ކ. މާލެ
|
31 އޯގަސްޓް 2017 | ބުރާސްފަތި 15:10
ދައުވާ އުފުލުމާއި އިންސާފު ކަށަވަރު ކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ޕީޖީގެ އޮފީސް
ދައުވާ އުފުލުމާއި އިންސާފު ކަށަވަރު ކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ޕީޖީގެ އޮފީސް
މުހައްމަދު ޝަރުހާން
ހަމަހަމަކަމާއި އިންސާފު
އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟
 
އިންސާާފުގެ ތިލަފަތް އެއް އަތަށް ބަރުވެފައި
 
ރިޝްވަތު ދޭ މީހާއާއި ހިފާ މީހާއަށް މާތްﷲ ގެ ލައުނަތް
 
ރިޝްވަތު ބެއްސެވި ކަމަށް މެންބަރަކު އިއުތިރާފްވި

އަޅުގަނޑުމެން އެންމެންނަކީ އާދަމްގެފާނުގެ ދަރިންނެވެ. ވަކި ނަސްލަކަށް، ވަކި ފަންތިއަކަށް، ވަކި ގަބީލާއަކަށް އަދި ވަކި ޖަމާއަތަކަށް ބެލުމެއް ނެތި ހުރިހާ އިންސާނުން ވެސް ހަމަހަމަވެގެންވެ އެވެ. ހަމަހަމަކަމާއެކު އެއް މީޒާނަކުން އެންމެންގެ މައްޗަށް އިންސާފު ގާއިމްކުރުމަކީ އިސްލާމީ ޝަރިއްޔާގެ މައިގަނޑު އަސާސެވެ. އިސްލާމީ ޝަރިއްޔާގައި އަލީގައި ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކުގެ ރޫހަކީ ވެސް މިއީ އެވެ. އަދުލުވެރިކަމާއެކު ޝަރީއަތްކޮށް އިންސާފު ގާއިމް ކުރެވެނީ، ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއެކު އެންމެންނާ މެދު އެއް ހަމައަކުން އަމަލުކޮށްގެންނެވެ. މުޖުތަމައުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ދެމި އޮންނަނީ ވެސް މި ރުކުން ފުރިހަމަކުރެވޭ ވަރެއްގެ މައްޗަށެވެ. 

އިންސާނުންގެ މެދުގައިވާ ހަމަހަމަކަން ބަޔާންކޮށްދެއްވައި މާތް ރަސޫލާ، އެކަލޭގެފާނު އިސްލާމީ އުއްމަތަށް ކުރެއްވި އެންމެ ފަހުގެ ވަޞިއްޔަތްޕުޅުކަމުގައިވާ ޙައްޖަތުލްވަދާޢުގެ މަތިވެރި ޚުޠުބާގައި ޙަދީސްކުރައްވާފައިވާ ބަސްފުޅަކީވެސް އިސްލާމްދީނުގައި އިންސާނާގެ މާތްކަމާއި އިންސާނާއަށް ލިބިދީފައިވާ ހަމަހަމަކަން ބަޔާންވެގެންދާ އަލިގަދަ ހެއްކެކެވެ. "އޭ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކަލާނގެއީ އެއްކައުވަންތަ ކަލާނގެއެވެ. ތިޔަބައިމީހުން އެންމެންގެ ބައްޕައަކީ އެކެކެވެ. ތިޔަބައިމީހުން އެންމެންނީ އާދަމްގެ ދަރިންނެވެ. އަދި އާދަމްގެފާނު ހައްދަވާފައިވަނީ މަށީންނެވެ. ހަމަކަށަވަރުން ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މާހާއެވެ. ޢަރަތްބަކަށް ޢަޖަމީއެއްގެ މައްޗަކަށް އަދި ޢަޖަމީއަކަށް ޢަރަތްބެއްގެ މައްޗަކަށް އަދި ކަޅުމީހަކަށް ދޮންމީހެއްގެ މައްޗަކަށް އަދި ދޮންމީހަކަށް ކަޅުމީހެއްގެ މައްޗަކަށް ތަޤުވާވެރިކަމުން މެނުވީ މަތިވެރިކަމެއް ލިބިގެނެއް ނުވެއެވެ."

ހަމަހަމަކަމުގެ ވާހަކަ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. މި މާއްދާގައި ބުނެފައިވަނީ ގާނޫނުގެ ކުރިމަތީގައި އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއް ކަމަށާއި ގާނޫނުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށެވެ.

މި ރިޕޯޓުގައި އަޅުގަނޑު ފާހަގަކޮށްލަން މަސައްކަތް ކުރަމުން މިދަނީ، އަޅުގަނޑުގެ ސިކުނޑިއަށް ވިސްނައިގަންނަން، އަޅުގަނޑުގެ ނަފްސަށް ބަލައިގަންނަން އުނދަގޫވެފައިވާ ކަމެކެވެ. އަޅުގަނޑަށް ވިސްނައިނުގަނެވޭ ކަންތައްތައް ވެސް ހުންނާނެ އެވެ. އެހެންނަމަވެސް، އިންސާފުގެ ތިލަފަތް ކަނޑައެޅިގެން ހައްގު ނޫން ގޮތަކަށް އެއް އަތަށް ބަރުވާ ތަން ފެންނަނަމަ އެއީ "އޮތް ގޮތް" ކަމަށް އަމިއްލަ ނަފްސަށް ވިސްނުވައިދީގެން، އެކަމާ ރުހިގެން ހުންނަން ދަތިވަނީ އެވެ. 

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން ރިޝްވަތު ހުށަހެޅުއްވުމުގެ ދައުވާ ކޮށްފި އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ބުނެ 10 ދައުވާކޮށްފި އެވެ.

ރިޝްވަތު ހަރާމް ކުރައްވާފައިވަނީ އެކަމުގެ ސަބަބުން މުޖުތަމައުގައި ފަސާދަ އުފެދި ޙައްޤާއި އިންސާފު ނެތިކޮށްލުމަށް ބޭނުންކުރެވޭ ހަތިޔާރަކަށްވާތީއެވެ. އެއްވެސް މުޖުތަމައެއްގައި ރިޝްވަތުގެ ކަންތައް ޢާންމުވެއްޖެނަމަ، އެމުޖުތަމައެއްގެ ހަމަޖެހުން ގެއްލި އަމާންކަން ނެތިގެން ހިނގައިދާނެތީއެވެ. ރުޅިވެރިކަމާއި އަދާވާތްތެރިކަމުގެ ޝިކާރައަކަށް އެމުޖުތަމައުގެ އަފްރާދުން ވެދާނެތީއެވެ. ކީރިތި ރަސޫލުގެ ހަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "ރިޝްވަތު ދޭމީހާއާއި ރިޝްވަތު ހިފާ މީހާއާއި ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވާ މީހާއަށް މާތްﷲ ލަޢުނަތް ލައްވައެވެ."

ފާރިސް އަށް ދައުވާކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ އެވެ. މި މައްސަލައާ ގުޅިގެން ބައެއް ބޭބޭފުޅުން ދައްކަވައި ހުރި ވާހަކަތަކުން އެނގޭ ގޮތުގައި ބައެއް މެންބަރުން ފާރިސްގެ އަތްޕުޅުން ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތު ކުރެވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އެހެން މެންބަރަކު ވަނީ "ފައިސާ ގޯނި" ހިއްޕަވައިގެން މެންބަރުންގެ ގާތަށް ވަޑައިގެން، ފައިސާ ބެއްސެވި ކަމަށް އިއުތިރާފްވެވަޑައިގެންފަ އެވެ. ނަމަވެސް، ދައުވާކުރެވި ބަންދުކުރެވުނީ ފާރިސް އެވެ. އޭނާގެ އިއުތިރާފް މާބޮޑު މައްސަލައަކަށް މި ދައުލަތަށް ނުވި އެވެ. އޯކޭ އެވެ. އެ މީހަކު ކުރި ކުށަކަށް އެ މީހެއްގެ މައްޗަށް ގާނޫނު ހިނގަންޖެހޭނެ އެވެ. ފާރިސް ކުށެއް ކުރިއްޔާ އޭނާއަށް ވެސް އަދަބު ދެވެންވާނެ އެވެ.

ފާރިސްގެ މައްސަލައިގައި ހާލަތު ކުރެހިފައިވަނީ މި ދަންނަވާ ގޮތަށެވެ. ފާރިސް ހުށަހެޅުއްވި ކަމަށް ބުނާ ރިޝްވަތު މެންބަރެއް ނުވަތަ މެންބަރުންތަކެއް ނެންގެވީ އެވެ. ދައުވާ ކުރެވުނީ މި ހާލަތުގައި ހުށަހެޅި މީހާގެ މައްޗަށެވެ. ރިޝްވަތު ހިފި މީހާ މާބޮޑު މައްސަލައަކަށް މި ދައުލަތަށް ނުވި އެވެ. "ރިޝްވަތު ދޭމީހާއާއި ރިޝްވަތު ހިފާ މީހާއާއި ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވާ މީހާއަށް މާތްﷲ ލަޢުނަތް ލައްވައެވެ." މި ހަދީޘްފުޅުން، ދެ މީހުން ވެސް ހަމަހަމަވެގެންވާކަން ހާމަވެ އެވެ. ދޭ މީހާއާއި ހިފާ މީހާ ވެސް މާތް ﷲ ގެ ލައުނަތަށް ހުށަހެޅިގެންދެ އެވެ. އެހެންނަމަވެސް، އިންސާފުގެ ތިލަފަތް އެއް އަތަށް ބަރުވެފައިވާ މިންވަރުން ތަހުގީގުކުރާ ފަރާތާއި ދައުވާ އުފުލާ ފަރާތަށް ފެނުނީ މަންޒަރުގެ އެއްބައެވެ.

އަދީބުގެ މައްޗަށް ދައުވާކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ބުނެ އެވެ. މި މައްސަލައިގެ ހާލަތު ކުރެހިފައިވަނީ މި ދަންނަވާ ގޮތަށެވެ. ބޭނުންކޮށްފައިވާ ކަމަށް ބުނާ ނުފޫޒަކީ ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމެވެ. ހޯދައިދިން ކަމަށް ބުނާ ނާޖާއިޒް ފައިދާއަކީ ރަށްތަކެވެ. މި ރަށްތަކެއް ލިބުނު ބައެއް ތިބިކަން މިހާ ހިސާބުން ހާމަވެއެވެ. ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް ބުނާއިރު، ނާޖާއިޒު ފައިދާ ލިބިގަތް މީހުން ކުށްވެރިއެއް ނުވެ އެވެ. އެ މީހުން މާބޮޑު މައްސަލައަކަށް މި ދައުލަތަށް ނުވި އެވެ. ހަމަ ބުއްދިން ވިސްނާލާއިރު، ނާޖާއިޒު ފައިދާއެއް ލިބިގަންނާނެ މީހަކު ނެތް ނަމަ ނާޖާއިޒް ފައިދާއެއް ހޯދައި ދިނުން ވާނީ މުސްތަހީލު ކަމަކަށްކަން އެނގެ އެވެ. އެއް އަތް ތެޅިޔަސް އަޑެއް ނުކިޔާނޭ ބުނާ އުސޫލެވެ.

މިއީ ކަންކަން ހިނގަމުންދާ ގޮތުގެ ދެ މިސާލެވެ. ހަމަހަމަކަމާއެކު އަދާލަތު ގާއިމްކޮށްދިނުމުގެ ރޫހާ ކަނޑައެޅިގެން ޚިލާފަށް ހިންގަމުން ގެންދާ އަމަލުތަކެކެވެ. އެއް ކުށެއްގައި އެކަކަށް ވުރެ ގިނަ މީހުން ހިމެނޭނަމަ އެކަކުގެ މައްޗަށް ޝަރީއަތްކޮށް އަނެކަކު ދޫކޮށްލުމަކީ އެއް މީޒާނަކުން ކިރުމެއް ނޫނެވެ. އެއީ ތަފާތު ކުރުމެއް ނެތި އިންސާފު ގާއިމް ކުރުމެއް ވެސް ނޫނެވެ. މިއީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނާ ހަމަހަމަކަން ނެގެހެއްޓުމެއް ވެސް ނޫނެވެ. ގާނޫނުގެ ކުރިމަތީގައި އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއް ކަމަށް ގާނޫނު އަސާސީ ބުނާއިރު، މިއީ ދިވެހި ދައުލަތުގެ ހަމަހަމަކަމާއި އިންސާފުގެ ތިލަފަށް އެއް އަތަށް ބަރުވެފައިވުމެއް ނޫންތޯ އެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
80%
0%
20%
0%
0%
ކޮމެންޓް