ކ. މާލެ
|
30 އޯގަސްޓް 2017 | ބުދަ 18:25
ޢީދަށް ގިނަ ބަޔަކު ފުރުން
ޢީދަށް ގިނަ ބަޔަކު ފުރުން
ފާތިމަތު ޝަނާ މުހައްމަދު
އީދު ބަންދު
ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!
 
ގިނަ ދަތުރުތަކެއް ޝެޑިއުލްކޮށް އަންނަނީ ދަތުރު ކުރަމުން
 
މީހުން އުފުލާ ދޯނިތައް ވަނީ ފުރިފަ
 
ޢީދު ބަންދަށް ގިނަ ބަޔަކު ދަނީ އަތޮޅު ތެރެއަށް ފުރަމުން

ޢީދު ބަންދާ ދިމާކޮށް ތޮށްޖެހިފައިވާ  މާލެ ސިޓީ ދޫކޮށް ގިނަ ބަޔަކު އަދަބު ވެސް، އަތޮޅު ތެރޭގެ ރަށްތަކަށް ފުރަ އެވެ. ފިތުރު ޢީދާ ހިލާފަށް އަލްހާ ޢީދަށް ލިބޭ ޗުއްޓީ ދިގުވުމުގެ ސަބަބުން މިއީދަށް ޗުއްޓީއަށްދާ މިހުން އެތައް ގުނައެއް އިތުރުވެ އެވެ. މާލޭގެ ހަލަބޮލި މާހައުލުން ދުރަށް ޖެހިލައި، އެކުވެރިންނާއި ގާތް ތިމާގެ މީހުންނާ އެކު ޢީދުގެ އުފާ ފާހަގަ ކުރުމަށް އަތޮޅު ތެރޭގެ ރަކަށް ދިއުމަކީ ވަރަށް އާންމު ކަމެކެވެ. އަތޮޅު ތެރޭގެ ރަށްތަކުގައި  ޢީދު ފާހަގަ ކުރުމުގައި ވެސް ތަފާތުތަކެއް ހުރެ އެވެ. އެގޮތުން ތަފާތު ސަގާފީ ހަރަކާތްތަައް ރަށްރަށުގައި ކުރިއަށްދެ އެވެ.

ރަށްރަށުގައި ކުރިއަށްދާ ޢީދު ކުޅިވަރު ތަކުގެ ތެރޭގައި މާލި ނެރުމާއި ބޮޑު މަސް ނެރުމާއި، ކޯޑި ކެނޑުމާއި، ސްޓޭޖްޝޯ އާއި ތަފާތު އެކި ކަހަލަ މުބާރާތްތައް ރަށްރަށުގައި ކުރިއަށްދެ އެވެ. އާންމު ގޮތެއްގައި ޢީދު ފާހަގަ ކުރަނީ މުޅި ރަށުގެ ރައްޔިތުން އެކުވެގެންނެވެ.

މީގެ އިތުރުން ދިވެހި އެކި ސަރަހައްދުތަކުގައި ޢީދަށް ކައްކާ ކެއުންތައް ވެސް ވަރަށް ތަފާތެވެ. މިކަންކަން ތަޖުރިބާ ކޮށްލުމަށް އަތޮޅު ތެރެއަށް ދިއުމަށް އެންގެ ރަގަޅު ދުވަސް ވަރަކީ ޢީދު ބަންދެވެ.

އަލްހާޢީދު ނުވަތަ ބޮޑު އީދާ ދިމާކޮށް ގިނަ ބަޔަކު ރަށްރަށަށް ފުރާ އިރު، ބުދަ ދުވަހު ވެސް ބަނދަރު ސަރަހައްދު ވަރަށް ހަލަބޮލި އެވެެ. އެގޮތުން ގިނަ ބަޔަކު،ފުރުމަށް ފޮށި ތަންމަތި ބަނދެގެން މާލޭގެ ބަނދަރު ސަރަހައްދުތަކަށް ވަނީ ޖަމާވެފަ އެވެ. ހާއްސަކޮށް، އެމްއެމްއޭ ސަރަހައްދާ މީރު ބަހުރު ބަނދަރު ސަރަހައްދުގައި ގިނަ ބަޔަކު ފުރުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން ބުރާސްފަތި ދުވަހު ވެސް ގިނަ ބަޔަކު އަތޮޅު ތަކަށް ފުރަމުންދާން ތައްޔާރުވެ، ދަތުރުތައް ހަމަޖައްސައިފައިވެއެވެ..

މިދުވަސްވަރު ދޯނި ފަހަރުން ޖާގަ ހޯދުމަކީ ވެސް އެހާ ފަސޭހަކަމަކަށް ނުވެއެވެ. ބައެއް ފަރާތްތަކުން އަގުބޮޑުކޮށް، ލޯންޗު ހިފައިގެން ވެސް ރަށްރަށަށް ދެއެވެ. މީހުން އުފުލާ ދޯނި ތަކުގެ އިތުރަށް، މަސްދޯނި ފަހަރާއި މުދާ އުފުލާ ދޯނިތަކުގައި ވެސް ގިނަ ބަޔަކު ރަށްރަށަށްދެއެވެ.

މުޅި ބަނދަރު ސަރަަހައްދު ވަނީ މީހުން އުފުލާ ދޯނިތަކުން ފުރި ބާރުވެފަ އެވެ.

ބައެއް އޮޑިފަހަރުގައި  300 މީހުން އުފުލާ އިރު، ބައެއް ލޯންޗު ތަކުން ތިން ހަތަރު ދަތުރު ދުވާލު ކުރެ އެވެ. ބުދަ ދުވަހުގެ ހަވީރުގެ ވަގުތު އެ ސަރަހައްދަށް ދިޔަ އިރު ފުރަތަމަވެސް ދިމާވީ، ފ. ނިލަންދޫއަށް ފުރާ ދޯންޏަކާ އެވެ. އެދޯނިން 200 މީހުން ދަތުރު ކުރާ އިރު ބުރާސްފަތި ދުވަހު ވެސް އެދޯނި ހަމަ އެރަށަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ބައެއް މީހުން އުފުލާ ފެރީތަކުން، ޢީދާ ދިމާކޮށް ފަސް، ހަ ދަތުރު ކުރާ އިރު، އަނެއް ބައި ލޯންޗުތަކުން، ހަ ދަތުރު، ހަތް ދަތުުރު ކުރުމަށް ވަނީ ޝެޑިއުލް ކޮށްފަ އެވެ.

ގިނަ ބަޔަކު ކަނޑު ދަތުރު ފަތުރު ކުރާ މިފަދަ ދުވަސްވަރެއްގައި ދަތުރުކުރާ ފަރާތްތަކުން ކަނޑުމަތީގެ ސަލާމަތީ ކަންކަމަށް ސަމާލުވެގެން ދަތުރު ކުރުމަށް ކަމާގުޅޭ ފަރާތްތަކުން ކޮންމެ ފަހަރަކު ވެސް ހަނދާން ކޮށްދެއެވެ.

 އެގޮތުން މިފަހަރު ވެސް، ގަނޑު ދަތުރު ފަތުރު ކުރާ ފަރާތްތަކުގެ  ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް އެމްއެންޑީއެފްގެ އަދި ފުލުހުންގެ މެރިން ޕޮލިސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން މި އޮޕަރޭޝަން ކުރިއަށްގެންދާ އިރު، އެމްއެންޑީއެފް އިން މި އޮޕަރޭޝަން ފަށާފައި ވަނީ މިމަހުގެ 28 ހުން ފެށިގެންނެވެ. އެގޮތުން އެކި ދުވަސް ދުވަހު، އެކި ސަރަހައްދުތަކުގައި ފުލުހުންނާއި އެމްއެންޑީއެފުން ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިން ގިނައިން ގޮވައިގެން ދަތުރުކުރާއިރު، އެ ދޯންޏަކަށް، މީހުން އެރުވުމަށް ހުއްދަ އޮތް މިންވަރަށް މީހުން އަރުވައިގެން  ދަތުރުކުރުމަށާ، ލައިފްޖެކެޓް ހަމައަށް ބެހެއްޓުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި އެނޫންވެސް ކަނޑުމަތީގެ ހާދިސާއެއް ދިމާވާ ހާލަތެއްގައި ބޭނުންކުރަންޖެހޭ ސާމާނު،  ހަމަޔަށް ހުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ކަމާގުޅޭ ފަރާތްތަކުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

ކަނޑުމަތީގެ ސަލާމަތީ ކަންކަމުގެ އިތުރުންވެސް މި ދުވަސްވަރު ސަމާލުވާންޖެހޭ މުހިއްމު ކަންކަން އެބަހުއްޓެވެ.

އެގޮތުން އީދު ބަންދާ ދިމާކޮށް އެކި ތަންތަނަށް ފުރާ އިރު، އެ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ހާމަކުރުމަކީ އެންމެ އެދެވިގެންވާ ކަމެއް ނޫން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ފާހަގަކޮށްފަ އެވެ.

ދިރިއުޅޭ ގެ ހުސްވެފައިވާކަން ހާމަވާނެގޮތަށް، އެމީހަކު ދިރިއުޅޭ ގެއެއް ޓެގް ކޮށްފައި އެ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ޕޯސްޓް ނުކުރުމަށް ފުލުހުން އެދެއެވެ. ޢީދު ބަންދަށް ރަށުން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ސޯޝަލް މީޑީއާގައި ހާމަކުރާ މިފަދަ މައުލޫމާތުގެ ބޭނުންކޮށް، އެކިއެކި ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން ކުށްކުރުމަށް ފުރުސަތުތައް ހޯދަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް