ކ. މާލެ
|
29 އޯގަސްޓް 2017 | އަންގާރަ 18:10
އިންޑިއާގައި "ހުރިހާ ދީންތައް އެއްގަލަކަށް އަރުވާ ކަލަކު" ކަމަށް ދައުވާކުރާ ގުރްމީތު ރާމް ރަހީމް ސިންގް
އިންޑިއާގައި "ހުރިހާ ދީންތައް އެއްގަލަކަށް އަރުވާ ކަލަކު" ކަމަށް ދައުވާކުރާ ގުރްމީތު ރާމް ރަހީމް ސިންގް
ގޫގުލް
ރާމް ރަހީމް
ރާމް ރަހީމަކީ ވަލު ފުރޭތައެއް: ފަނޑިޔާރު
 
2 މީހުން މަރާލިކަމަށް ތުޙުމަތުކުރާ މައްސަލައިގެ ޙުކުމް ކުރުން އަންނަ މަހު
 
ޙުކުމާއި ގުޅިގެން ރާމް ރަހީމަށް ތަބާވާ މީހުން ހިންގި ހަމަނުޖެހުންތަކުގައި 38 މީހުން މަރުވެފައިވޭ
 
ފަންސާހަށްވުރެ ގިނަ އަންހެނުން ރޭޕްކުރި ކަމުގެ ތުޙުމަތު ރާމް ރަހީމްގެ މައްޗަށް ކުރޭ

އިންޑިއާގައި "ހުރިހާ ދީންތައް އެއްގަލަކަށް އަރުވާ ކަލަކު" ކަމަށް ދައުވާކުރާ ގުރްމީތު ރާމް ރަހީމް ސިންގަކީ ނުރައްކާތެރި ވަލު ފުރޭތައެއް ކަމަށް އޭނާގެ މައްޗަށް ޙުކުމްކުރި ފަނޑިޔާރު ވިދާޅުވެއްޖެއެވެ.

ދެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ސާބިތުވުމުން، ރާމް ރަހީމަށް 20 އަހަރު ދުވަހުގެ ޖަލު ޙުކުމް އިއްވަވަމުން، ފަނޑިޔާރު ޖަގްދީޕް ސިންގ ވިދާޅުވީ، ރާމް ރަހީމް އަކީ ނުރައްކާތެރި ވަލުފުރޭތައެއް ފަދަ މީހެއް ކަމަށާ، އޭނާގެ ޙުކުމަށް އެއްވެސް ލުޔެއް ނުދެއްވާނެ ކަމަށެވެ.

މުސްލިމުންނާއި، ކްރިސްޓިއަނުންނާއި، ޔަހޫދީންނާއި، ހިންދޫއިންގެ އިތުރުން ސިކުން އެއްގަލަކަށް އަރުވާ "ކަލާންގެ" ކަމަށް އަމިއްލައަށް ދައުވާކުރާ ރާމް ރަހީމްގެ މައްޗަށް ޙުކުމް ކޮށްފައި ވަނީ، 1992 ކާއި 2002 ވަނަ އަހަރާއި ދެމެދު، އޭނާއަށް ތަބާވާ ދެ އަންހެނަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައެވެ. ޙުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވީ، އޭނާ ހިންގި އަމަލަކީ މީހަކު ހައްޔަރުކޮށްގެން ރޭޕްކުރުން ކަމަށާ، އެކަމަށްޓަކައި ދެވެން އޮންނަ އެންމެ ބޮޑު އަދަބު އޭނާއަށް ޙައްޤު ކަމަށެވެ.

މި މައްސަލައިގައި އަނިޔާލިބުނު 2 އަންހެނުންގެ ފަރާތުން ހުށަހަޅާފައިވަނީ ރާމް ރަހީމްއަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވުމަށެވެ.

މި މައްސަލައިގައި އަނިޔާލިބުނު 2 އަންހެނުންގެ ފަރާތުން ވަކާލާތުކުރި ވަކީލުން ވަނީ، ރާމް ރަހީމް އާއި ދެކޮޅަށް އިތުރު ފަންސާހެއްހާ އަންހެނުން މިފަދަ ތުޙުމަތުތައް ކުރާ ކަމަށާ، އެ މައްސަލަތައް ވެސް ބަލައިދިނުމަށް ބާރުއެޅުމަށް ކޯޓުގައި އެދިފައެވެ.

ރޭޕްގެ މި މައްސަލަތަކުގެ އިތުރުން، 2 މީހަކު މަރާލުމުގެ ތުޙުމަތު ވެސް ރާމް ރަހީމްގެ މައްޗަށް ކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުން އަންނަ މަހު ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ.

ރާމް ރަހީމްގެ މައްޗަށް ހުކުރު ދުވަހު ރޭޕްގެ ކުށް ސާބިތު ވުމާއި ގުޅިގެން ހޯމަ ދުވަހު އޭނާގެ މައްޗަށް ހުކުމް ކުރުމާއި ދެމެދު އޭނާއަށް ތަބާވާ މީހުން ވަނީ އިންޑިއާގައި ހަމަނުޖެހުން ހިންގައި، އެކި ތަންތަނުގައި ރޯކޮށް، މީހުންނާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެގޮތުން މި ހަމަނުޖެހުންތަކުގައި 38 މީހުން މަރުވެފައިވާއިރު އެތައް ސަތޭކަ ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާ ވެފައެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި، ރާމް ރަހީމަށް ހުކުމް ކޮށްފައިވަނީ އޭނާ ހުރި ޖަލަށް ވައިގެމަގުން ފަނޑިޔާރު ގެންގޮސް، ޖަލުގައި ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
33%
0%
50%
17%
0%
ކޮމެންޓް