ކ. މާލެ
|
29 އޯގަސްޓް 2017 | އަންގާރަ 16:39
އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކުރަމުން
އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކުރަމުން
އޭޝިއަން ކޮރެސްޕޮންޑެންޓް
އުތުރު ކޮރެއާ-ޖަޕާން
އުތުުރު ކޮރެއާ އިން ޖަޕާނު ސަރަހައްދުން ފޮނުވާލި މިސައިލް އާއި ގުޅިގެން އދ ސެކިޔުރިޓީ ކައުންސިލުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
 
ސެކިޔުރިޓީ ކައުންސިލުން ކުއްލި ބައްދަލުވުން ބާއްވާނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށް ރިޕޯޓުތައް ބުނޭ

އުތުރު ކޮރެއާ އިން އަންގާރަ ދުވަހު ޖަޕާނުގެ އުތުރު ސަރަހައްދު ހުރަސްކޮށް ފޮނުވާލި މިސައިލް އާއި ގުޅިގެން އދ ސެކިޔުރިޓީ ކައުންސިލުން ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ. 

އދ ގެ ސެކިޔުރިޓީ ކައުންސިލުން ކުއްލި ބައްދަލުވުމެއް ބާއްވާއިރު، އުތުރު ކޮރެއާ އިން ޖަޕާނު ސަރަހައްދުން ފޮނުވާލި މިސައިލާ ބެހޭގޮތުން ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ "އެއީ މިހާތަނަށް ގައުމަށް ކުރިމަތިވެފައިވާ ނުވާ ފަަދަ ބިރުވެރިކަމެއް ކަމަށެވެ."

އުުތުރު ކޮރެއާ އިން އަންގާރަ ދުވަހު ފޮނުވާލި މިސައިލް ވެއްޓިފައި ވަނީ ޖަޕާނުގެ އުތުރުގައިވާ ރަށެއް ކަމުގައިވާ ހޮކައިޑޯގެ އިރުމަތިން 1180 ކިލޯމީޓަރު ބޭރަށެވެ. މިސައިލް ވެއްޓިފައި ވަނީ ވައިގެ ތެރޭގައި މިސައިލް ގޮވައި ތިން ބަޔަށް ބައިބައިވެގެން ކަމަށް ޖަޕާނާއި ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެއެވެ.

އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންޔަންގް އާއި ދުރުނޫން ހިސާބެއްގައި އޮންނަ ސުނާން ކިޔާ ސަރަހައްދަކުން އުދުއްސައިލި މި މިސައިލް ވެއްޓިފައި ވަނީ އެ މިސައިލް ވައްޓާލުމަށް ޖަޕާނުން ފިޔަވަޅެއް ނާޅަނީސް ކަމަށް ޖަޕާނުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.

އުތުރު ކޮރެއާ އިން ދަނީ އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމް އަށް ހަމަލާ ދޭނެ ކަމަށް ބުނެެ އިންޒާރު ވެސް ދެމުންނެވެ. އަދި ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހިންގާ މިސައިލް ޓެސްޓްތައް ވެސް ކުރަމުންނެވެ. ޕެސިފިކްގައި އޮންނަ އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމް ކަނޑަށް މިސައިލް ހަމަލާ ދިނުމާ ބެހޭ ޕްލޭން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ރިވިއުކޮށްފައިވާ  ކަމަށާއި އެހެން ނަަމަވެސް ސީދާ ވަކި ގޮތެއް ނިންމުމުގެ ކުރިން އެމެރިކާގެ އަމަލުތަކަަށް ބަލާނެ ކަމަށް އުތުރު ކޮރެއާ އިން ބުނިތާ މާގިނަ ދުވަހެއް ނުވެއެވެ.

ބައިނަލްއަގްވާމީ ދުނިޔެއިން ތަކުރާރުކޮށް އުުތުރު ކޮރެއާ އަށް އަންގަމުން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެން ނަމަވެސް އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ ގޮވުންތަކަށް ދަނީ ބީރުކަންފަތެއް ދެމުންނެވެ. އދ. އިން ދާދިފަހުން ވަނީ އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
100%
0%
ކޮމެންޓް