷲ މާތްކުރައްވާ ބަރަކާތްތެރިކުރެއްވި އަޟްޙާ ޢީދު ދުވަހެވެ. އިސްލާމްދީނުގައި ޝަރުޢު ކުރައްވާފައިވާ ދެޢީދުގެ ތެރެއިން މާތްﷲ އަޅުގަނޑުމެންނަށްޓަކައި އުފާފާޅުކޮށް، ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ އެންމެބޮޑު ޢީދުގެ ގޮތުގައި ލައްވާފައިވާ ދިވެހިންގެ ބޮޑު ޢީދު ދުވަހެވެ.


ތާރީޚީ ފަތްފުށްތަކުން އެނގޭ ގޮތުގައި އެވޭލާ ޒަމާނުއްސުރެ ފެށިގެން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މީސްތަކުން އައީ ޢީދުކޮށް އުފާފާޅުކުރަމުންނެވެ. ކީރިތި ރަސޫލާ މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއިރު މަދީނާގެ ރައްޔިތުން ޢީދު ފާހަގަ ކުރަމުން ގެންދެއެވެ. އެކަމާއިގުޅިގެން އެއަށް ވުރެ މާތް  ދެދުވަސް މާތްﷲ އަޅުގަނޑުމެން މުސްލިމުން ޢީދުކުރުމަށް ކަނޑައަޅުއްވާފައިވާކަމަށް އެކަލޭގެފާނު އެންގެވިއެވެ. އެއީ ޙައްޖުގެ މަތިވެރި އަޅުކަމާއި ވިދިގެން އަންނަ އަޟްޙާޢީދު ދުވަހާއި، ރަމަޟާންމަހަށް ފަހު އަންނަ ފިޠުރު ޢީދުދުވަހެވެ.

އަޅުގަނޑުމެން ޢީދު ފާހަގަކޮށްް މުސްލިމުން ކުޅިވަރު ކުޅެ އުފާކޮށް ހެދުމަކީ ހުއްދަވެގެންވާ  ކަމެކެވެ. އެކަކު އަނެކަކަށް ޝުކުރުވެރިވެ ﷲ އަށް ތަކުބީރު ކިޔުމަކީ އިތުރުވެގެންވާ ކަމެކެވެ. އަދި އެދުވަހުގައި ހިތުގެ ކިލަނބުކަން ސާފުކޮށް އެކަކުއަނެކަކަށް ސަލާމް ކުރުން ގިނަކޮށް ސަލާމް ފެތުރުމަކީ މާތް އަޅުކަމެކެވެ.

އިސްލާމީ މުޖުތަމަޢުތަކާއި ޚިލާފަށް ދުނިޔޭގެ އެހެން މުޖުތަމަޢުތަކުގައި ޢީދު ފާހަގަ ކުރަނީ ވަރަށް ތަފާތު ގޮތަކަށެވެ. އެބައިމީހުންގެ ޢީދަކީ ފާޙިޝްކަންތައްތަކާއި މުންކަރާތްތައް ހުއްދަކޮށް ގަންނަ މޫސުމެކެވެ. މާއްދިއްޔަތަށް އަޅުވެތިވުމާއި ދުނިޔޭގެ ޝަހުވަތުގެ ތެރެއަށް ގެނބިގަތުމެކެވެ. ބަނގުރާ ބުއިމާ، ޒިނޭކުރުންފަދަ ބޮޑެތި ޖަރީމާތަކަށް އަރައިގަތުމަކީ ޣައިރުމުސްލިމުންގެ ޢީދުތަކުގައި އެބައިމީހުން ހުއްދަ ކޮށްފައިވާ ކަންކަމެވެ.

އެއާ ޚިލާފަށް މުސްލިމުންގެ ޢީދަކީ ވަކި ކޮންޓްރޯލެއްގެ ދަށުގައި އޮންނަން ޖެހޭ ޢީދެކެވެ. ޢީދުގެ އުފާ ފާޅުކޮށް ﷲގެ ނިޢުމަތްތައް ބޭނުން ކުރަމުންގެންދާއިރު، އަޅުގަނޑުމެންގެ ވެރި އިލާހުގެ ބައްލަވައި ވޮޑިގަތުމާއި އެއިލާހުގެ ކޯފާގެ މަތިން ހަނދުމަ ނެތިކޮށްލައިގެންނުވާނެއެވެ. ހަވާ ނަފްސުގެ ލަގަން ދާނެ ދިމާއަކަށް ދިއުމަށް ޢީދުގައި ދޫކޮށްލުމަކީ އޯގާވަންތަ އިލާހުގެ  ގަދަފަދަ ކޯފާ ޙައްޤުވެދާނޭ ކަމެއްކަން އަޅުގަނޑުމެންގެ ހަނދާނުގައި އަބަދުމެ ބަހަށްޓަން ޖެހޭނެއެވެ.

ޢީދު ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. ޢީދު ނަމާދު ޝަރުޢު ކުރެއްވީ، ހިޖްރައިން ދެވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ރަސޫލުﷲ (ސޢޥ) ކުރެއްވީ ފިޠުރު ޢީދުނަމާދެވެ. ޢީދު ނަމާދަކީ، ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއި ދަތުރުވެރިންނާއި ރަށުގައި  ޤާއިމުވެތިބޭ މީހުންނާއި ، މިއެންމެންގެ މައްޗަށް ސުންނަތް ވެގެންވާ ނަމާދެކެވެ.
ޢީދު ނަމާދަށް ފެންވަރާ ރިވެތިވެ ހުވަނދުލުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. އެހެނީ ރަސޫލުﷲ (ސޢޥ) ޢީދު ދުވަހުގައި މިދެންނެވި ގޮތަށް ކަންތައް ކުރެއްވިކަން ޙަދީޘުން ޘާބިތުވެއެވެ.

ކޮންމެއަކަސް 1438 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހެވެ. އަޟްޙާ ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަމެވެ. އުފާވެރިކަންމަތީ އެދުވަސް ފާހަގަ ކުރުމަށް ގޮވާލަމެވެ. އަޅުކަންތަކުގައި ހީވާގިވެ އުޅެމުން ޢީދުގެ އުފަލުގައި ވެސް ބައިވެރިވާށެވެ. އެކަކު އަނެކަކާއި އޮތް ގާތްކަމާއި އެކުވެރިކަން އިތުރަށް ވަރުގަދަ ކުރާށެވެ. ޢީދަކީ ޢީދު ކަމުގައި ހަދާށެވެ. މިއީ މުސްލިމުން އުފާ ފައުޅު ކުރުމަށް ﷲ ކަނޑައަޅުއްވާ ދެއްވާފައިވާ ދުވަހެކެވެ. އެހެން ނަމަވެސް، އަޅުކަންތަކުގެ މަތިން ހަނދުމަނައްތާލުމަކަށް އެކަލާނގެ އަމުރެއް ނުކުރައްވަތެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި